ރާއްޖޭގެ ގާނޫނުތަކަށް ބިދޭސީން އަހުލުވެރިކުރުވުމަށް ފުލުހުން މަސައްކަތްތަކެއް ފަށައިފި އެވެ.
އެގޮތުން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހުޅުމާލެ ޖޭއެމްސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންނަށް މައުލޫމާތު ދީފަ އެވެ.
ހުޅުމާލެ އަވަށްޓެރި ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ބިދޭސީން ހާއްސަ ގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތަފާތުއެކި މައުލޫމާތު ދީފައިވެ އެވެ.
މީގެތެރޭގައި ރާއްޖޭގައި ހަދާފައިވާ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތް ކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މީގެއިތުރުން ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިރުޝާދު ދީފައިވެ އެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތައް އޮޅުންފިލުވައިދީފައިވެ އެވެ.
މި ހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީންނަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މައުލޫމާތު ދީފައިވަނީ އެ ސައިޓުގައި އާންމުކޮށް އެ ބިދޭސީން ވާހަކަދައްކާ ބަސްކަމުގައިވާ ހިންދީ ބަހުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.