"ކޮންމެ ދުވަހަކު ހޭލައިގެން އެންމެ ފުރަތަމަ ވެސް އަހަރެން ނަގަނީ ފޯނު. ދެން ހުޅުވާލެވެނީ ކްލޭޝް އޮފް ކްލޭންސް. އެއީ އަޕްގްރޭޑްކުރަން ޖެއްސި ޓައުން ހޯލް އާއި ގޯލްޑް ސްޓޯރޭޖު ނިމުނުތޯ ބަލަން،" މިއީ ކްލޭޝް އޮފް ކްލޭންސްގެ އެޑިކްޓަކު، އޭނާގެ ވާހަކަ ފެށި ގޮތެވެ.
"އަދިވެސް ނުނިމޭ ޓައުން ހޯލްގެ އަޕްގްރޭޑިން. މި މަސައްކަތް ލަސްވުމަކީ ހަގީގަތުގައި އަހަންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. އެކަމަކު އިތުރަށް ޖެމް ގަންނާކަށް އަހަރެން އަތުގައި މިހާރަކު ލާރިއެއް ވެސް ނެތް. އެހެންވީމަ ޖެހޭނީ އެއް ދުވަސްވަންދެން ކެތްކޮށްލަން."
އުމުރުން 25 އަހަރުގެ މި ޒުވާނާ ބުނީ އޭނާގެ ހަޔާތަށް އިރުއަރަނީ ވެސް އަދި އިރު އޮއްސި، ނިދިބޮޅަށް ވެއްޓިގަންނަނީ ވެސް "ކްލޭޝް އޮފް ކްލޭންސް" ގެ ތެރެއިން ލާފައި ކަމަށެވެ. ބައެއް ރޭރޭ މޮޅުވެގެންނެވެ. އަނެއްބައި ރޭރޭ ބަލިވެ، އަސްލަށް ވެސް ވަރުބަލިވެގެންނެވެ.
އޭނާ އެންމެފަހުން ޖީބުން ހާހެއްހާ ރުފިޔާ ހޭދަކޮށްގެން ގަތް ޖެމްތައް ހުސްވުމުން މިހާރު ހުރީ ހަދާނެ ގޮތް ހުސްވެ ބޯގޮވައިފަ އެވެ.
މިއީ ހަގީގީ ވާހަކައެކެވެ. ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ފްރީމިއަމް ވީޑިއޯ ގޭމް، "ކްލޭޝް އޮފް ކްލޭންސް" އަކީ ހަމަ އަސްލަށް ވެސް ނުރައްކާތެރި ޑްރަގަކަށް ވުރެ އެޑިކްޓިވް އެއްޗެކެވެ.
މިއީ ފިންލޭންޑްގެ، މޯބައިލް ގޭމް އުފައްދާ ކުންފުންޏެއް ކަމުގައިވާ ސުޕަސެލް އިން 2012 ވަނަ އަހަރު ތައާރަފްކޮށްފައިވާ ފްރީމިއަމް ސްޓްރެޓެޖީ ވީޑިއޯ ގޭމެކެވެ. ގޭމު ކުޅެން ލިބެނީ ހިލެ އެވެ.
އެކަމަކު އޭގެ މަރުހަލާތައް ކަޑައްތުކުރަމުންދާ ވަރަކަށް ކުޅުންތެރިޔާ ދަހިވެތިވާ އެހެން ފީޗާސްތައް ތައާރަފްކޮށް މި ފީޗާސްތައް ވިއްކަނީ އެވެ.
މިސާލަކަށް މި ގޭމަށް ބަލާ ނަމަ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ގަންނަން ލިބޭ އަގުބޮޑު ޖަވާހިރަކީ މި ގޭމުގައި ފައިސާގެ ގޮތުގައި ބޭނުންކުރާ "ޖެމްސް" އެވެ. މިއީ ރިއަލް-ޓައިމްއާ އެއްވަރަކަށް ކުރިއަށްދާ މި ގޭމުގެ ހުރިހާ ކަމެއްގެ ދުވެލި އަވަސްކޮށް ކުރިއަރައިގެންދާން ބޭނުންކުރެވޭ އެންމެ ތޫނު ހަތިޔާރުވެސްމެ އެވެ.
