ރައީސް އޮފީސް

ޔޫރަޕަށް ގެންދާ މަހުގެ ޓެރިފް ކުޑަކޮށްދޭން އެދިވަޑައިގެންފި

ރާއްޖެއިން ޔޫރަޕަށް ގެންދާ މަހަށް ނަގާ ޓެރިފް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ނެދަލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ބޮނީ ހާބޯކް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ނެދަލެންޑްސްއަކީ އީޔޫގެ ގައުމަކަށްވާއިރު ރާއްޖޭން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހަށް 22 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.

މި ޑިއުޓީގެ ސަބަބުން ރާއްޖޭން ޔޫރަޕަށް ގެންދާ މަހަށް ދުނިޔޭގެ ބާޒާރުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ މަތިގެ، ހައުސް އޮފް ލޯޑްސްގައި ރާއްޖޭގެ މަހަށް ޑިއުޓީ ކަނޑާލުމާ ބެހޭ ގޮތުން ސުވާލުކުރުމުން ޑިއުޓީ ކަނޑާލުމުގެ ޝަރުތުތަކަށް ރާއްޖެ މިވަގުތަކު ނުފެތޭކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ނެދަލެންޑްސް ސަފީރު ވަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ދިވެހި ކިޔަވާ ކުދިންނަށް އިތުރުކުރުމަށް ފުރުސަތުތަކެއް ހޯދުން ހިމެނެ އެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސަރަހައްދީ ރައްކާތެރިކަމާއި، ޓެރަރިޒަމާއި، ވަގުފާރިއާ، އަދި ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. މިބައްދަލު ކުރެއްވުމުގައި ނެދަލޭންޑްސްގެ ސަފީރު ވަނީ ނެދަލެންޑްސްގެ އަމިއްލަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ އާ ސަފީރުގެ ދައުރުގައި ދިވެހިރާއްޖެއާ ނެދަލެންޑްސްގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.ަ