ހުޅުމަލޭ ސްޕާއެއްގައި ހަށިވިއްކަމުންދިޔަ ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގައި ހިންގަމުން ދިޔަ ސްޕާއެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެތަނުގައި ހަށިވިއްކަމުންދިޔަ ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން ހައްޔަރު ކޮށްފައިވަނީ ތައިލެންޑް ތިން އަންހެނުންނާއި ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރެހެނެއް ކަމަށެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލެންޑްގެ ތިން އަންހެނުން ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި ދިވެހި ތިން އަންހެނުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި ދިވެހި ފިރެހެން މީހާ ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.