މާޅޮސް

ޓީޗަރެއް ނެތުމުން މާޅޮހު ސްކޫލުގެ ދަރިވަރުން ސްކޫލަށް ނުފޮނުވަން ނިންމައިފި

އއ. މާޅޮހު ސްކޫލުގައި ބަޔޮލޮޖީ އާއި ކެމިސްޓްރީ މާއްދާ ކިޔަވައިދޭނެ ޓީޗަރަކު ހަމަޖައްސަންދެން މާޅޮހުގެ ކުދިން ސްކޫލަށް ނުފޮނުވަން އެ ކުދިންގެ ބެލެނެވެރިން ނިންމައިފި އެވެ.

މާޅޮހު ކައުސިލްގެ ރައީސް އިސްމާއިލް ނަސީރު އަވަސްއަށް ވިދާޅުވީ ބަޔޮލޮޖީ އަދި ކެމިސްޓްރީ ކިޔަވއިދޭނެ ޓީޗަރެއް މިވަގުތު ސުކޫލުގައި ނެތް ކަމަށެވެ. އަދި ޓީޗަރު ނެތުމުން ގުރޭޑް 9 ގެ ދަރިވަރުންގެ ބެލެނެވެރިންތަކެއް އެކުދިން ސްކޫލަށް ނުފޮނުވި ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު ފެށުނު އިރުވެސް މާޅޮހު ސްކޫލުގައި މި ދެ މާއްދާ ކިޔަވައިދޭނެ ޓީޗަރެއް ނެތް ކަމަށް އެ ސުކޫލުގެ ގްރޭޑް 9ގެ ބެލެނެވެރިން މައުލޫމާތުދެ އެވެ. އަދި ބިދޭސީ ޓީޗަރެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އައި ނަމަވެސް އޭނާ ވެސް ދެ ހަފުތާގައި ކިޔަވައިދިނުމަށް ފަހު އެ ރަށުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް ބެލެނެވެރިން ބުނެ އެވެ.

މީގެ އިތުރުން އެރަށަށް އެންމެ ފަހުން ދިޔަ ޓީޗަރަކީ ކެމިސްޓްރީ މާއްދާ ކިޔަވައިދޭން ހާއްސަވެގެން ހުރި މީހެއް ނޫން ކަމަށް ވެސް އަވަސްއަށް މައުލޫމާތު ދިން ބެލެނެވެރިޔަކުން ބުންޏެވެ. މިފަދަ ކަންކަމުގެ ސަބަބުން ކިޔަވާ ކުދިންނަށް ބޮޑެތި ގެއްލުތަކެއް ވަމުންދާތީ މާޅޮހު ސްކޫލުގެ ބެލެނެވެރިން ތިބީ ކަންބޮޑުވެފައި ކަމަށްވެސް މައުލޫމާތު ދިން ބައެއް މީހުން ބުންޏެވެ.

"އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭން ޓީޗަރެއް ނާންނަނީސް އެކުދިން ސްކޫލަކަށް ނުފޮނުވާނަން،" މައުލޫމާތު ދިން ބެލެނެވެރިޔާ ބުންޏެވެ.

މި މައްސަލައާއި ގުޅިގެން މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ މައްސަލަ ހައްލުކުރުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.