ހަބަރު

މީހަކަށް މަރުގެ އިންޒާރު ދިނުމުގެ ތުހުމަތަށް ޝުމްބާއަށް ދައުވާކުރަނީ

Jan 19, 2016

މީހަކަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) ގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ. ޕީޖީގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ޝުމްބާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޝުމްބާ، ލަންކާއިން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލައްވަން ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގަށެވެ.

ޝުމްބާ އަކީ ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބަށް ސަޕޯޓްކޮށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުން އައި މީހެކެވެ. އާންމުކޮށް ވެސް ކޮލަމްބޯގައި ދިރިއުޅޭ ޝުމްބާ އާއި ނައިބު ރައީސްއާ ބޮޑެތި ގުޅުންތަކެއް އޮންނަ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އެގޮތުން ނައިބު ރައީސް ހިންގެވި ކަމަށް ތުހުމަތު ކުރާ އެކި ޖަރީމާ ތަކުގައި ޝުމްބާ ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ޝުމްބާ ހައްޔަރުކޮށްފައި ވެސް މި ވަނީ އޭނާ ރާއްޖެ އައުމަށް އިންކްއަރީ ކޮމިޝަނުން ކުރި އިލްތިމާސްއަށް ގޮންޖަހައި އޭނާ ހައްޔަރު ނުކުރެވޭނެ ކަަމަށް ބުނެފައިވަނިކޮށެވެ.

ރިޔާސީ ލޮންޗްކޮޅުގެ ހަމަލާއާ ގުޅިގެން އިންކްއަރީ ކޮމިޝަނުން ހޯދުމަށް އިއުލާންކުރި އަށް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޝުމްބާ އެކަންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިގެން ފުލުހުން ހޯދާ އެންމެންނަކީ ވެސް ކުރީގެ ނައިބު ރައީސްއާ ވަރަށް ގާތް މީހުންނެވެ.