ފުނައްޑޫގައި ހަދާފައިވާ މަސް ފެކްޓްރީ އަލުން އޮޕަރޭޝަނަށް ނުގެނެވި ލަސްވުމަކީ ތ. އަތޮޅުގެ މަސްވެރިންނަށް ސަރުކާރުންވާ ވަރަށް ބޮޑު އިހުމާލެއް ކަމަށް ތ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ފުނައްޑޫ މަސް ފެކްޓަރީ ނުފެށި ލަސްވާތީ އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތ. އަތޮޅު ކައުންސިލް މެމްބަރު އަދި އެ އަތޮޅު ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވީ އަތޮޅު ކައުންސިލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުން ލަސްވަމުންދާތީ ތ. އަތޮޅުގެ މަސްވެރިން އުފުލާ ތަކުލީފުތައް އިތުރުވުން ކަމަށެވެ.
"ތ. އަތޮޅަށް ނިސްބަތްވާ މަސްވެރިން މަސް ކިރަން ދާން ޖެހެނީ ގއ އަތޮޅަށް. މިކަމަށް މަސްވެރިން ކުރާ ހޭދަ ވަރަށް ބޮޑު. މަސްވެރިން އެ އުފުލާ ތަކުލީފާ މެދު އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ،" ރަޝްވާން ވިދާޅުވި އެވެ.
ފުނައްޑޫގައި މަސް ފެކްޓަރީއެއް ތަރައްގީކޮށް 2004 ވަނަ އަހަރު މަސް ގަންނަން ފެށި ރަށަކީ ކުރީގެ ހޯމް މިނިސްޓަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ރަށެކެވެ. ފުނައްޑޫއަށް މަސްގަތުމުގެ އޮޕަރޭޝަން އެ ކުންފުނިން ހުއްޓާލީ 2008 ވަނަ އަހަރު އެވެ. ތަސްމީންގެ ކުންފުނިން ފުނައްޑޫ ފެކްޓަރީ ހެދުމަށް ބީއެމްއެލް އިން ނަގާފައި އޮތް ލޯން ނުދައްކާ އޮތުމުން ބޭންކުން އެ ރަށް ވިއްކާލުމަށް އެތައް ފަހަރަކު އިއުލާންކޮށްފައި ވަނިކޮށް ސަރުކާރުން ފުނައްޑޫ ގަނެ އެރަށުގެ ފެކްޓަރީ ހިންގުމަށް މިފްކޯއާ ހަވާލުކުރީ މިއަހަރުގެ މާޗް ހަވަނަ ދުވަހު އެވެ.
ރަޝްވާން ވިދާޅުވީ ފުނައްޑޫ މަސް ފެކްޓްރީ އަލުން އޮޕަރޭޝަނަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ތ. އަތޮޅު ކައުންސިލަރުން މިހާތަނަށް ވަނީ ރަސްމީ ސިފައެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާ ބައްދަލުކުރައްވާ މަސްވެރިންގެ ކަންބޮޑުވުން ހިއްސާކުރައްވާފައި ކަމަށެވެ.
"މިނިސްޓަރު ފުނައްޑޫ ބައްލަވާލަން ވަޑައިގެންނެވީ މިފްކޯގެ އެކި މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ ބޭފުޅުން ތަކަކާ އެކީގައި. މިނިސްޓަރާ ތ. އަތޮޅު ކައުންސިލާ ކުރެވުނު މަޝްވަރާ ތަކުގައިވެސް އެންމެ ފުޅާކޮށް ވާހަކަ ދެކެވުނީ ފުނައްޑޫ މަސްފެކްޓްރީ ނުހުޅުވާތީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން. މިނިސްޓަރާއި އެކު ބައްދަލުވުން ބޭއްވީ ވޭމަންޑޫއަށް ނިސްބަތްވާ މަސްވެރިންނާ ވެސް އެކު" ރަޝްވާން ވިދާޅުވި އެވެ.
މީގެ ކުރިން އަވަސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ފުނައްޑޫގެ އޮޕަރޭޝަން އަވަހަށް ފެށުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެރަށުގެ ބަނދަރު ހަލާކުވެފައި އޮތުން ކަމަށެވެ. ފުނައްޑޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވީ ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތް މިފްކޯއިން އަދި ފަށާފައެއް ނުވެ އެވެ. ފައުޒީ ވިދާޅުވި ގޮތުގައި ފުނައްޑޫ ބަނަދަރު ހެދެން އޮތީ އެކަަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންނެވެ. ފައިސާ ހަމަޖައްސަން މިހާތަނަށް ކުރީ ކޮން ކަމެއްތޯ އެހުމުން އެކަމަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި ފައުޒީ ވިދާޅުވީ ފިނޭންސާ ގުޅިގެން އެކަން ހިނގަމުންދާ ކަމަށެވެ.
ފުނައްޑޫ މަސް ފެކްޓްރީ އަދިވެސް އޮޕަރޭޝަނަށް ނުގެނެވޭއިރު ތ. އަތޮޅަށް ނިސްބަތްވާ މަސްވެރިން ކުރާ ޝަކުވާ އަކީ މަސްކިރޭނެ ގޮތެއް ނެތުމެވެ. މިއީ އަތޮޅު ކައުންސިލުން ވެސް އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއް ކަމުގައި ރިޝްވާން ވިދާޅުވި އެވެ.
"ސަރުކާރަށް ނިސްބަތްވާ ކުންފުޏަކުންވެސް އަދި އަމިއްލަ ޕްރައިވެޓް ކުންފުންޏަކުންވެސް މަސްކިރޭނޭ އިންތިޒާމެއް މި އަތޮޅުގައި ގާއިމު ކުރެވިފައެއް ނެތް. އެންމެ ކުޑަމިނުން މަސްކިރާނެ ބޯޓެއް ވެސް ކައިރި ސަރަހައްދެއްގައި ވެސް ނޯވެ،" ރަޝްވާން ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ފުނައްޑޫ މައްސަލައިގައި އެންމެ ފަހުން ވިދާޅުވީ ފުނައްޑޫގައި ހަދާފައިވާ މަސް ގަންނަ ފެސިލިޓީ އަލުން އޮޕަރޭޝަން ގެނައުމަށްޓަކައި ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ބަނދަރުގެ ބޮޑު މަރާމާތެއް ކުރަންޖެހުން ކަމަށެވެ. ބަނދަރު މިހާރު އޮތް ހާލަތުން އެރަށުން މަސް ގަނެ އެކްސްޕޯޓް ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބެއްގައި މިނިސްޓަރު ވިދާޅުވީ ބަނދަރު ހެދުމާއެކު މުޅި ފެސިލިޓީ މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް 10.2 މިލިއަން ޑޮލަރު -- 157.3 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން އެ ފައިސާ ލިބޭނެ ގޮތެއް ނެތުމުން މިފްކޯއާއި ހަވާލުކޮށްގެން ބޭންކްތަކުގެ ތެރެއިން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ އެކު މަޝްވަރާކޮށް އެފަރާތުގެ މަޝްވަރާގެ މަތިން މިފައިސާ އަކީ 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާތީވެ އަދި މިވަގުތު ދައުލަތުގެ ކޭޝްފްލޯގެ ހާލަތު ހުރި ގޮތުން މިކަމަށް ދައުލަތުގެ ބަޖެޓުން މިމިންވަރަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރެއިން މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯ އަށް ވާނީ އަންގާފަ އެވެ،" ތ. އަތޮޅަށް ނިސްބަތްވާ މިނިސްޓަރު ވިދާޅުވި އެވެ.