ވާހަކަ

އިޙްސާސްވޭ

( 26 ނޮވެމްބަރ 2022 އާ ގުޅޭ )

ހުޅުމާލޭގައި ހުރި ފުލުހުންގެ އިދާރާއިން ދައްޔާނާއި އަނީސާ ނުކުތެވެ. މިއުވާނު ވީނުވީއެއް ނޭނގިގެން ރިޕޯޓުކުރީއެވެ. މަންމަ ގެނެސް ގެއަށް ލާފައި ދައްޔާނު ނުކުތީ މަލަކްގެ ކައިރިއަށް ދާށެވެ. އިތުރު ކަމެއް މީހެއްގެ ފަރާތުން ނޭނގެނީސް މަލަކްއަށް ހުރިހާކަމެއް ކިޔާދޭން ދައްޔާނު ގަސްދުކުރީއެވެ. މިހާރު ވެސް މާބޮޑަށް ލަސްވެއްޖެއޭ ދައްޔާނަށް ހީވެއެވެ. ސައިކަލުގައި ދުއްވަމުން އައިއިރު އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. މަލަކްގެ ފައިބުޑަށް ތިރިވެ އާދޭސްކުރާން ޖެހުނަސް އެކަން ވެސް މަލަކް ގެއްލުމަށްވުރެ ދައްޔާނަށް ރަނގަޅެވެ.

ދުވާރު މަތީ މަގުމައްޗާ ވީ ފަރާތުގައި މަލަކް މަޑުކޮށްލައިގެން ހުއްޓެވެ. ދައްޔާނުގެ އިންތިޒާރުގައި ހުރިއިރު އޭނާ ވެސް ދައްޔާނާ ސުވާލުތަކެއް ކުރާން ބޭނުންމެވެ. މާޔަލް ދައްކާ ވާހަކައިގެ ހަޤީޤަތް އެނގެން މަލަކް ބޭނުމީއެވެ. ދައްޔާނު ކަމެއް އޮޅުވާލައިގެން އުޅެނީއޭ ހީކުރަން މަލަކް ބޭނުން ނުވިޔަސް މިވަގުތު އޭނާގެ ޟަމީރަށް އިޙްސާސް ކުރެވެނީ އެފަދައިންނެވެ. އޭނާއަށް ވެސް ޤަބޫލުކުރެވޭ ކަމަކީ ދެ އަހަރު ވަންދެން ދައްޔާނު ނުފެނި ހުރެފައި ދެ މީހުން ބައްދަލުވީ ކުއްލިއަކަށް ކަމެވެ. އެ ބައްދަލުވުން އިއްތިފާގެއްކަމުގައި ޤަބޫލުކުރެވުނަސް މިހާރު އެކަމާ ވެސް މަލަކް ސުވާލު އުފެދިއްޖެއެވެ.

"ހާދަ ކުރިން ފައިބާ ތިހުރީ." މަލަކްގެ ކުރިމައްޗަށް މަޑުކޮށްލި ސައިކަލުގައި އިން ދައްޔާނު ވާހަކަދެއްކިއެވެ.

"ޔާނު އަންނަނީކަން އެނގޭތީ ފޭބީ. ހިނގާ ދާން." މަލަކް މިހެން ބުނެ ދައްޔާނުގެ ސައިކަލު ފަހަތަށް އެރިއެވެ.

ދެ ޒުވާނުން އައިސް ވަނީ ހުޅުމާލޭގެ ރެސްޓޯރެންޓަކަށެވެ. މޭޒެއް ޚިޔާރުކޮށް ދެ ޒުވާނުން ހަމަޖެހިލިއެވެ. ދެ މީހުން ވެސް ތިބީ ވާހަކަދައްކަން ބޭނުންވެފައެވެ. އެހެންވެ އަވަހަށް ކޮފީއަކަށް އޯޑަރު ދިނީ ވެއިޓަރުގެ ކައިރިން ސަލާމަތްވާށެވެ.

"ޔާނު ކުއްލިއަކަށް ދިޔައީ ކުޑޫ ދެއްކީ ތެދުވާހަކައެއް ވީމަތަ؟." ދެ މީހުން އެކަނިވުމާއެކު މަލަކް ވަގުތުން ސުވާލުކޮށްފިއެވެ.

"އަހަރެން ވެސް މިއުޅެނީ އެ ވާހަކަ ދައްކަން. މަލްއަށް ނޭނގޭ ކަންތައްތަކެއް އެބަހުރި. މަލް ފްރެންޑެއް ކަމަށް ހީކޮށްގެން އުޅޭ މިއުވާނަކީ ކާކުކަން އެނގޭތަ؟." ދައްޔާނު އަހާލިއެވެ.

