އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި ކަމަށް އިއުތިރާފްވެފައިވާ ކޮއްކޮ -- ހުސައިން މަވާޒް 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ބޭބެ -- މަރަދޫފޭދޫ، ބްލޫ ސްޓާ، އަހްމަދު ޝުވައިބް (27 އ) މަރުވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.
ބޭބެ މަރާލުމަށްފަހު މަވާޒް ފުރަތަމަ އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.
އުމުރުން 25 އަހަރުގެ މަވާޒަށް ދައުލަތުން ދައުވާކުރަނީ މާރާމާރާ ހިންގުމަށްފަހު ވަޅިއަކުން ހަމަލާދީ އޭނާގެ މަރާލި މައްސަލާގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތުގެ މަޖިލީހުގައި މަވާޒް ވަނީ އޭނާގެ ބޭބެއަށް ހަމަލާދީ މަރާލި ކަމަށް އިއުތިރާފްވެ އެކަން ހިނގި ގޮތް ކިޔައިދީފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށްވެސް ބުންޏެވެ.
ދައުލަތުން މަވާޒްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ކަމަށް މަވާޒް ވަނީ ޝަރީއަތުގައި ބުނެފައިވެ އެވެ. އަދި ކުށް ގަބޫލުކޮށް މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް އެއްބާރުލުން ދެމުން ގެންދާތީ ގާޒީ އާދަމް މުހައްމަދު ވަނީ އެއްބަސްވުމާ އެއްގޮތަށް މަވާޒް 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އޭނާ ތަންފީޒު ކުރާނީ 12 އަހަރާއި ތިން މަހާއި 16 ދުވަހުގެ ހުކުމެކެވެ. އެއީ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ހުރި ދުވަސްތައް ކެނޑުމަށްފަހު އެވެ.
މީހަކު މަރާފައިވާތީ ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް މަވާޒަށް އަންގާފައިވެ އެވެ.