އަސްކަރީ ބޭސް އެއް ގާއިމް ކުރުމަށް ލ. އަތޮޅުން ބިމެއް ޗައިނާއަށް ދޭން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 99 އަހަރަށް ލ. އަތޮޅުން ވަރަށް ބޮޑު ބިމެއް ޗައިނާގެ އަސްކަރީ ބޭނުންތަކަށް ދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ދެ ބިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދޭން ޗައިނާއިން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ކޮށްފި ނަމަ ރާއްޖެ އާއި ބޭރުގެ އެހެން ގައުމުތަކުގެ ގުޅުން ވަރަށް ގޯސްވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މިކަންކަން މިހެން ކުރެއްވީމާ މި ރާއްޖޭގެ އެތެރެވަރީގެ އެހެން ބޮޑެތި ގައުމުތަކާއި ދިވެހި ރާއްޖެއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ." އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާ އިސްކޮށް އޮވެގެން ހިންގާ ސިލްކް ރޫޓް މަޝްރޫއުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި މިމަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ރަސްމީކޮށް ސޮއި ކުރުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ނަޝީދު ވަނީ ސިޔާސީ އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން މިހާރު ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ގެންގޮސްގެން ނުވާނެ ކަމަށާއި ހުރިހާ ސިޔާސީ ފަރާތްތަކާ ވެސް މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ކަންކަން ވެގެން ދިޔަ ގޮތް ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި މިއަދު ވެސް ކަންކަން ހިނގަމުން ދަނީ އެމަގުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ކޮންމެވެސް ބޭފުޅަކު ވެރިކަމުގައި ހުންނަވާއިރު ދިމާވާ ކަންކަން ހައްލު ކުރަނީ ވިސްނަވާފައި. ރައީސް ޔާމީން ބޭނުންވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ޖުމްލަ ބާރު ސަރުކާރުގެ ތެރޭގައި އިތުރު ކުރެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން ޕާޓީތަކުގެ މެދުގައި މިހާރު ވެސް މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ބަދަލެއް ގެންނަ ނަމަ އެކަން ވެސް ޕާޓީތަކުން އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރުމަށް ސަރުކާރަށް ނަޝީދު ގޮވާލެއްވި އެވެ.