ރާއްޖޭގައި ހަލުވިކަމާއިއެކު ހޭންޑް ފުޓް އެންޑް މައުޓް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ ރާއްޖޭގައި އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި ހޭންޑް ފުޓް އެންޑް މައުތު ފެތުރުން އިތުރުވެގެން ދިއުން ބޮޑު ކަމަށެވެ.
ހޭންޑް ފުޓް އެންޑް މައުތްއަކީ ވައިރަސްއަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.
ބަލިޖެހުނީމަ ފެންނަ އަލާމާތްތައް
- ހުން އައުން
- ބޮލުގަ ރިއްސުން
- ކަރުތެރެ ފާރުވުން
- ވަރުދެރަވުން
- ކާހިތްނުވުން
- އަތްތިލައާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން
ހޭންޑް ފުޓް އެންޑް މައުތް ފެތުރޭ ގޮތް
- ބަލި ޖެހިފައިވާ ކުއްޖާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިން
- ކެއްސާ ކިނބިހި އަޅާ އިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
މި ބަލި އާންމުކޮށް ޖެހެނީ 10 އަހަރުން ދަށުގެ ކުޑަ ކުދިންނަށެވެ. މިގޮތުން ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ 3-7 ދުވަސް ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
ބަލިން ރައްކާތެރިވާނެ ގޮތްތައް
- ގިނައިން އަތް ދޮވުން
- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން
- ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިއުން
- ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
މި ބަލި ޖެހުމުގެ ސަބަބުން އަނގައިގައި ނަގާ ބިހިތަކާއި ހެދި ކެއުމަށް ވެސް އުނދަގޫވެ އެވެ. އެހެންކަމުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ، ސަމާލުވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށް ސިއްހީ މާހިރުން ދެކެ އެވެ.