"ޕާސަނަލް އެއްވެސް ކަމެއް ނޭނގޭ. އަނެއްކާ ޔާނު ދަންނަ މީހަކީތަ؟." މަލަކްއަށް ވަގުތުން އަހާލެވުނެވެ. އެއާއެކު ދައްޔާނު ވާހަކަދައްކަން ފެށީ މަލަކްގެ ސުވާލަށް ބޯޖަހާލަމުންނެވެ.

"އެއީ އަހަރެންގެ ބޭބެ. އެއްބަނޑު ބޭބެ. ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އޭނާ." ދައްޔާނުގެ ވާހަކަ މަލަކް މެދުކަނޑާލިއެވެ. އޭނާއަށް ލިބިފައިވާ ސިހުމެއްގެ ސަބަބުންނެވެ.

"ވަޓް... މިއުވާނު... މާނު... މާނު އެއީ ބޭބެއޭ... ކޮން ހުރިހާކަމެއް؟." ހައިރާންކަމާ އެއްވަރަށް މަލަކްގެ އަޑުގައި ހާސްކަން ވިއެވެ.

"ލެޓް މީ ފިނިޝް... އޭރުން އެނގޭނެ. ކޮލެޖުން ދިމާވެ ލޯބި ހުށެހެޅުމުން މަލް އަހަރެން ރިޖެކްޓް ކުރީމަ އަހަރެން ވަރަށް ދެރަވި. އެންމެ ބޮޑަށް މާޔޫސްވީ މަލްގެ ފްރެންޑްސް ކައިރީ އަހަންނޭ ކިޔައިގެން ދެއްކި ވާހަކަތައް އިވިފައި. އެކަމާ ހުރެ އަހަރެންގެ ސެލްފް ކޮންފިޑެންސް މުޅީން ބްރޭކްވި. ހުރިހާ ކަމެއް ފެށުނީ އެހެންވެ. ކޮލެޖަށް އެނބުރި ދާހިތް މުޅީމް ކެނޑުނީ. މަލް ނުފެންނަ ހިސާބަކަށް ދާން ބޭނުންވީ. ކިޔެވުން ވެސް ހުއްޓާލީ... އެ ހުރިހާކަމެއްގައި ޑިޕްރެސް ވެގެން އުޅެނިކޮށް އަހަރެންނަށް މަލް ލިބިދާނޭކަން ވިސްނައިދިނީ މާނުބެ. ބިޓެއް ސެޓުކުރުމުގައި ސިފަ ވެސް މުހިންމުކަން މާނުބެ ބުނި. އަހަރެން ޖިމް ޖައްސަން ފެށީ އެހެންވެ. އަހަރެންގެ އިންސްޕްރޭޝަނަކަށްވީ މާނުބެ. އެހެން ކޮލެޖަކަށް ޖޮއިންކޮށް ކިޔެވުން ކޮންޓިނިއު ކުރަމުން މުޅި ލައިފްސްޓައިލް ބަދަލުކޮށްލީ. އަލުން މަލް އަހަރެން ބަލައިގަންނާނޭ ފަދަ މީހަކަށް ވާން އެ ޑިޓާމިނޭޝަންގައި އަހަރެންނަށް ހިފަހައްޓާލެވުނީ މާނުބެގެ ހިތްވަރާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން. މަލް ސެޓުކުރާނީ ކިހިނެއްކަން ރާވައި އަހަންނަށް ވިސްނާދެމުން ދިޔައީ މާނުބެ. މަލް ކަހަލަ އަންހެންކުއްޖަކަށް ވިސްނޭނީ ރަނގަޅު ރިވެންޖެއް ލިބުނީމަކަން މާނުބެ ބުނި. އަހަރެން ވެސް ބޭނުންވީ އަހަރެން ދެރަވީ ވަރަށް މަލް ދެރަކޮށްލަން. އަހަންނަށް ހުރިހާކަމެއް ޕްލޭންކޮށްދެއްމުން ދިޔައީ މާނުބެ. އޭނާ ބުނާ ގޮތައް އަހަރެން ކަންތައް ކުރަން ފެށީ. މަލް ކާރުގައި އުޅޭކަން ވެސް އެނގުނީ މާނުބެ ފަރާތުން. ފްލާވާ ޝޮޕްގައި ވޯކް ކުރާކަން ވެސް ބުނީ މާނުބެ. މަލްގެ ހުރިހާ ޚަބަރެއް އަހަރެންނާ ހަމައަށް ގެނެސްދެމުންދިޔައީ މާނުބެ. މަލްގެ ދައްތަ އެކްސިޑެންވީ ރޭ ކާރަށް ހެދިގޮތެއް ހެދީ މާނުބެ. އަހަންނަށް އެކަން އެނގެނީ އެރޭ މާނުބެއާއެކީ އުޅުނީމަ. މަލް ދުއްވި ކާރަށް ފާރަލަމުން އަހަރެމެން އައީ. ރޭގަނޑު އާންމުކޮށް އެ ކާރުގައި އުޅެނީ މަލް. އެރޭ މާނުބެ ކާރަށް އެކުރިކަމެއް ކުރިއިރު އަހަރެން ހުރީ ދުރުގައި ފާރައަށް. މީހެއްގެ ހިލަންވެއްޖެއްޔާ މާނުބެއަށް އެކަން އަންގަން. އެކަމަކު ފަހުން ބިރުގަތީ... އެކަހަލަ ބޮޑު އަނިޔާއެއް އެކަކަށް ވެސް ދޭކަށްނުވާނޭ ހިތަށް އެރީ. އަހަރެންގެ ޚިޔާލު ބަދަލުވީތީ މާނުބެ ހުރީ ރުޅިއައިސްފަ. އެހެންވިޔަސް މާނުބެގެ އަޑު ނާހާ އަހަރެން ކާރު ކައިރިއަށް އައީ މަލް ދައްތަ ކާރަން އަރަން އައިތަން ފެނިގެން. އަހަރެން މަލްގެ ދައްތަ ކައިރީ އެ ވާހަކަ ބުނަން މަސައްކަތް ކުރީން. ކާރުގައި ނުދާށޭ ބުނިން. މީހަކު ކާރަށް ކަމެއް ކޮށްފައޭ ވެސް ބުނިން. ސްޓްރޭންޖަރއެއް ބުނާ އެއްޗެއް ޤަބޫލުކުރަން ފަސޭހައެއް ނުވާނެ. އެރޭ މަލްގެ ދައްތައަށް ވެސް ވީ އެހެން. އަހަރެން ދެއްކި ވާހަކައާ އަޅައެއްނުލި. ކާރަށް އަރައި ނައްޓާލީ އަހަރެން ބަލަން ހުއްޓާ." ދައްޔާނުގެ ވާހަކަ މަލަކް މެދުކަނޑާލިއެވެ.

