ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު އަވަސްއަށް ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަަސައްކަތް އަންނަ މަހު ނިމޭނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކޮށްފައި، އެ އެލަވަންސް އަންނަ އަހަރުގެ ތެރޭގައި ލިބޭ ގޮތަށެވެ.
ކަމާ ގުޅޭ އުސޫލު އެކުލަވާލުމަށްފަހު އެލަވަންސް ބޮޑުވާ މިންވަރު ސަރުކާރުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަަސައްކަތާ ގުޅޭގޮތުން އެންސްޕާއިން ބުނީ މިހާރު ކުރަމުންދަނީ ދަފްތަރުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތު އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
"ނުކުޅެދުންދެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މި އެޖެންސީ އިން މިގެންދަނީ ކުރަމުން އަދި ދަފްތަރު މި އަހަރު އިފްތިތާހު ކުރެވޭނެ،" އެންސްޕާ އިން އަވަސް އަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާއި ރިހިބިލިޓޭޝަން އަދި ތެރަޕީއާއި، އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަސީލަތެއް ކަމުގަ އެވެ. އެކަމަކު އެ ދަފްތަރު މިހާތަނަށް ގާއިމުކޮށްފައިވާ ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގައުމީ ދަފްތަރު މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެ ތާރީހަށް އެ މަސައްކަތް ކުރެވިފައި ނުވާތީ ނުކުޅެދުންތެރިކަން ހުންނަ މީހުން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ދަފްތަރު އެކުލަވާލުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމާއި ނުކުޅެދުންތެރިކަން ހުންނަމީހުން ބަލަހައްޓާ ފަރާތްތަކަށް އެލަވެންސެއް ހަމަޖެއްސުމަށް ވެސް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ކުރިން ވިދާޅުވެފަ އެވެ.
އެ އުސޫލު އެކުލާވާލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމުގައި އެންސްޕާއިން ބުނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތަށް ގެނެވޭ ބަދަލު އިއުލާނު ކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލާ މީހުނަށް އެލަވަންސެއް ދިނުމާ ބެހޭ މައުލޫމާތުވެސް ސާފުވާނެ ކަމުގައި އެންސްޕާއިން ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން މިހާރު ދެނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އެ އަދަދު 5،000 ރުފިޔާ ބޮޑުކޮށްދިނުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ދަނީ ތަކުރާރުކޮށް ސަރުކާރުގައި އެދެމުންނެވެ.