ރައްޔިތުންގެ މަޖިލިސް

ޕާޓީގެ ވިޕްލައިނާ ހިލާފެއް ނުވާނަން: މީކާއީލް

ސިޔާސީ ގޮތުން ހުންނެވި ގޮތް ބަދަލުކުރެއްވި ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އަވަސްއަށް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވާނީ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ކަމަށެވެ.

މީކާއިލް ވިދާޅުވީ އޭނާ ވާހަކަ ދައްކަވަނީ އަބަދުވެސް މައްސަލަތަކުގެ ކަމުގެ ހަގީގަތަށް ކަމަށެވެ. އެގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މައްސަލަތަކުގައި ބަހުސްކުރައްވާނެ ކަމަށެވެ.

އެމްޑީޕީ ބައިބައިވެ ދެ ފެކްޝަނެއް އުފެދި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެދުގައި މިހާރު ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ. މަޖިލީހުގެ މެންބަރުން ވެސް ވަނީ ވަރަށް ބޮޑަށް ދެ ފެކްޝަނަށް ބެހިފަ އެވެ.

މީކާއިލް ކުރިން ފެނުނީ ރައީސް ނަޝީދާ އެކު ވަރަށް ގާތުން އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް ރައީސް ނަޝީދާ ފެއަށް ޖެހިވަޑައިގަތުމަށްފަހު މީކާއިލް މިހާރު މަސައްކަތް ކުރައްވަނީ ރައީސް ސޯލިހާ އެކު ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް އޭނާ މިއަދު ވަނީ ޖަވާބު ދެއްވާފަ އެވެ. އެގޮތުން މީކާއިލް ވިދާޅުވީ ފެކްޝަނަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު މިހުރީ އެމްޑީޕީގައި އެމްޑީޕީއާ އެއްކޮޅަށް. އަޅުގަނޑު ބޭނުމެއް ނޫން ރައީސް ނަޝީދާ ދެކޮޅުވާކަށް. އެމަނިކުފާނާ ދެކޮޅަށް އެއްވެސް ކަމެއް އަދި މިހާތަނަށް ކޮށްފައެއްވެސް ނޯންނާނެ. އަދި އެމަނިކުފާނަށް ކުޑައިމީސް ބަހެއް ވެސް ބުނެފައެއް ނޯންނާނެ. ޑިސްރެސްޕެކްޓް ކުރާކަށް ކަމެއްވެސް ނުކުރަން،" މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަށް އިޚްތިރާމް ކުރެއްވި ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމްޑީޕީގެ އާންމު މަސްލަހަތާއި ޕާޓީގެ ކުރިމަގަށް ކަމަށެވެ. ފެކްޝަން ބަދަލު ކުރެއްވި ކަމަށް ބުނެ ބަޔަކު ވާހަކަ ދައްކަނީ އެގޮތަށް މަސައްކަތް ކުރައްވާތީ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.

"އެވާހަކަ އެދެކެވެނީ ސަރުކާރުން ބޭނުންވި ގޮތަށް އަޅުގަޑު ވޯޓުދީފައި ބަޖެޓަށް ވާހަކަދެއްކި ގޮތުންހެން ހީވަނީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް އިރަކު އަޅުގަނޑު ވަކި ކޮޅެއްގައި ހުރި ކަމަކަށް. އަޅުގަނޑު އަބަދުވެސް ވާހަކަ ދައްކަނީ އިޝޫތަކުގެ މައްޗަށް. ވަކި ކޮޅަކަށް ނޫން. ސަރުކާރަށް ފާޑުކިޔާފައި ވެސް ހުންނާނެ. އަދި ތައުރީފުކޮށްފައި ވެސް ހުންނާނެ،" ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ފާޑުކިޔުން އަމާޒުވެފައި މިވަނީ ޕާޓީގެ ވިޕްލައިނާ ހިލާފު ނުވެ އުސޫލެއް ހިފެހެއްޓެވުމުން ކަމަށެވެ.

"ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަދި އެކަމެއްނުވެސް ކުރާނަން. މިހާތަނަށް އެއްވެސް ވިޕްލައިނަކާ ހިލާފުވެފައެއްވެސް ނޯންނާނެ. އެއީ ވަރަށް ވަރަށް ސީރިއަސް ކަމެއް،" މީކާއިލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓެއްގެ ގޮތުގައި ކޮންމެ ބޭފުޅަކު ނިކުންނެވި ނަމަވެސް އެ ބޭފުޅަކާ އެކު ހުންނަވާނެ ކަމަށެވެ. އަދި ފެކްޝަނަކީ ގަބޫލުކުރައްވާ އެއްޗެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ކުރިންވެސް ހުރީ އެމްޑީޕީގައި. އަދިވެސް މިހުރީ އެމްޑީޕީގައި. އަޅުގަނޑު ޕީޕީއެމާ ގުޅިގެން މަަސއްކަތް ކުރާކަށް ގަބޫލެއް ނޫން. އަދި އަބަދުވެސް މަަސައްކަތް ކުރާނީ އެމްޑީޕީއަށް،" މީކާއިލް ވިދާޅުވި އެވެ.

އަމިއްލަ ފައިދާއަށް ވަކި ކޮޅަކަށް ބުރަނުވާނެ ކަމުގެ ޔަގީންކަން ވެސް މީކާއިލް ދެއްވެވި އެވެ. އަދި އޭނާއަށް ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރާ ތުހުމަތުތައްވެސް މީކާއިލް ވަނީ ދޮގުކުރައްވާފަ އެވެ.