ތ. ގުރައިދޫ

ގުރައިދޫ އައިސްޕްލާންޓް ވިއްކާލަނީ

ތ. ގުރައިދޫގައި ހުންނަ އައިސް ޕްލާންޓް ވިއްކާލަން ފިޝަރީސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިޝަރީސް މިނިސްޓްރީން ގުރައިދޭ އައިސްޕްލާންޓް ވިއްކާލަން ހުށަހަޅާފައިވާ އެންމެ ދަށް އަގަކީ 5.1 މިލިއަން ރުފިޔާ އެވެ. އެންމެ ފުރަތަމަ އައިސްޕްލާންޓް ވިއްކާލަން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗް މަހު އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ލިބިފައި ނުވާތީ އަނެއްކާ ވެސް މިއަދު އިއުލާނު ކުރީ އެވެ.

މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ އެ އައިސް ޕްލާންޓް ވިއްކާލަން އިއުލާނު ކުރީ ހިންގާނެ މީހަކު ނުވެގެން ހިދުމަތް ހުއްޓި ހަތަރު އަހަރުވެފައި ވަނިކޮށެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީން އަމިއްލަ ކުންފުނިތަކަށް އެތަން ހިންގަން ހުށަހެޅި ނަމަވެސް ކުންފުނިތަކުގެ މާ ބޮޑު ޝައުގެއް ނެތެވެ. އަދި މިފަހަރު އެތަން ގަންނަން އެކަށީގެންވާ ތަރުހީބެއް ނެތްނަމަ އަނެއްކާ ވެސް ކުއްޔަށް ދޭން ވިސްނާ ކަމަށެވެ.

އައިސްޕްލާންޓް ގަންނަން ބޭނުންވާ ފަރާތްތަކުން 27 މޭ ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވައިލާފަ އެވެ.

މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ގުރައިދޫގައި އައިސްޕްލާންޓް ތަރައްގީ ކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ.