ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަސްވެނިވުން ބާއްވައިފި

ޒުވާނުން ވަޒީފާތަކަށް ނެރެން ދިރާގުން ހިންގާ، އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ މިއަހަރުގެ އިންޓޭކްގެ ގްރެޖުއޭޝަން ބާއްވައިފި އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

ނައިބް ރައީސް ވިދާޅުވީ ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެ ގައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށް ކަމުގަ އެވެ. އެހެންކަމުން މީހުން ބިނާކުރުމަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ޒުވާނުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ދިރާގުން ހިންގާ މި ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ 13 ވަނަ ބެޗެވެ.

ދިރާގުން 2009 އިން ފެށިގެ ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުުރުސަތު ދެނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ އޭލެވެލް ފުރިހަމަކޮށްފައިވާ ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ކުދިންނަށެވެ. އެގޮތުން 15 ކުދިން ވަނީ މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވެ ދަސްވެނިވެފަ އެވެ.

މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ ދަސްވެނިވެފަ އެވެ.

މިއީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ދިރާގުގައި އެކި ދާއިރާތަކުން ތަމްރީން ވާން ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެލަވަންސަކާއެކު ދިރާގުން ހިލޭ މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބެ އެވެ.