"ތީގެ މާނައަކީ... އެހެންވީމަ... އެރޭ އަސްލު ބޭނުންވީ އަހަރެން އެކްސިޑެންޓްކޮށްލަން." ކުއްލިއަކަށް މަލަކް ވާހަކަދެއްކިއެވެ.

"ފެށުނީއްސުރެ އަހަރެމެންގެ ޓާގެޓަކީ މަލް. އަހަރެމެންނަކަށް ވެސް ނޭނގޭ އެރޭ ކާރަށް މަލް ނާރާ އެހެން މީހަކު އަރާނޭ ކަމެއް." ދައްޔާނު ބުންޏެވެ.

"އޯ މައި ގޯޑް. ޔާނު... އެނގޭތަ ތިކުރެވުނު ކަމެއް." މަލަކްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އިވެމުންދިޔަ ވާހަކަތަކާމެދު އޭނާ ބަސްހުއްޓިފައި ވެއެވެ.

"މަލް..." ދައްޔާނު އިނީ ކަންބޮޑުވެފައެވެ.

"އަހަރެން އެކްސިޑެންޓްކޮށް ނުލެވުނީމަ ދެން ކިހިނެއް ހެދީ." މަލަކްގެ އަޑުގައި ފޫހިކަމެއް ވިއެވެ. ވެއިޓަރު ދެ ކޮފީތަށި ހިފައިގެން އައީ އެވަގުތެވެ. އޭނާ މޭޒު ކައިރިން ދުރަށް ދެން ދެ ޒުވާނުން ހިމޭންކަމުގައި ތިއްބެވެ. އެކަނިވުމުން ދައްޔާނު ވާހަކަދައްކަން ފެށިއެވެ.

