މިނިސްޓްރީ އޮފް އެޑިއުކޭޝަން

"މާޅޮހުގެ ބެލެނިވެރިން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް"

އއ. މާޅޮހު ސްކޫލުގައި ދެ ޓީޗަރަކު ނެތް ކަމަށް ބުނެ އެ ސްކޫލުގެ ބެލެނިވެރިން ދައްކާ ވާހަކަތަކަކީ މުޅިން ތެދު ވާހަކަތަކެއް ނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އއ. މާޅޮހު ސްކޫލުގައި ބަޔޮލޮޖީ އާއި ކެމިސްޓްރީ މާއްދާ ކިޔަވައިދޭނެ ޓީޗަރަކު ހަމަޖައްސަންދެން މާޅޮހުގެ ކުދިން ސްކޫލަށް ނުފޮނުވަން އެ ކުދިންގެ ބެލެނެވެރިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އަވަސް އަށް ވިދާޅުވީ އއ. މާޅޮހު ސްކޫލުގައި ދިމާވެގެން އުޅޭ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ބެލެނިވެރިން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ހަގީގަތަކީ ކުދިންނަށް ފިލާވަޅު ނުގެއްލި ފިލާވަޅު ނެގޭނެ އިންތިޒާމެއް އިއްޔެ ހަމަޖެހިފައި އޮތްކަން. ނަމަވެސް ޓީޗަރެއް ނެތިގެންނޭ ކިޔާފަ ބެލެނިވެރިން ގަދަ ދައްކައިގެން ދަރިވަރުން ސްކޫލަށް ނުފޮނުވަން އުޅުނު މަންޒަރު އެ ފެނުނީ" އަހްމަދު އަލީ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު ފެށުނު އިރުވެސް މާޅޮހު ސްކޫލުގައި މި ދެ މާއްދާ ކިޔަވައިދޭނެ ޓީޗަރެއް ނެތް ކަމަށް އެ ސުކޫލުގެ ގްރޭޑް 9ގެ ބެލެނެވެރިން މައުލޫމާތުދެ އެވެ. މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަހްމަދު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ބައެއް މާއްދާ ތަކަށް ބިދޭސީ ޓީޗަރުން ހޯދަން ދަތި ރާއްޖޭގައި. ހާއްސަކޮށް ދިރާސީ އާ އަހަރު ފެށުމުގެ ކުރިން. ހަމައެކަނި މާޅޮސް ސްކޫލްގައި އެކަންޏެއް ނޫން މި މައްސަލަތައް ދިމާވަނީ،" އަހްމަދު އަލީ ވިދާޅުވި އެވެ.

މާޅޮހު ސްކޫލުގެ މައްސަލަ ހައްލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް އަޅާފައި ވާނެ ކަމުގައިވެސް އަހްމަދު އަލީ ވިދާޅުވި އެވެ. އެގޮތުން މިހާރު މާޅޮހު ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ބޭފުޅާ އަކީ ބަޔޮލޮޖީ މާއްދާއަށް ހާއްސަވެގެން ހުންނަވާ ބޭފުޅެއް ކަމުން ވަގުތީގޮތުން ބަޔޮލޮޖީ ކިޔަވައިދިނުމަށް ޕްރިންސިޕަލް ހަމަޖައްސާފައިވާ ކަމުގައި ވިދާޅުވި އެވެ.

"މައްސަލައަކީ ބެލެނިވެރިން. އެ މާއްދާއަށް ހާއްސަ ވަކި ޓީޗަރެއް ނެތީއޭ ކިޔާފައި ދަރިވަރުން ސްކޫލަށް ނުފޮނުވާ އެ ހިފަހައްޓަނީ. ބެލެނިވެރިންނަށް އޮތް ހައްގެއް ނޫން އެއީ ކުދިން ސްކޫލަށް ނުފޮނުވާ ހިފެހެއްޓުމަކީ. ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާނެ ފަދަ ކަމެއް އެއީ" އަހްމަދު އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށަށް އެންމެ ފަހުން ދިޔަ ޓީޗަރަކީ ކެމިސްޓްރީ މާއްދާ ކިޔަވައިދޭން ހާއްސަވެގެން ހުރި މީހެއް ނޫން ކަމަށްވެސް އަވަސްއަށް މައުލޫމާތު ދިން ބެލެނެވެރިޔަކުން ބުންޏެވެ. އަދި ބިދޭސީ ޓީޗަރެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ރަށަށް ދިޔަ ނަމަވެސް އޭނާ ވެސް ދެ ހަފުތާގައި ކިޔަވައިދިނުމަށް ފަހު އެ ރަށުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް ބެލެނެވެރިން ބުނެ އެވެ.

މިކަމާ ގުޅިގެން އަހްމަދު އަލީ ވިދާޅުވީ ކެމިސްޓްރީއަށް ހާއްސަ ޓީޗަރެއް ފޮނުވެންދެން އެ މާއްދާ އޮންލައިންކޮށް ކިއަވައިދޭނެ ޓީޗަރެއް ހަމަޖައްސާފައި ވާނެ ކަމަށާއި އެ މައުލޫމާތު ބެލެނިވެރިންނާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ދިރާސީ އާ އަހަރު ފެށޭއިރު ރަށްރަށުގެ ސްކޫލުތަކަށް ޓީޗަރުން ހަމަނުވާ މައްސަލަ އަކީ ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް އޮތް ހައްލަކީ ކޮބައިތޯ އެއްސެވުމުން އަހްމަދް އަލީ ވިދާޅުވީ އެޑިޔުކޭޝަނުން އަބަދުވެސް އަންނަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އިންތިޒާމެއްގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"ދިރާސީ އާ އަހަރަށް ބިދޭސީ ޓީޗަރުން ޗުއްޓީއަށް ގޮސް މި ނިންމަނީ ވަޒީފާ ދޫކޮށްލަން. އެހިސާބުން ދެން ޖެހެނީ އައު ޓީޗަރުން ހޯދަން މަސައްކަތް ކުރަން. ނަމަވެސް އެއީ ދިގު މުއްދަތެއް ހޭދަވާ ކަމެއް. އަޅުގަނޑުމެން ޑިމާންޑް ލެޓާއެއް ހުށަހެޅުމުން އެޖެންސީތައް މެދުވެރިވެގެން ޓީޗަރުން މި ގެންނަނީ ބޭރުން. އެ ހުރިހާ ކަމަކަށްވެސް ނަގާ އެބަ މަދުވެގެން ދެމަސް ވަރު. ރާއްޖޭގައި އެ ފެންވަރު ޓީޗަރުން ނެތުމުން އަސްލު މި ޖެހެނީ ބޭރު ޓީޗަރުން ގެންނަން" އަހްމަދު އަލީ ވިދާޅުވި އެވެ.