މާލޭ ސިޓީ ކައުންސިލް

ސިނަމާލެ ހަތަރެއްގެ ޖޫރިމަނާ މާފުކޮށްފި

ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރު ވަނަ ފްލެޓުގެ ޖޫރިމަނާ މާފުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ 77 ވަނަ ޖަލްސާގައި މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ ސިނަމާލެ ހަތަރު ވަނަ ފްލެޓްތަކުގެ ވެރިން ދައްކަން ޖެހޭ ޖޫރިމަނާ މާފުކުރިކަން ފިނޭންސް މިނިސްޓްރީން މިމަހުގެ 20 ވަނަ ދުވަހު ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެއީ ޖުމްލަ 540،945 ރުފިޔާ އެވެ.

ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދިނުމަށް އެދި ސަރުކާރަށް ރަސްމީކޮށް ދަންނަވައިގެން ކުރި މަސައްކަތް ކާމިޔާބުވީ ކަމަށެވެ. އެ ފްލެޓުގެ ޖޫރިމަނާ މާފު ކުރުމުން ވާކީ ހުރި ހަތަރު ފްލެޓުގެ ޖޫރިމަނާވެސް މާފުކުރާނެ ކަމަށް ބެލެވޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވަނީ މާލޭގައި ހުންނަ ސިނަމާލެ ތިން ފްލެޓާއި މާލެ ހިޔާ ދެ ފްލެޓު އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރުވަނަ ފްލެޓުގެ ޖޫރިމަނާ މާފުކުރުމަށް އެދިފަ އެވެ.

މުއިއްޒު ވިދާޅުވީ ވިިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ޖޫރިމަނާ މިހާރު މާފުކޮށްފައި ވަނީ އެ ފްލެޓުގެ ޖޫރިމަނާގެ އަދަދުތައް އެއްކޮށް ސާފުވެފައިވާތީ ކަމަށެވެ.

"މާލޭގެ ހުރި ހަތަރު ފްލެޓްގެ މަަސައްކަތް ވެސް ވަނީ ފެށިފަ ފަހަރަކު ތަނެއް، ކޭސްބައި ކޭސް ކޮންމެ ފްލެޓެއްގެ ބޭފުޅުންނާ ބައްދަލުކޮށް ނިންމުމުގެ ކަންތައް ކުރިއަށްދަނީ" މޭޔަރު ވިދާޅުވި އެވެ.

ޖޫރިމަނާ އެއްކޮށް ނުވަތަ އޭގެ ބައެއް މާފު ކޮށްފިނަމަ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާ އެއީ ފްލެޓްގެ އަގުން ކެނޑޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށް މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.