"މާނުބެ ބުނީ މަލްއަށް ފެންނަންވީއޭ. ރެސްޓޯރެންޓުން އަންހެންކުއްޖާއެކީ މަލަކްއަށް އެރޭ އަހަރެން ފެނުނީ އެހެންވެ. މާނުބެ ބުނީ މަލްގެ ފްރެންޑުންނާއެކީ އެރޭ ތިބިތަން. އަންހެންކުއްޖަކު ގޮވައިގެން ދާން ބުނީ ވެސް މާނުބެ. ފަރަހައަކީ އޮފީސް ފްރެންޑެއް. އޭނާއަށް ކާންދޭންވެފަ އޮތީމަ އޭނާއަށް ގުޅާލާއިރަށް ހުރީ ރެޑީގަ. އަހަންނާއި މަލް ބައްދަލުވި އެއްވެސް ފަހަރަކީ އިއްތިފާގެއްނޫން. އަހަރެން ހުރިހާކަމެއް ކުރަމުން އައީ މާނުބެ ބުނާހެން. މަލް ފިޔަވާ އަންހެންކުއްޖެއް ކައިރީ ރައްޓެހިވާން ނާހަން. އެހެންވެ ޑޭޓްކުރުމުގެ އެކްސްޕީރިއެންސެއް ނެތް. މާނުބެއަށް ޓްރަސްޓް ކުރީ އެހެންވެ. މާނުބެގެ ޕްލޭން ވޯކް ކުރާކަން އަހަންނަށް ފެންނަމުން ދިޔައީ. ހުރިހާކަމެއް ދިޔައީ އެހާ ސްމޫތްކޮށް. އަހަންނަށް މަލްގެ ސަމާލުކަން އަތުލެވެނު. އަހަރެން ރައްޓެހިވާން އެހިއިރު މަލް ޤަބޫލުވާނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް.... ހުރިހާކަމެއް ބަދަލުވާންފެށީ އެހިސާބުން. މާނުބެގެ ޚިޔާލުތައް އަހަންނަށް ކަމުނުދާންފެށީ ދެން. އަހަރެން ބޭނުންވާގޮތް ބަދަލުވީ... މަލްއާ ރައްޓެހިވެވުމުން އަހަރެން ހަނދާންނައްތާލަން މަސައްކަތް ކުރި ލޯބި އަލުން އާލާވެ ވަރުގަދަވެއްޖެކަން އިޙްސާސް ކުރެވުނީ. މަލް ލޯބިވާކަން އެނގޭއިރު ކިހިނެއް ނަފުރަތު ކުރާނީ. އަހަރެން ވެސް ވަރަށް ލޯބިވޭ މަލްދެކެ. އެހެންވެ މާނުބެއަށް ނާންގާ މަލް ގެއަށް ގެންދިޔައީ. މަންމައާ މީޓުކޮށްދިނީ ވަރަށް އުއްމީދާއެކީ. ދިރިއުޅުމެއް ފަށަން ގަސްދުކުރާކަމުގެ އިޝާރާތެއް މަންމައަށް ދޭން ގަސްދުކުރީ އޭރުން މަލްއަށް ވެސް އަހަރެމެންގެ ގުޅުމާމެދު އަހަރެން ދެކެނީ ކިހާ ސީރިއަސްކޮށްކަން ވިސްނޭނޭ ހިތަށް އަރާފަ. ޢާއިލާއަށް ޚާއްޞަކޮށް މަންމައަށް ލޯބިވެރިޔާ ތަޢާރަފްކޮށްދޭނީ ކައިވެންޏާ ހަމައަށް ދާން ނިންމާ ހިސާބުންކަން އަހަރެން ހުރީ ނިންމައިގެން. އެހާ ސީރިއަސްކޮށް މަލްއާ މެދު އަހަރެން ދުށީ. އެ ދުވަހު ރޫމްގަ ހިނގި އެއްވެސް ކަމަކީ ރޭވުމެއްނޫން. ގޯޑް ޕްރޮމިސް. މަލްއަށް ދެރައެއް ދިނުމުގެ ވިސްނުން އޭރު އަހަރެން ހަނދާން ނައްތާލައިފިން. މާނުބެއަށް އަހަރެން މަލްއާ ސީރިއަސްވެއްޖެކަން އެނގުނީމަ ވަރަށް ރުޅިއައި. އަހަރެންދެކެ މާނުބެ އެހާ ނުރުހުންވީ ފުރަތަމަ ފަހަރު އެއީ. އަހަންނަށް ކަމަކަށް އަމުރުކުރި ވެސް ފުރަތަމަ ފަހަރު. އަހަންނަށް އެންގީ މި ގުޅުން ނިންމާލަން. އެކަމަކު އަހަރެން ދެކޮޅުހެދިން. އަހަރެން ހީކުރީ މާނުބެއަށް އަހަރެން ހިތްހަމަޖެހޭގޮތް މުހިންމުވާނޭކަމަށް. އަހަރެން މަލްއާ ދުރަށް ނުދާނޭކަމާއި ކައިވެނި ކުރާން ވިސްނާކަން ވެސް ބުނިން. އަދިވެސް މަލްދެކެ ވަރަށް ލޯބިވާކަން ބުނިން. މަލް ވެސް މިހާރު އަހަރެން ބަލައިގެންފިކަން މާނުބެއަށް ވިސްނާދޭން މަސައްކަތް ކުރީން. އެދުވަހުގެ ފަހުން މާނުބެ އަހަންނާ ވާހަކައެއް ނުދައްކާ. ހިތަކަށް ނާރާ ދުރުގަ ހުރެގެން އަހަންނާއި މަލްއާ ދެމެދަށް މާނުބެ ވަދެދާނޭ ކަމަކަށް. އަހަންނަކަށް ނުވެސް އެނގޭ މާނުބެ މަލްއާ ވާހަކަދައްކާކަމެއް. އަހަރެންގެ ކޮޓަރިއަށް ވަންނަ ބަޔަކަށް ގޭގައި އުޅޭނީ މަންމައާއި މާނުބެ އެކަނި. މަލްގެ ބްލެކްމެއިލްގެ ވާހަކަތައް ކިޔާދިނީމަ އަހަރެން މާނުބެގެ ކޮޓަރި ޗެކުކުރީ. މާނުބެ އަލަމާރިން އަހަންނަށް ފޮށްޓެއް ފެނުނު. އޭގައި މެމޮރީ ކާޑުތަކަކާއި ޕެންޑްރައިވެއް އޮތް. އަހަރެންގެ ކޮޓަރީގައި އަހަންނަށް ނޭނގި ކެމެރާ ބެހެއްޓީ މާނުބެ. އެ ވިޑިއޯގެ އޮރިޖިނަލް އެ ފޮށީގެ ތެރެއިން އަހަންނަށް ފެނުނު. މަލްއަށް ފޮނުވީ އެޑިޓްކޮށްފައި އޮތް ވީޑިއޯ. މިހާރު އެ ނައްތާލައިފިން. މަލް ހާސްވާކަށް ނުޖެހޭނެ. އެ ވީޑިއޯ ދުވަހަކުވެސް ދެން ލީކެއް ނުވާނެ. މަލް ބްލެކްމެއިލް ކުރަމުން ދިޔައީ މާނުބެ... މަލްއަށް ކެއާ ކުރާކަމަށް ހެދިގެން އުޅޭ މިއުވާނު. މިހާރު އަހަންނަށް ވިސްނިއްޖެ އެންމެން މާނުބެ ކުށްވެރިކުރަނީ ކީއްވެކަން. އޭނާއާ ބައިވެރިވެއްޖެނަމަ އަހަރެން ވެސް ގޯސް މަގު ޚިޔާރު ކުރާނޭ މަންމަ އައީ ބުނަމުން. މިއަދު މިވީ އެހެން... އަހަރެން ޤަބޫލުކުރަން މާނުބެގެ ކޮންމެ ޕްލޭނެއްގައި އަހަރެން ބައިވެރިވިންކަން. މަލްއާ ރައްޓެހިވީ ވެސް ރަނގަޅު ނިޔަތެއްގައި ނޫންކަން. އެކަމަކު... އެކަން ބަދަލުވެއްޖެ. ގޯޑް ޕްރޮމިސް. ބްލީވް މީ މަލް... އައި ސްޓިލް ލަވް ޔޫ... އައި ސްޓިލް ވޯންޓް ޓު މެރީ ޔޫ. މަލް... އަހަރެން ހުރިހާ ކަމަކަށް މަޢާފަށް އެދެން. ވަރަށް ދެރަވޭ. ލަދުވެސް ގަނޭ. އައި އޭމް ސޮރީ." ދައްޔާނު ބުންޏެވެ.

