އަންހެނުން

އަންހެން ކުދިންނަށް ހިލޭ ކޯޑުކުރަން ދަސްކޮށްދެނީ

"ޝީ ކޯޑްސް އެމްވީ"ގެ ނަމުގައި އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ކޯހެއް މާލޭގައި ކުރިއަށްގެން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ މާލެ, ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދަނީ އުމުރުން 16 އަހަރާއި 26 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށެވެ.

ވިމެން އިން ޓެކް އެމްވީ އިން ބުނީ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސޮފްޓްވެއާ ޑިވެލޮޕްމަންޓް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާނެ ހުނަރު ފޯރިކޮށްދިނުމަށާއި، ޓެކްނޮލޮޖީގެ ދާއިރާއިން ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށާއި ގޭގައި ތިބެގެންވެސް އަންހެން ކުދިންނަށް މި ދާއިރާގައި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި 30 ބައިވެރިން ހިމެނޭ ގޮތަށެވެ.

ފުރަތަމަ ބެޗް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. ދެވަނަ ބެޗް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.

ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ފިޒިކަލް އަދި އޮންލައިން ކޮށެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ޕައިތަން ޕްރޮގްރާމިން ލެންގުއޭޖް ބޭނުންކޮށްގެން ވެބްސައިޓެއް ހަދާނެ ގޮތް ދަސްކޮށްދޭނެ އެވެ. އަދި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތަކުގެ މައުލޫމާތު ދިނުމާއި ދާއިރާގައި މަސައްތަތްކުރާ ފަރާތްތަކާއި ބައްދަލުކޮށް ދާއިރާގައި ކުރިއަށް ދާނެ ގޮތާއި ކުރިއަށް ދިޔުމުގައި ހުރި ފުރުސަތުތައް އެނގިގެންދާނެ ކަމަށްވެސް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވިމެން އިން ޓެކް އެމްވީގެ ވެބްސައިޓް މެދުވެރިކޮށް މިމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާ ވެވޭނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ނުނަގަ އެވެ.