ގޭމުގައި އަވަހަށް ކުރިއަރަން ބޭނުން ނަމަ "ޖެމްސް" ވަރަށް ވެސް މުހިންމެވެ. މިއީ އޮންލައިންކޮށް މަލްޓިޕްލް ޕްލެޔަރުންނާ ވާދަކޮށް ހަނގުރާމަކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ވާޗުއަލް ގެއްލުން ދެމުން ކުރިއަށް ދާން ޖެހޭ ގޭމެކެވެ.
ލެވެލް މަތިވަމުންދާ ވަރަކަށް، ގޭމުގެ ޕްލޭޔަރުގެ އާރާއި ބާރު ވެސް ދާނީ ބޮޑު ކިއްލާއަކަށް ބަދަލުވަމުންނެވެ. މިސާލަކަށް ކޮންމެ ކުޅުންތެރިޔަކު ބަލަހައްޓާ އޭނާގެ "އަވަށުގެ" ޓައުން ހޯލް ފަދަ މުހިންމު ބިނާއެއް މަތީ ލެވެލްއަކަށް އަޕްގްރޭޑް ކުރުމަކީ އާދަޔާހިލާފު ބާރުތަކާއި ފުރުސަތުތަކެއް ލިބިގެންދާނެ ކަމެކެވެ.
ޓައުން ހޯލް ފަދައިން ގޯލްޑް މައިން އާއި ހަނގުރާމަވެރިން ތަމްރީނުކުރުމަށް ބޭނުންވާ ހަކަތަ އުފައްދާ މައިންތައް ވެސް އަޕްގްރޭޑްކުރަމުންދާ ވަރަކަށް ގޭމުގެ ފޯރިގަދަވެ އޭގައި މީހާ ޖެހޭލެތް ބޮޑުވަނީ އެވެ.
މީގެ އަޕްގްރޭޑިން އަށް ރިއަލް-ޓައިމް ނަގާއިރު އެކަން ބަދަލުކޮށް މަސައްކަތް އަވަހަށް ނިންމާލަން ބޭނުން ނަމަ ޖެމްސްގެ ބޭނުން ހިފިދާނެ އެވެ.
އެހެންވީމަ، ކުރުގޮތަކަށް ކިޔާލަ ދޭ ނަމަ، މިއީ މި ގޭމުގައި ވާ ގޮތެވެ.
ރަނގަޅު ވާހަކައެކެވެ. މިއީ މި އުޅޭ މަސްތުވާތަކެއްޗަށް ވުރެން ވެސް ފަސޭހައިން ދެވިހިފައި މީހެއްގެ ދިރިއުޅުން ހަލާކުކޮށްލަފާނެ ގޭމެކެވެ. މި ގޭމަކާ ޖެހިގެން ގޮސް ވަރި ފަށަށް އަރާފައިވާ އެތައް ދިވެހިންނެއް ވެސް އެބަ އުޅެ އެވެ.
އަޅުގަނޑުމެންނަށް އާންމުކޮށް މި ފެންނަނީ ކުޑަކުދިން ގޭމު ގޭމަށް ދެވިހިފައިގެން އެއިން ނުނެއްޓިގެން އުޅޭ މަންޒަރެވެ. ނަމަވެސް މިއަދު މި ފެންނަނީ، ގޭމުތަކަށް ދަރިން ދެވިހިފާތީ އެކަމާ ރުޅިގަދަވެގެން އުޅޭ ބެލެނިވެރިޔާ ވެސް ކޮންމެވެސް ގޭމަކަށް ދެވިހިފައިގެން ގޮސް އަމިއްލަ ދަރި އާއި އާއިލާ އަށް ވެސް ސަމާލުކަން ނުދެވޭ މަންޒަރެކެވެ.
"އަޅުގަނޑަށް ވީ ގޮތަކީ މި ގޭމު ކުޅެން ފެށުމުން ދުވާލުގެ ގިނަ ވަގުތު އެއަށް ހުސްކުރެވެން ފެށީ. މިސާލަކަށް ހެނދުނު ހޭލައިގެން ވެސް އެންމެ ފުރަތަމަ ބަލާލެވެނީ، ކައިރީގައި އޮންނަ އަނބިމީހާ އަށް ވުރެ ކުރިން މި ގޭމުގައި އަހަރެންގެ އަވަށަށް ވެފައި އޮތީ ކިހިނެތްތޯ،" މިއީ ވަރަށް ފަހުން ކައިވެނިކުރި ޒުވާނަކު ވަރި ފަށަށް އެރި ގޮތް ކިޔައިދެމުން ބުނި ވާހަކަ އެކެވެ.