މަލަކް ދެއަތްތިލަ ތެރޭ މޫނު ފޮރުވާލައިގެން އިނެވެ. ހުރިހާ ވާހަކައަކަށްފަހު އޭނާގެ ސިކުނޑި ވެސް މަސައްކަތް ކުރުން ވަގުތުކޮޅަކަށް ހުއްޓުނީ ކަހަލައެވެ. ރުޅި އައިސް ހަޅޭލަވައި ދައްޔާނުގެ މޫނުގައި ޖަހަން ވެސް ހިތަށް އެރިއެވެ. ނަމަވެސް މަލަކްއަށް ހަރާކަތެއް ނުކުރެވުނެވެ.

"މަލް... ސޭ ސަމްތިން." ދައްޔާނު އާދޭސްކޮށްލިއެވެ. މޫނުން ދެ އަތް ނަގައި މަލަކް އިސްއޮބާލައިގެން އިނެވެ. އެވަގުތު މޭޒުމަތީ އޮތް މަލަކްގެ އަތުގައި އަތްޖައްސާލަން ދައްޔާނު އުޅުނު ހިނދު ނިކަން އަވަހަށް މަލަކް އަތް ދަމާލީ ކައިރިއަށެވެ. ދައްޔާނު ބީހެން ނޭދޭ ފަދައިންނެވެ.

"ގެއަށް ދާން ބޭނުމީ." ހިމަހިމަ އަޑަކުން މަލަކް ބުނެލިއެވެ. އޭނާއަށް ދައްޔާނާ ނަޒަރު ސީދާކޮށް ނުލެވުނެވެ.

