ކޮސްޓަ ރިކާގައި މީގެ މަހެއްހާ ދުވަސް ކުރިން ހިނގި ހާދިސާއެއްގައި ކިނބުލެއް 8 އަހަރުގެ ކުޑަ ކުއްޖަކު ކާލައިފި އެވެ.
މި ކިނބޫ ކުއްޖާއަށް ހަމަލަދީފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި އޮތް ކޯރެއްގެ ތެރެއަށް ކަކޫތާފެނަށް އެރި ކުޅެން ހުއްޓަ އެވެ. އެ ވަގުތު އެ ކުއްޖާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދިން އަދި ވަރަށް ގިނަ އަދަދެއްގެ މީހުންތައް އެ ކޯރު ކައިރީގައި ތިއްބެވެ.
ޖޫލިއޯ އޮޓޭރޯ ފާނަންޑެޒް ނަމަކަށް ކިޔާ މި ކުއްޖާއަށް ކިނބޫ ހަމަލަ ދިނީ ހަމަ ކުއްލި އަކަށެވެ. ކިނބޫ ހަމަލަ ދިނުމާއެކު ކުއްޖާގެ ބޯ ހަށިގަނޑާ ވަކިވެގެން ދިޔަ ބިރުވެރި މަންޒަރު ކުއްޖާގެ މައިންބަފައިންނާއި އެތާ ތިބި އެހެން އެންމެންނަށް ވެސް ފެނުނެވެ.
ކޮސްޓަ ރިކާގެ ލިމޯންގެ މާޓިނާ ކޯރުގައި މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި ކިނބޫ ކުޑަ ކުއްޖާއަށް ހަމަލާދިނުމުން ވަގުތުން ކުއްޖާގެ ބޯ ބުރިވި އެވެ. އަދި ކިނބޫ ވަނީ ކުއްޖާގެ ހަށިގަނޑު އަނގައިން ހިފައިގެން ކޯރު ތެރެއަށް ފީނައިގަނެ ފިލާފަ އެވެ. ކުއްޖާ ދިރިހުއްޓާ އޭނާގެ މައިންބަފައިންނަށް އެންމެ ފަހުން ފެނިފައިވަނީ ކޯރު ތެރޭގައި ކުޅެން ހުއްޓަ އެވެ.
މި ކުއްޖާގެ މަރަށް މަހެއްހާ ދުވަސް ވީފަހުން މިދިޔަ ހޮނިހިރު ދުވަހު މީހަކު ވަނީ އެ ކިނބުލުގެ ގަޔަށް ބަޑިޖަހާ މަރާލާފަ އެވެ. ކިނބު މަރުވެގެން ލެއްގުމުން އެހިސާބުގަނޑުގެ މީހުން ކިނބޫ އެއްގަމަށް އަރުވައި އެސޮރުގެ ބަނޑު ފަޅާލިއިރު ބަނޑުތެރޭން އިންސާނެއްގެ އިސްތަށިތަކަކާއި ކަށިތަކެއް ވަނީ ފެނިފަ އެވެ. މިއީ ޖޫލިއޯގެ ހަށިގަނޑުގެ ބައިތައް ކަމާ މެދު އެ މީހުންނަށް ޝައްކެއް ވެސް ނެތެވެ.
ކިނބޫ ހަމަލަދީ އަށް އަހަރުގެ ކުއްޖާ މަރާލީ އޭނާގެ މައިންބަފައިންނާއި އާއިލާގެ މީހުންނާއެކު މަސްދަތުރު ގޮސް އުޅެނިކޮށެވެ.
ކިނބޫ ކުއްޖާއަށް ހަމަލަދީ އޭނާގެ ބޯ ބުރިވުމުން ހަށިގަނޑު ދަމައިގަނެގެން ފީނައިގަތުމަށް ނެގީ ވަރަށް ކުޑަ ކުޑަ ވަގުތުކޮޅެކެވެ. އެވަގުތު ކުއްޖާގެ މައިންބަފައިންނަށް އެ މަންޒަރު ފެނުނު ނަމަވެސް ދަރިފުޅު ސަލާމަތްކުރަން އެމީހުންނަށް ހަރަކާތެއް ވެސް ކުރާކަށް ނޭނގުނެވެ. ކުއްލިއަކަށް އައި ހަމަލައަކަށްވެފައި ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ވީމަ އެވެ.
