ގަން އިންޓަނޭޝަނަލް އެއާޕޯޓް

އަންނަ އަހަރު އައްޑޫއަށް ފްލައި ދުބާއީގެ ދަތުރުތައް ފަށަނީ

އަަންނަ އަހަރު ފްލައި ޑދުބާއީ އެއާލައިނުގެ ދަތުރުތައް އައްޑޫ ސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ގަން އިންޓާނޭޝަނަލް އެއާޕޯޓުގެ އޮފިޝަލް މިސްބާހް ނަޒީރް ވިދާޅުވީ އަންނަ އަހަރުފެ ފެބްރުއަރީ މަހުގެ 4 އިން ފެށިގެން ފްލައި ދުބާއީގެ ދަތުރުތައް އައްޑޫއަށް ފަށާނެ ކަމަށެވެ. މިދަތުރުތަކާއި އެކު އެތައް މަންޒިލަކާއި އައްޑޫއާއި ގުޅާލެވޭނެ ކަމަށް ވެސް މިސްބާހް ވިދާޅުވި އެވެ.

އައްޑޫއަށް އެއާލައިންތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ އިނާ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިހާރު އައްޑޫ ސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަނީ ފަސް މަންޒިލަކުންނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފެބްރުއަރީ 4 އިން ފެށިގެން މި އަދަދު 250 އަށް ބަދަލުވެގެން ދާނެ ކަމުގައި ފިރާގު ވިދާޅުވެފައި ވެއެވެ.

އައްޑޫއަށް ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ސީދާ ދަތުރުތައް މަދުވުމަކީ އައްޑޫ ސިޓީ ކައުންސިލާއި ރާއްޖޭގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ކޮންމެހެންވެސް ބައިނަލްއަގްވާމީ ދަތުރުތައް އެ ސިޓީ އަށް އިތުރުކޮށް ޓޫރިސްޓް އެނދު އިތުރުކުރަންޖެހޭ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވެސް މީގެކުރިން ވިދާޅުވެފައިވެ އެވެ.