ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ހިޔާނާތުގެ މައްސަލާގެ އަޑުއެހުމެއް މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލާގެ ދެވަނަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލާގައި އަދީބު މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. މާދަމާ އަޑުއެހުން ތާވަލު ކޮށްފައިވަނީ، ހެނދުނު 10 ޖަހާއިރަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި މައްސަލާގެވަކި ފުރަތަމަ އަޑުއެހުމުގައި އަދީބު އެދިވަޑައިގަތީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދެއްވުމަށެވެ. އަދީބަށް ވަކީލަކު ހަމަޖެއްސުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ޝަރީއަތުން ނިންމިއެވެ.

އެ ޝަރީއަތް ބޭއްވީ ކުރިން އެންގުމަކާ ނުލަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދިފައި ވަނީ އަދީބު ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށެވެ. އަދި ޝަރިއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށް ވެސް ކޯޓުން އަމުރު ކުރި އެވެ.

އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ބިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ އެކެވެ. މި މައްސަލާގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ. އަދި އެ މައްސަލާގެ ޝަރީއަތް ވެސް ވަނީ ފަށާފައެވެ.