ކުއްޖާގެ ބައްޕަ އޮޓޭރޯ ބުނި ގޮތުގައި ކިނބުލެއް އައިސް އަމިއްލަ ދަރިފުޅު ޖަހައިގަނެގެން ގެންދިޔަ މަންޒަރަށް ވުރެ ބަލަން އުނދަގޫ، ހިތްދަތި މަންޒަރެއް ހަމަ ގައިމުވެސް މަޔަކަށް ނުފެންނާނެ އެވެ. މިތަން ފެނިފައި އޭނާގެ އަންހެނުންނަށް ބަޔާން ނުކުރެވޭވަރުގެ ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. ޚުދް އޮޓޭރޯ އަށް ވެސް މި މަންޒަރު ފެނިފައި އަދިވެސް އުނދަގޫވާ ކަމަށާއި އޭގެ ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވީއިރުވެސް އެ މަންޒަރުތައް އޭނާގެ ލޮލުގެ ކުރިމަތީގައި އަބަދާ އަބަދު ތަމްސީލު ވަމުން ދާކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ޖަހައިގަނެގެން ދިޔަތާ ގަޑިއެއްހާއިރު ފަހުން އެ ކިނބޫ އަނެއްކާވެސް ފެނުން މައްޗަށް ހިއްލާލިއެވެ. އޭރު ވެސް އެ ސޮރުގެ އަނގައިގެ ތެރޭގައި ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު އޮތްކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ނަމަވެސް އެތަނަށް އެވަގުތު ގޮސް ތިބި ކޮސްޓަ ރިކާގެ ފުލުހުން އެއްގޮތަކަށް ވެސް ކިނބޫ ގަޔަށް ބަޑިޖަހަން އެއްބަސް ނުވިކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
"ފުލުހުން ބުނީ އެމީހުންނަށް ނެތޯ ހުއްދައެއް ކިނބޫ ގަޔަށް ބަޑިޖަހާކަށް. ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ފުލުހުން ދެއްކި ވާހަކަޔަށް ހިތާމަކޮށް ދެރަވި. އިންސާނަކަށް ވުރެ ޖަނަވާރެއްގެ އަގު އެމީހުންގެ ކުރިމަތީގައި މާ މަތިވެއްޖެ،" ކުއްޖާގެ ބައްޕަ ބުންޏެވެ.
މި ކުއްޖާގެ އާއިލާއަކީ ނިކަރާގުއާ އިން ކޮސްޓާ ރިކާ އަށް މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހިޖުރަ ކޮށްފައިވާ އާއިލާއެކެވެ. އެމީހުން ކޮސްޓާ ރިކާ އަށް ހިޖުރަކުރީ ފަތްކެޔޮ ހައްދައި އޭގެ ވިޔަފާރި ކުރާށެވެ.
ނަމަވެސް މި ހާދިސާއަށްފަހު އެމީހުންގެ ބާކީ ތިބި ހަތަރު ދަރިންނާއެކު އެނބުރި ނިކަރާގުއާ އަށް ދާން މި އާއިލާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ކިނބުލުގެ ހަމަލަތަކުން ދެން ތިބި ކުދިން ސަލާމަތްކުރަން ބޭނުންވާތީ އެވެ.
ކިނބުލަކީ ކޮސްޓާ ރިކާގައި ހިމާޔަތް ކުރެވިފައިވާ ޖަނަވާރެކެވެ. އެހެންވެ ކިނބޫ މެރުމަކީ އެ ގައުމުގައި މަނާ ކަމެކެވެ.
ކިނބުލުގެ ބަނޑުން ނެގި އިންސާނެއްގެ ބައިތަކުގެ ޑީއެންއޭ ޓެސްޓް ހަދައި މިއީ 8 އަހަރުގެ ކުއްޖާގެ ބައިތައް ތޯ ޔަގީން ކުރާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.
"އަހަރެން ދެން މި ގައުމުގައި އިތުރަކަށް ނުހުންނާނަން. ކޯރުގައި ދިރިއުޅޭ ކިނބޫތައް އެމީހުން ހިމާޔަތްކޮށްގެން އެ ތިބީ. އެ ވަރިހަމަ ކިނބޫތައް އެއްގަމަށް އަރައި އިތުރު އެތައް ބަޔަކު މެރިޔަސް،" ކުޑަ ކުއްޖާގެ މަންމަ ބުންޏެވެ.
ކުއްޖާއަށް ހަމަލަދީ މަރާލި ކިނބޫ ބަޑިޖަހައި މަރާލީ ކާކުކަމެއް އަދި އެކަކަށް ވެސް ނޭނގެ އެވެ. ކިނބޫ މެރުމަކީ ކެރީބިއަންގެ މި ގައުމުގައި ގާނޫނީ ކުށެކެވެ. އެހެންވެ އެމީހާ ވަނީ ކިނބުލަށް ބަޑިޖެހުމަށްފަހު ފިލާފަ އެވެ.
ކުޑަ ކުއްޖާގެ މަންމަ ބުނި ގޮތުގައި ކިނބުލުގެ ބަނޑުތެރެއިން ފެނުނީ އޭނާގެ ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް ކަން ޔަގީނެވެ. އެހެންވެ ކިނބޫ މަރުވުމަކީ އޭނާގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަމެކެވެ.
"ހުރިހާ ކިނބޫތައް އެމީހުން މަރާލާނެ ނަމައޭ އަހަރެން ހިތަށް އަރާ. އޭރުން އެއްވެސް އާއިލާއަކަށް އަހަރެންމެން މިކުރި ކަހަލަ ވޭންހުރި ތަޖުރިބާއެއް ކުރާކަށް ނުޖެހޭނެ،" ކުއްޖާގެ މަންމަ ބުންޏެވެ.