"އަންހެނުންނާ އެކު ހޭދަކުރި ވަގުތު ބަދަލުވީ ކްލޭޝް އޮފް ކްލޭންއާ އެކު ހޭދަކުރާ ވަގުތަށް. އެންމެފަހުން ސަލާމަތްނުވާނެކަން އެނގުމުން އަޅުގަނޑު މި ގޭމު ފޯނުން ދުއްވާލީ."
ޔަގީނަށް ވެސް މިއީ އެންމެ ދިވެއްސެއްގެ ވާހަކައެއް ނޫނެވެ. އާބާދީގެ ބޮޑުބައިގައި ޒުވާނުން ތިބިއިރު އަދި މިއިން ކޮންމެ ޒުވާނެއްގެ އަތުގައި ސްމާޓް ފޯނެއް އޮތްއިރު ކޮންމެ ޒުވާނަކު ވެސް ވެފައި މި ވަނީ މި ގޭމަށް ދެވިހިފާފައިވާ މީހަކަށެވެ.
ގްރޫޕު ހަދާލާފައި ކޮފީއަކަށް އެރިޔަސް މި އޮންނަނީ މި ގޭމުގެ ތެރެއިން "ކްލޭންސް ހަނގުރާމަ" ކުރުމެވެ. އޮފީހުގައި ހުސް ވަގުތެއް ލިބޭއިރަށް ވެސް ނުވަތަ ހުސް ވަގުތެއް ނުލިބުނަސް ވަދެވެނީ މި ގޭމުގެ ތެރެޔަށެވެ. ނިދިން ހޭލައިގެން އަދި އެނބުރި އެނދަށް އަރައި އޮންނައިރު ވެސް މި އޮވެވެނީ މި ގޭމުގެ ތެރެއަށް ގެއްލިފަ އެވެ.
މި ގޭމަށް މިހާ ފަސޭހައިން މިހާ ބޮޑަށް ދެވިހިފާ ސަބަބުތަކަށް ބަލާލާއިރު އޭގައި ދައްކުވައިދޭ ވާޗުއަލް ރިއާލިޓީ އަކީ ވަރަށް ބޮޑު ފެކްޓާއެކެވެ. ގޭމު ވެސް ކުރިއަށް ދަނީ އަސްލު ދިރިއުޅުމާ އެއް ވަރަކަށެވެ. މި ސަބަބާ ހެދި މި ގޭމުގެ ތެރެއަށް ވަނުމުން، މި ގޭމް ކުޅޭ މީހާ އަށް އުޅެވެނީ މުޅިން އެހެން ދުނިޔެއެއްގަ އެވެ.
އެހެން ގޮތަކަށް ބުނަނީ ނަމަ، "ދުނިޔެއެއް" ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ލިބެނީ އެވެ. ތިމާ މީހާ ބޭނުންގޮތަކަށް ކުރަހައި ކުލަޖައްސައި އުފާހޯދާނެ ދުނިޔެއެއް ލިބެނީ އެވެ.
އެހެންވީމަ އަސްލު ދިރިއުމުގެ ހުރިހާ ރިހުންތަކެއް މަތިން ހަނދާން ނައްތާލަން ލިބޭ ފުރުސަތަކަށް މި ގޭމުވުމަކީ އޭގެ ވާޗުއަލް ދުނިޔެ އަށް ގިނަ ބަޔަކު އެހާ ފަސޭހައިން ގެއްލޭ އެއް ސަބަބެވެ.
ގޭމު މެދުވެރިކޮށް ލިބޭ ވާޗުއަލް މުއްސަނދިކަމަކީ ވެސް އެޑިކްޓްވާ ސަބަބެކެވެ. ތިމާ ކޮންޓްރޯލް ކުރާ ދުނިޔެއެއްގައި ބާރުގަދަވެ ދެން ތިބި މީހުން ހަތިހަތިކުރުމުގެ ދޮރު ހުޅުވެނީ އެވެ. އަދި ކުރިއަށް ދާ ވަރަކަށް އެހެން ކުޅުންތެރިންގެ މައްޗަށް ކުރި ހޯދައި އެމީހުން އަޅުވެތިކުރުމުގެ ފުރުސަތު ވެސް ތަނަވަސްވެ އެވެ.
