މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސްގެ ނަސޭހަތް: ވަގުތު ވަނީ ކަނޑައެޅިފައި، އެއީ ދުނިޔޭގެ އާދަ

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފަކީ ސޯޝަލް މީޑިއާގައި މުހިއްމު ހުރިހާ މުނާސަބަތެއްގައިވެސް އެކަމަކާ ގުޅުވައިގެން ޕޯސްޓް ކުރައްވާ ބޭފުޅެކެވެ. އެފަދަ ބައެއް މެސެޖުތައް ކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވުރެ ނައިބް ރައީސް އަވަސްވެފައި ހަލުވި އެވެ.

އެކަމަކު މިއަދު އެމަނިކުފާނު ސޯޝަލްމީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓަކީ ކޮން މުނާސަބަތަކާ ގުޅުވައިގެން ނުވަތަ ކޮން ކަމަކާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއް ކަމަށް ނޭނގެ އެވެ.

ނައިބް ރައީސް ހުސައިން މީގެކުޑައިރުކޮޅެއް ކުރިން ސޯޝަލްމީޑިއާއަށް ދޫކޮށްލި މެސެޖުގައި އޮތީ ސާފު ތިލަ އިބާރާތުން ދެއްވާފައިވާ އަގުހުރި ނަސޭހަތެވެ. އެކަމަކު އެ ނަސޭހަތުގެ އަސްލު މާނަ ހޯދާނަމަ ފުންކަނޑުތަކުގައި ފީނަންޖެހޭހާ ފުން ކަމަށް ބެލެވެ އެވެ.

ނައިބް ރައީސްގެ ނަސޭހަތުގެ މެސެޖުގައި ވިދާޅުވީ "ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް" ކަމަށެވެ. އަދި "އެއީ ދުނިޔޭގެ އާދަ" ކަމުގައިވެސް ވިދާޅުވި އެވެ.

"އެ ލިބުނު ވަގުތަށް އިހްތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާރަނގަޅެވެ. އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސްގެ ނަސޭހަތް ވަރަށް ރަނގަޅެވެ. މި ނަސޭހަތް ރައްދުވާ ފަރާތެއް އެނގިފައި ނުވުމަކީ އަދި މުޅިން އެހެން ކަމެކެވެ.