"އޯކޭ... ހިނގާ." ދައްޔާނު ތެދުވިއެވެ. އޭނާ ރެސްޓޯރެންޓުގެ ކައުންޓަރު ކައިރިއަށް ގޮސް ބިލަށް ފައިސާ ކަނޑާފައި ނުކުތެވެ. އޭރު ސައިކަލުތައް ޕާކުކޮށްފައި ހުރި ދިމާގައި މަލަކް މަޑުކޮށްލައިގެން ހުއްޓެވެ. ދައްޔާނު އައިސް ސައިކަލު ނެރުމުން ފަހަތަށް މަލަކް އަރައިފިއެވެ.

ގޭދޮށަށް މަލަކް އެދުނު ހެން ދައްޔާނު އޭނާ ގެނެސްދިނެވެ. ނަމަވެސް ސައިކަލުން މަލަކް ފައިބައިގެން ދާން އުޅުމުން އޭނާގެ އަތުގައި ދައްޔާނު ހިފިއެވެ. އަނގައިން ބުނުމެއްނެތި ދައްޔާނަށް ބަލާލުމެއް ވެސް ނެތި މަލަކް ދާން ދޫކޮށްލާން ދައްޔާނުގެ ހިތް އެއްބަސްނުވީއެވެ.

"އެއްވެސް އެއްޗެއް ނުބުނެ ދަނީތަ؟." ދައްޔާނަށް އަހާލެވުނެވެ. މަލަކް ތުންފިއްތާލި ތަން ދައްޔާނު ދުށްޓެވެ.

"އަހަރެން ފަހުން ގުޅާނަން. އަދި އެއްވާހަކަ... މާނުބެގެ ޚަބަރެއްނުވެގެން މިރޭ ޕޮލިހަށް އަންގައިފިން. މަލް ކައިރީ ނުބުނެވި އޮތީމަ މިބުނީ. އިތުރަށް އެއްވެސް ކަމެއް މަލްއަށް ސިއްރުކުރާކަށް ނެތިން. މަލް... ވަރަށް ލޯބިވޭ އެންޑް އައި އޭމް ސޮރީ. މަލްގެ ދައްތައާ ކުރިމަތިލާން އަހަރެން ރެޑީ. އެންމެންގެ ކިބައިން މަޢާފަށް އެދެން ބޭނުން. އައި އޭމް ރިއަލީ ސޮރީ މަލް." ދައްޔާނު ވާހަކަދައްކާ ނިމިގެން މަލަކްގެ އަތުން ދޫކޮށްލިއެވެ.

މަލަކް އައިސް އިމާރާތުގެ ތެރެއަށް ވަނުމުގެ ކުރީން ހުއްޓުނެވެ. ފަސްއެނބުރި އޭނާ ބަލާލިއެވެ. ދުވާރު ކައިރީ ސައިކަލު މަތީ ދައްޔާނު އިނީ ބަލާށެވެ. މަލަކް ބަލާލުމުން އޭނާ ނިކަން އަވަހަށް ބޮލުން އިޝާރާތްކޮށްލައިފިއެވެ. ކިހިނެއްވީތޯ އަހާލާ ފަދައަކުންނެވެ. އިސްޖަހާލުމާއެކު މަލަކް އެނބުރި އެތެރެއަށް ވަދެގެން އައީއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލެވުމާއެކު މަލަކްއަށް ހީވީ އޭނާގެ ދެފައި މަޑުއުއްކޮޅަކަށް ވެގެން ދިޔައީ ހެންނެވެ. ހުރިހާ ދިމާއަށް އޭނާ ތިރިވެ ތަޅުންމަތީ އިށީނެވެ.

"އެވްރިތިންގް... އެވްރި ސިންގަލް ތިންގް ވޯޒް ޕްލޭންޑް... ދެއާ ވޯޒް ނޯ ކޮއިންސިޑެންސް. ހީ ޕްލޭޑް މީ... ދޭ ބޯތް ޕްލޭޑް މީ." މޭގައި ކަނާއަތް ޖައްސާލައިގެން އިނދެ މަލަކްއަށް ބުނެވުނެވެ.

މަލަކްގެ ދެ ލޯ ކަރުނުން ފުރެން ފެށިއެވެ. އޭރު ސިކުނޑިއާއި ހިތުގައި ދައްޔާނުގެ ތަސްވީރުތައް ކުރެހުމުން ދަނީއެވެ. އެއްފަހަރާ ހުރިހާ ހަނދާނެއް އައިސް ބޮނޑިވެގަތް ކަހަލައެވެ. ދެ އަހަރު ފަހުން ދައްޔާނު އެރޭ ރެސްޓޯރެންޓުން ފެނުމުން ކުރެވުނު އިޙްސާސްތައް މަލަކް ހަނދާން އެބަހުއްޓެވެ. އެއީ ދައްޔާނުކަން ޤަބޫލުނުކުރެވިގެން އުޅުނު ގޮތެވެ. އައިސްފަ ހުރި ބަދަލުގެ ސަބަބުން އޭނާގެ ފިރިހެންވަންތަ ސޫރަ ފުރަތަމަ ފެނިލުމުން ވެސް މަލަކްގެ ހިތުގައި ކޫރުމެއް އަޅުވާލިއެވެ. އޭނާ ހީކޮށްގެން ހުރީ މިހުރިހާ ކަމަކީ އިއްތިފާގެއް ކަމުގައެވެ.