މިއީ އިންސާނާގެ ތަބީއީ އާދަކާދަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭމެކެވެ. އަސްލު ދިރިއުޅުމުގައި ހާސިލުނުކުރެވޭ ގިނަ ކަންކަން ފުރިހަމަ އިހުތިޔާރުގެ ދަށުން ހާސިލުކުރެވޭ ގޭމެކެވެ.
މި ގޭމްގައި ފަސޭހަކަމާ އެކު ކުރިއަރައިގެން ދާން ބޭނުން ނަމަ ޖީބުން ކޮންމެވެސް ވަރެއް ހޭދަކޮށްލީމަ އެކަން އެ ނިމުނީ އެވެ. ޖެމް އަށް ބޮޑު އަދަދުތަކުން ހޭދަކުރާ މީހުން ދިވެހިންގެ ތެރޭގައި ވެސް ވަރަށް ގިނަ އެވެ.
މި ޑިމާންޑް ބޮޑުވުމުން އޮންލައިންކޮށް ޖެމް ގަންނަން ނުލިބޭ ފަރާތްތަކަށް އެ މަގު ފަސޭހަކޮށް މިއިން ބޮޑު ވިޔަފާރިއެއް ފަށާފައިވާ މީހުން ވެސް މިހާރު އެބަ އުޅެ އެވެ. މިސާލަކަށް އޮންލައިން އެމްވީގެ ނަމުގައި ފޭސްބުކް މެދުވެރިކޮށް ވިޔަފާރިއެއް ހުޅުވާފައިވާ ފަރާތަކީ ވެސް "ކްލޭޝް އޮފް ކްލޭންސް" ގެ ޖެމްސް އޮންލައިންކޮށް ނުގަނެވޭ ފަރާތްތަކަށް، ހާއްސަ އަގެއް ނެގުމަށް ފަހު ޖެމް ގަނެދޭ ބައެކެވެ.
މި ގޭމަށް ދެވި ހިފާފައިވާ ކޮންމެ ކޮންމެ ދިވެއްސަކަށް އޮންލައިންކޮށް ޖެމް ނުގަނެވެނީ ޖެމް ވިއްކާ އޮންލައިން ފިހާރަތަކަށް ރާއްޖޭގެ ސަރަހައްދުން ވަދެ ވިޔަފާރި ނުކުރެވޭތީ އެވެ. އެހެންވީމަ އޮންލައިން އެމްވީ ފަދަ ފަރާތްތަކުން އެފަދަ އެކައުންޓެއް މެދުވެރިކޮށް ޖެމް ގަނެގެން ވިއްކަނީ އެވެ.
އެމީހުންގެ އަގުތަކަށް ބަލާލާއިރު 200ރ. އަށް 1200 ޖެމްސް އެވެ. އަދި 350ރ. އަށް 2،500 ޖެމްސް އެވެ. އެމީހުން 14،000 ޖެމްސް ވިއްކަނީ 18،00 ރުފިޔާ އަށެވެ.
ބަޔަކު މީހުން ދެވިހިފައި މޮޔަވެގެން މި އަދަދުތަކުން ހޭދަކޮށް މި ޖެމްސްތައް ގަތަސް މިއީ އެއްގޮތަކަށް ވެސް އަތްލެވޭ އެއްޗެހިތަކެއް ނޫނެވެ. ވާޗުއަލް ފައިސާ އެވެ.
އޮންލައިން އެމްވީ އިން ބުނީ ދުވާލެއްގެ މައްޗަށް 10 ވަރަކަށް މީހުންނަށް ޖެމްސް ވިއްކާލެވޭ ކަމަށެވެ.
މި ގޭމުގެ ފޯރި ދިވެހި ޒުވާނުންގެ މެދުގައި ގަދަކޮށް ޒުވާނުންގެ ވަގުތު ކާލަމުން އަންނައިރު މިއީ ތައާރަފްކުރި ހިސާބުން ފެށިގެން އެޕަލްގެ އެޕް ސްޓޯރުގައި ވެސް އެންމެ މަގްބޫލު އެއް ގޭމެވެ. މި ގޭމުން ސުޕަސެލް އަށް 2013 ވަނަ އަހަރު 892 މިލިއަން ޑޮލަރު ލިބުނުއިރު ދުވާލެއްގެ މައްޗަށް 5.15 މިލިއަން ޑޮލަރު ލިބެ އެވެ.