ހަބަރު

ރާއްޖެ ވަށައިޖަހާ ބުރު އެލިއާ އިން ސްޕޮންސަ ކޮށްފި

"އެޓޯލް ސެއިލާސް" އިން އިންތިޒާމްކުރާ "ސެއިލް އެރައުންޑް މޯލްޑިވްސް" ޕްރޮގްރާމުގައި، ރިޔަލުގައި ރާއްޖެ ވަށައި ބުރެއް ޖަހަން މި މަހުގެ 28 ގައި ދަތުރަށް ތައްޔާރުވަމުންދާ އަބްދުލް ޣަފޫރު އަލީ (ގައްބެ) ގެ ދަތުރު އެލިއާ އިންވެސްޓްމަންޓް އިން ސްޕޮންސާ ކޮށްފި އެވެ.

ރާއްޖެ ވަށާ ބުރެއް ޖަހަން ގައްބެ ނިންމީ، ރާއްޖެ އިޝްތިހާރު ކުރުމަށާއި، ރާއްޖޭގައި ތިބި މޫދު ކުޅިވަރަށް ޝައުގު ހުންނަ މީހުން ދާއިރާއިން ކުރިއަށް ދިއުމުގެ ހިތްވަރު އާލާކޮށް، މޫދު ކުޅިވަރުގެ ދާއިރާއަށް މީހުން ޝައުގުވެރިކުރުމަށެވެ. ރިޔާނެގި ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރެއް ޖަހަން ގައްބެ އަމާޒުހިފާފައިވަނީ ގާތްގަނޑަކަށް 25 ދުވަސް ތެރޭގަ އެވެ. ނަމަވެސް ވައިޖެހޭ ގޮތަކުން ދަތުރު މަހެއްހާ ދުވަހަށް ދިގުލައިގެން ގޮސްފާނެ ކަމަށް އޭނާ ބުންޏެވެ.

ދަތުރުގެ ސްޕޮންސާ އިއުލާނު ކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލިއާގެ އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަލާއު އެވެ. އެޓޯލް ސެއިލާގެ ފަރާތުން ސިކަންދަރު ނަސްރުﷲ ކަމާލުއްދީން އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިކަންދަރު ވިދާޅުވީ، އެކަނިމާއެކަނި ތަނެއްގައި އަރާމުކޮށްލުމެއްނެތި ރިޔާނެގި އުޅަނދެއްގައި ރާއްޖެ ވަށައި ބުރެއް ޖަހަން ގައްބެ އިސް ނެގުމަކީ އޭނާގެ ހިތްވަރުގަދަކަން ކަމަށެވެ. ގައްބެ އަކީ ރާއްޖެ ވަށާ ބުރެއް ޖަހަން އެންމެ ފުރަތަމަ މަސައްކަތް ކުރާ މީހާ ކަން ވެސް ސިކަންދަރު ފާހަގަކުރެއްވި އެވެ.

ކަޓަމަރާނީގައި ގައްބެ ދަތުރު ފަށާނީ 28 ވަނަ ދުވަހު މާލޭ އެއް ނަންބަރު ޖެޓީ އިންނެވެ. ފުރަތަމަ ދަތުރުކުރާނީ ދެކުނަށެވެ. ދެކުނުން އައްޑުއާއި ހަމައަށް ދަތުރުކުރުމަށްފަހު އައްޑޫ ވަށާލައިގެން ހުޅަނގަށްވާ ގޮތަށް ހއ. ތުރާކުނާ ހަމަޔަށް ދަތުރުކުރާނެ އެވެ. އަދި އެއަށްފަހު އަންނާނީ އަނެއްކާވެސް އެނބުރި މާލެއަށެވެ.

އެޓޯލް ސެއިލާސް އިން ބުނީ، ގައްބެ ދަތުރުކުރާ ކަޓަމަރާނީގައި ސެޓްލައިޓް ޑިވައިސް އެއް ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ވެބަސައިޓުން ކޮންމެ ދުވަހަކުވެސް ގައްބެ ދަތުރުކުރަމުންދާ ހިސާބު ބަލާލެވޭނެ ކަމަށެވެ. އަދި ދަތުރު މަތީގެ އަޕްޑޭޓްވެސް ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި އޭނާ ދަތުރުކުރަމުން ދާއިރު ބައެއް ހިސާބުތަކުގައި މަޑުކުރުމަށް ނިންމާފައިވާ ކަމަށާއި، ދަތުރުގެ ވަކި ހިސާބަކުން ބައެއް ވޯޓާ ސްޕޯޓްސްމަނުން ވެސް އޭނާއާ ގުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިކަން ވަރަށް ޝައުގުވެރި ކަމަކަށް ވާނެ ކަމަށް. ރާއްޖެ ވަށާ ރިޔާނެގި އުޅަނދެއްގައި ދަތުރުކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އީކުއޭޓާ ފަދަ ގިނަ ޗެނަލްތަކެއް ގައްބެ ހުރަސް ކުރާނެ. އެހެންވީމަ ގައްބެގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން މިވަނީ ވަރަށް ގިނަ ދިރާސާތަކެއް ހަދާފަ. އެކި ހިސާބުތަކަށް ވައިޖެހޭނެ ގޮތާ އެ ހުރިހާ ކަމަކަށް ވެސް ވިސްނުމަށްފަހު މިކަން މި ކުރަނީ. އެލިއާގެ ފަރާތުން ގައްބެ އަށް މިވަނީ ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންކުރަން 3 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް ވެސް ހަދިޔާ ކޮށްފަ،" އެޓޯލް ސެއިލާސް ގެ ސިކަންދަރު ވިދާޅުވި އެވެ.

ގައްބެ އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެ، ބޭރު ގައުމުތަކުން ސްޕޮންސާކޮށްފައިވާ ޒުވާނެކެވެ. އޭނާ ވަނީ ރާއްޖެއިން އެފްރިކާއަށް ވެސް ބޮޑު ކެޓަމަރާންއެއްގައި ދަތުރުކޮށްފަ އެވެ.