ފަޅު ރަށްތައް ވަރުވާއަށް ލިޔެ އަދި ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ދޭން ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ 53 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.
ބިލުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާއި ތައާރަޒުވާ ކަންކަން އިސްލާހު ކުރުމެވެ. އެގޮތުން މި ބިލް ފާސްވެގެން ދިއުމުގެ ސަބަބުން ފަޅުރަށް ވަރުވާއަށް ނުވަތަ ކުއްޔަށް ދިނުމާ ބެހޭ އިދާރީ މަސައްކަތާއި ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލު މެދުވެރިކޮށް ކުރުމުގެ އިހުތިޔާރު ލިބިގެން ދާނެ އެވެ.
ވަރުވާއަށް ނުވަތަ ކުއްޔަށްދީފައިވާ ފަޅުރަށެއް ސަރުކާރުގެ ބޭނުމަށް ނުވަތަ ވަރުވާއަށް ނަގާފައިވާ ފަރާތުން ގާނޫނާ ހިލާފުވެގެން އަނބުރާ ނަގާ ހާލަތެއްގައި އެ ފަރާތަށް ބަދަލު ނުދޭ ގޮތަށްވެސް ވަނީ އިސްލާހުކޮށްފަ އެވެ.
މީގެ އިތުރުން ފަޅުރަށެއް ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތު ވަނީ 35 އަހަރުން 50 އަހަރަށް އިތުރުކޮށްފަ އެވެ. މިއީ ފިޝަރީޒް މިނިސްޓްރީން އެދިގެން ގެނެސްފައިވާ އިސްލާހެކެވެ.