ބޮލީވުޑް

ކިއާރާ މިއުޅެނީ ކައިވެނި އިއުލާން ކުރަންތަ؟

ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާ ކައިވެނިކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް މި ދެ އެކްޓަރުން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެންމެ ކުޑަމިނުން ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް ވެސް އެއްބަހެއް ނުވެ އެވެ. ނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ކިއާރާ ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވާ އެއްޗަކުން އޭނާ ވަރަށް އަވަހަށް ކައިވެނި އިއުލާން ކުރަން އުޅޭހެން ހީވާކަމަށް ފޭނުން ވަނީ ބުނެފަ އެވެ.

"ގޯވިންދަ ނާމް މެރާ"ގެ ބަތަލާ ކިއާރާގެ އިންސްޓަގްރާމް އެކައުންޓުން މިދިޔަ އާދިއްތަ ދުވަހު ޝެއާކުރި ވީޑިއޯއެއްގައި ކިއާރާ ވަރަށް ލަދުރަކިކޮށް ހީނލާތީ ފެނެ އެވެ. ނަމަވެސް މިއަށް ވުރެ މީހުންގެ ލޮލުގައި ބޮޑަށް އަޅައިގަތީ މި ވީޑިއޯގެ ކެޕްޝަނެއްގެ ގޮތުގައި އޭނާ ލިޔެފައިވާ ލިޔުމެވެ.

"ދެން މިކަން ސިއްރެއްގެ ގޮތުގައި މާގިނަ ދުވަހު ބޭއްވޭކަށް ނެތް. ވަރަށް އަވަހަށް އިއުލާން ކުރަނީ. އިންތިޒާރު ކޮށްލައްވާ.... ޑިސެމްބަރު 2،" ވީޑީއޯގެ ކެޕްޝަނަކަށް ކިއާރާ ލިޔެފައި ވެއެވެ.

ކިއާރާ މި ޕޯސްޓް ޝެއާ ކުރުމުން ފޭނުން ބުނީ ކިއާރާ މި އުޅެނީ އޭނާ އާއި ސިދާރްތު ކައިވެނިކުރާ ދުވަސް އިއުލާން ކުރަން ކަމަށެވެ. އަދި އޭނާ ޝެއާކުރި ވީޑީއޯއަކީ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ނަގާފައިވާ ޕްރި-ވެޑިން ޝޫޓެއްހެން ހީވާ ކަމަށް ވެސް ބައެއް ފޭނުން ބުންޏެވެ.
"ތިއުޅެނީ ސިދާރްތު އާ ކައިވެނި ކުރާކަށްނު. އަހަރެމެންނަށް އެނގިއްޖޭ،" ފޭނަކު ކުރި ކޮމެންޓެއްގައި ވެއެވެ.

އަނެއްބައި ފޭނުން ބުނީ ކިއާރާ އުޅެނީ ސިދާރްތު އާ އެންގޭޖްވާން ކަމަށާއި އިއުލާން ކުރާނެކަމަށް އެބުނީ އެ ވާޙަކަ ކަމަށެވެ.

ކިއާރާ މި ޕޯސްޓް ޝެއާ ކޮށްފައިމިވަނީ އޭނާ އާއި ސިދާރްތު ކައިވެނިކުރާނެ ރަނގަޅު ލޮކޭޝަނެއް ހޯދަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިންޑިޔާގެ ނޫސްތަކުގައި ޚަބަރެއް ޖަހާފައިވަނިކޮށެވެ. އެ ޚަބަރުގައި ބުނެފައިވާ ގޮތުގައި ޗަންދީގަޅްގައި ހުންނަ "ދަ އޮބްރޯއީ ސުކްވިލާސް ސްޕާ އެންޑް ރިޒޯޓްސް" އަށް ގުޅައިގެން ވެސް އެމީހުން ވަނީ މައުލޫމާތު ސާފުކޮށްފަ އެވެ. މިއީ ބޮލީވުޑް އެކްޓަރު ރާޖްކުމާރު ރާއޯ އާއި ޕަތުރާލޭކާ ކައިވެނިކުރި ރިސޯޓެވެ.