"ކުޑޫ އެންޑް ރިކް... އެމީހުންގެ ކުށެއްނެތި." މަލަކްއަށް ބުނެވުނެވެ. އައިމީގެ "ބެޗެލާ ޕާޓީ"އަށް ކަމެއް ބާއްވަން ޚިޔާލު ފާޅުކުރި ރޭ މާޔަލް އެދުނީ ގޭގައި ކަމެއް ބޭއްވުމަށެވެ. ނަމަވެސް އެ ޚިޔާލާ ދެކޮޅު ހެދީ މަލަކްއެވެ. އޭނާއާ އައިމީ ވެސް ބައިވެރިކުރީއެވެ. އެރޭ މަޖާކުރުމުގައި އެކުވެރީންނާއެކު މަލަކް އުޅުނުއިރު މާޔަލްއާ މެދު އޭނާ ވިސްނާނުލައެވެ. އެންމެންގެ ސަކަރާތުގައި މާޔަލް ބައިވެރިވީ ކިހާ ކުޑަކޮށްކަން މިހާރު މަލަކް ވިސްނާލީމާ ހަނދާންވެއްޖެއެވެ. އެރޭ މާޔަލް ގެއަށްދާން ބޭނުންވީ ސަބަބެއް އައިމީ ކައިރީ ވެސް ނުބުނެއެވެ. މަލަކްގެ އެކުވެރިޔާގެ ގެއަށް އެންމެން ދިޔައިއިރު މާޔަލް ކޮބާތޯ ބަލާލަން އޭނާ ގުޅާލަން ވެސް އެރޭ މަލަކްގެ ހިތަށް ނޭރީތީ މިހާރު އެކަމާ ހިތާމަކުރެވެއެވެ. ދައްޔާނާއި މިއުވާނު ރޭވި ފަދައިން ކާރުގައި މާޔަލްގެ ބަދަލުގައި އެރޭ އިންނަންވާނީ މަލަކް ކަމުގައި އަމިއްލަ ހިތަށް އަރަންފެށިއެވެ.

"އެ ހުރިހާ ކަމެއްކޮށްފައި ވެސް ލޯބިވާކަން ޤަބޫލުކުރާނީ ކިހިނެއް؟." މަލަކްގެ ހިތް އެ ސުވާލު ކުރިއެވެ.

ދައްޔާނަށް މަޢާފުކުރާނޭ ގޮތެއް މަލަކްއަށް ނުވިސްނެއެވެ. އޭނާގެ އަމިއްލަ ނަފްސާ މެދު މަލަކްވަނީ ލަދުގެންފައެވެ. މިއުވާނަކީ ދައްޔާނުގެ ބޭބެކަން އެނގުނު ހިނދުންނެވެ. އެ ދެ ޒުވާނުންނާ މެދު އޭނާގެ ހިތުގައި ޝުޢޫރުތަކެއް އުފެދުނެވެ. ފުން ޖަޒުބާތުތަކެއް ވިއެވެ. ކޮއްކޮއާއި ކޮއްކޮގެ ލޯބިވެރިޔާގެ ސިއްރު ވީޑިއޯއެއް ކުރާން ކެރޭނީ ކިހާ ލަދުހަޔާތެއް ނެތް ބޭބެއަކަށް ހެއްޔެވެ. ރީތިކަމުގެ މޫނު މައްޗެއްގެ ނިވަލުގައި ހުރީ ނުބައި އިފުރީތެއްކަން މަލަކްއަށް މޭރުން މިވީ އަދިކިރިޔާއެވެ. މިއުވާނުގެ ވާހަކަތައް ހުރިލެއް އޮމާންކަން ހިތަށް އަރާފައި މަލަކްއަށް ދެ ފަރާތަށް ބޯހޫރާލެވުނެވެ. މަކަރުވެރިއެއްގެ މަޅީގައި އޭނާ ޖެހިއްޖެއެވެ. ނަމަވެސް މިއުވާނު އޭނާއަށް ހެދި މަޅިގަނޑުގައި ހައްޔަރު ނުވަނީސް ސަލާމަތް ވެސް ވެއްޖެއެވެ. ދައްޔާނު ކުށްވެރިކޮށް އޭނާއާ އޮތް ގުޅުން ކަނޑާލައި މިއުވާނާ ގުޅެވުނުނަމަ ކަންތައްވާނީ ކިހިނެއްކަން ތަސައްވުރުކޮށްލަން ވެސް މަލަކްއަށް ދައްޗެވެ. އެކަމަކު މިހާރު މަލަކްއަށް ޔަގީންވާ ކަމަކީ އެފަދައިންވީނަމަ އޭނާގެ ދިރިއުޅުން އަބަދަށް އަނދިރިވީސް ކަމެވެ.

