ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޒަޔާންގެ މަރު: ހަތް މީހަކަށް ދައުވާކޮށްފި

Nov 28, 2022
1

އައްޑޫގައި މުހައްމަދު ޒަޔާން މޫސާ މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުވާކޮށްފި އެވެ.

ފޭދޫއަށް ނިސްބަތްވާ 21 އަހަރުގެ ޒަޔާން މަރާލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާރާމާރީ ހިންގުމަށްފަހު އެވެ.

ޒަޔާންގެ މަރާ ގުޅިގެން 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނޭ ގޮތަށް ޖުމްލަ 11 މީހަކު މިހާރު ހައްޔަރުކުރި އެވެ. މީގެތެެރޭގައި ހިިމެނެނީ 15 އަހަރުން ދަށުގެ ދެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ދެ މީހެއްގެ މައްޗަށް އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ބާކީ ތިބި ފަސް މީހުންނަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ޖިނާއީ ކުށެއް ކުރުމަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ މި މީހުންގެ މައްޗަށް އުފުލާފައިވެ އެވެ.

ޒަޔާންގެ މަރާ ގުޅިގެން ދައުވާ ލިބޭ މީހުން

  • ސ. ފޭދޫ، ކާމަރަނގަގޭ، އަބްދުﷲ ނިޒާރު (28އ)
  • ސ. ފޭދޫ، ދިރިމާގޭ، އަބްދުﷲ ޝިއާއު ރަޝީދު (22އ)
  • ސ. ފޭދޫ، ފުފޫމާގޭ، އައިލިޝް އަލީ (19އ)
  • ސ. ފޭދޫ، ދިރިމާގޭ، އަހުމަދު ޝުއާއު (24އ)
  • ސ. ހިތަދޫ، ކަދުރުމާގޭ، ޔައިޝް އަންވަރު (19އ)
  • ސ. ފޭދޫ، ކަރަންފޫގޭ، އަހްމަދު އަބްދުﷲ (25އ)
  • ސ. ފޭދޫ، ސަންޝައިން، އަހުމަދު ނަބީލު (34އ)

ދައުވާ ލިބޭ މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ޒަޔާން މަރާލި މައްސަލައިގައި ދައުލަތުން ވަނީ މިދިޔަ އޮކްޓޫބަރު ހަވަނަ ދުވަހު ކުޑަކުދިން ތަކަކަށްވެސް ދައުވާ އުފުލާފަ އެވެ. މީގެތެރެއިން އެއް ކުއްޖެއްގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި އިތުރު ތިން ކުދިންގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައިވެ އެެވެ.

ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ޑައިވާޝަން ފުރުސަތަށް އެދި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެއްބަސްވުމެއް ހަދާފަ އެވެ.

މަރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޒަޔާން މަރުވީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރެ އެވެ.