އީޕީއޭ

މާލޭ ފަޅުތެރެއިން މަރުވެފައިވާ ގިނަ އަދަދެއްގެ ދޫނިތަކެއް

މާލޭ ފަޅުތެރޭގައި ގިނަ އަދަދެއްގެ ވައްލަތަކެއް މަރުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އާންމުކޮށްފި އެވެ.

އީޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި އާންމުކުރި ދެ ފޮޓޯގައި ފެންނަނީ މަރުވެފައިވާ ވައްލަތަކެއް މާލޭގެ މާފަންނު ސްޓޭޑިއަމާ ދިމާލު މޫދުގައި އޮޔާދާ މަންޒަރެވެ. މި ފޮޓޯތަކަކީ އާންމު މީހަކު ހިއްސާކޮށްފައިވާ ފޮޓޯތަކެއް ކަމަށްވެސް އީޕީއޭއިން ބުންޏެވެ. މަރުވެފައިވާ 15 ވައްލަ އެފޮޓޯތަކުން ފެނެ އެވެ.

އީޕީއޭއިން ބުނި ގޮތުގައި ބޮޑަށް ބެލެވެނީ މި ދޫނިތަކަކީ ގެންގުޅުމުގެ ތެރޭގައި ބައެއްގެ އިހުމާލުން މަރުވުމުން މޫދަށް އެއްލާލާފައިވާ ދޫނިތަކެއް ކަމުގަ އެވެ.

"އަޅުގަނޑުމެން މިކޮޅުން ގޮސް ބެލި ބެލުމުގައި ބޮޑަށް ލާފާކުރެވެނީ ގެންގުޅެފައި މަރުވުމުން އެއްލާލާފައިވާ ވައްލަތަކެއް ކަމަށް،" އީޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އީޕީއޭއިން ވަނީ މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެ އިދާރާއާ ހިއްސާކުރުމަށް އާންމުންގެ ފަަރާތުން އެދިފަ އެވެ.

ވައްލަ އަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، ހިމާޔަތްކޮށްފައިވާ ދިރުންތައް ހިފުން، ބަންދުކުރުން، ގެންގުޅުން އަދި އެއަށް ގެއްލުންދިނުމަކީ އެކަމަަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ.