އީޕީއޭ

ހުޅިދޫއާއި އަންބާރާގެ ވެއްޓަށް ދީފައިވަނީ ބޮޑެތި ގެއްލުންތަކެއް

ވ. ހުޅިދު އާއި އަންބާރާގެ ތިމާވެށްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެންލުންތަކެއް ލިބިފައިވާ ކަން އެ ދެ ރަށުގެ ވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް ހެދި ދިރާސާ އިން ހާމަވެއްޖެ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ދިރާސާގެ ރިޕޯޓް އެ އެޖެންސީން ވަނީ ވ. އަތޮޅު ކައުންސިލާ ވެސް ހިއްސާކޮށްފަ އެެވެ.

އީޕީއޭގެ ރިޕޯޓުގައިވާ ބައެއް މައުލޫމާތުތައް އަވަސް އަށް ވަނީ ލިބިފަ އެވެ.

އީޕީއޭގެ ރިޕޯޓް އެކުލަވާލުމަށްފަހު އެ އެޖެންސީން ވަނީ މިދެރަށުގެ ވެއްޓަށް ދީފައިވާ ގެއްލުމަށް ޖަވާބުދާރީވުމަށް އެ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކަށް 30 ދުވަހުގެ މުއަދަތެއް ދީފަ އެވެ.

ޖަވާބުދާރީވުމަށް ދީފައިވާ މުއަދަތުގައި މި ދެރަށް ހަވާލުކޮށްފައިވާ ފަރާތްތަކުން ޖަވާބުދާރީ ނުވެއްޖެ ނަމަ، ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން 100 މިލިއަން ރުފިޔާ އިން މި ދެރަށުގެ ވެރިން ޖޫރިމާނާ ކުރާނެ ކަމަށްވެސް އަންގާފައިވެ އެވެ.

އަންބާރާ އަދި ހުޅިދޫއަށް ދީފައިވާ ގެއްލުން ތަކުގެ ތެރޭގައި މިދެރަށުގައި އޮތް ކުޅި ފަސްއަޅާ ނައްތާލުމާއި ރަށުގެ ގޮނޑުދޮށަށް ދީފައިވާ ގެއްލުންތައް ހިމެނެ އެވެ.

ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި އޮތް ހުޅިދު އާއި ރިސޯޓް ހެދުމަށް ދޫކޮށްފައި އޮތް އަންބާރާގައި، އެ މަސައްކަތް ނުކުރާތީ އެ ރަށްތައް އަނބުރާ ހޯދަން ވ. އަތޮޅު ކައުންސިލުން ގެންދަނީ ވަރުގަދަ ކެމްޕޭނެއް ވެސް ހިންގަމުންނެވެ.

ހުޅިދޫ އަނބުރައި ވ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވާލައި އެ އަތޮޅުގައި ގެސްޓް ހައުސްތަކުގެ ވެރިންނާއި އާންމުން ވަނީ ލޯންޗާއި ދޯނިފަހަރުގައި ކަނޑުމައްޗަށް ނުކުމެ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި މި ރަށަށް އަރާ އެއް ރޭ އެ ރަށުގައި މަޑުކޮށްގެން ތިބެވެސް އިހްތިޖާޖު ކުރި އެވެ.