ޖެހިގެން އައި ދުވަހެވެ. ހެނދުނު ސައިގެ ވަގުތު ނިމިގެން ދިޔައިރު ވެސް މަލަކް ނުފެންނާތީ އެންމެން ތިބީ ސުވާލު އުފެދިފައެވެ. މައިރާ އައިސް މަލަކްގެ ކޮޓަރީގައި ޓަކިޖަހައި ގޮވިއެވެ. އާމާލް ނިންމީ މަލަކް ނިދިގަދަވެފައި އޮތީކަމަށެވެ. ހޭލެވުނީމާ ތެޅެމުންފޮޅެމުން އަންނާނޭކަމުގައި އޭނާ ބުނެލިއެވެ. އާމާލްގެ ވާހަކައިން އެންމެންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ރަޖާ އެއްފަރާތް ކޮށްލާފައި މަލަކް އެނދުން ތެދުވިއެވެ. އެހެން ކިތަންމެ އިރަކު އޮތަސް އެއްވެސް ކަމެއް ހައްލެއް ނުވާނޭކަން އެނގޭތީއެވެ. ދައްޔާނު ހާމަކުރި ހިތި ހަޤީޤަތް ދައްތަމެންނަށް ކިޔާދޭން މަލަކް ނިންމިއެވެ. ނަމަވެސް އޭނާ އެ ހަޤީޤަތުން އެއްކަމެއް އުނިކުރާނެއެވެ. އެ ހަޤީޤަތަކީ އޭނާގެ ކަށްވަޅަށް ހިފައިގެންދާނޭ ސިއްރެކެވެ. އެއްވެސް މީހަކަށް އެކަން އެނގޭކަށް މަލަކް ނޭދެއެވެ.

މަޒްހަރާއި ރަޒާ އޮފީހަށް ދާހާ އިރުކޮށްފައި މަލަކް ކޮޓަރިން ނުކުތެވެ. އޭނާ މިއަދު ކޮލެޖަށް ދާ ހިތް ނެތީއެވެ. އެކުވެރީންނާ ކުރިމަތިލާން ނުކެރުނީއެވެ. މަރިޔަމްއާއި ޖުމާއަށް ވެސް ދައްޔާނާއި މަލަކް ރައްޓެހިވިކަން މިހާރު އެނގިފައި އޮތީމައެވެ. ރައްޓެހިވި ކުދީންނާ ގުޅިގެން މަލަކް އެންމެ ގިނައިން މަޝްވަރާކޮށް ހެދީ އެ ދެ އެކުވެރީންނާއެވެ. ދައްޔާނާ ރައްޓެހިވުމަށްފަހު މަލަކް އުޅުނީ އެހެންޏާ ނޫޅޭހާ ސިއްރުވެރިކޮށެވެ. ރައްޓެހިވިކަން ވެސް ބުނީ މަރިޔަމްއަށް އެކަން ޔަގީންވެގެން އަހާވަރުންނެވެ. ދައްޔާނާއި އޭނާގެ ގުޅުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ނުދެއްކުނުކަން އެއީ ނަސީބެކޭ މިހާރު މަލަކް ހިތަށް އަރައެވެ. މަލަކް އައިސް ބަދިގެއަށް ވަނެވެ. މަލަކް ސައިބޯން އިންދާ މާޔަލްގެ ކޮޓަރިން މައިރާއާއި މާޔަލް ނުކުތެވެ. އެމީހުން އައިސް އިށީނީ މަލަކް ކައިރީ ކާމޭޒު ދޮށުގައެވެ.

"ކޮލެޖަށް ނުދަންތަ؟." މައިރާ އަހާލިއެވެ. ޖަވާބެއްގެ ގޮތުން މަލަކް ހޫން ލައްވާލިއެވެ.

"ރޭގަ ބީއެފްއާ މީޓުކުރަންތަ ދިޔައީ." ކޮއްކޮއަށް ފަރުވާތެރިކަމާއެކު ބަލަން އިނދެފައި މާޔަލް އަހާލިއެވެ. ދެން ވެސް ވާހަކަތަކެއް ނުދައްކާ މަލަކް ޖަވަބޫ ދިނީ ބޮލުން ކޮށްލި އިޝާރާތުންނެވެ.

"ކިއްވެފަ ތިއިނީ. އަދިވެސް ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުނުވަނީތަ؟." މައިރާ އަހާލިއެވެ.

(ނުނިމޭ)