ހދ. ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 400 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ހދ. ކުޅުދުއްފުށި ކައުންސިލުން ބުނެފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވީ ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ފުރަތަމަ މަރުހަލާގައި ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. ފުރަތަމަ މަރުހަލާގައި ބޮޑަށް ކުރިއަށް ދިޔައީ ދިރާސާގެ މަސައްކަތްތަކާއި ކުރެހުންތައް ކުރެހުމުގެ މަސައްކަތްތައް ކަމުގައިވެސް ވިދާޅުވި އެވެ.
"މަސައްކަތްތައް ދަނީ ހުއްޓުމެއް ނެތި ކުރެވެމުން. ހައުސިން ޔުނިޓްތަކުގެ ކުރެހުންތައް ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅުމުން އެބޭފުޅުން އެޕްރޫވް ވެސް ކޮށްފި. ދެން ކުރިއަށްދާނީ އަމަލީ މަސައްކަތުގެ މަރުހަލާ،" ރިލްވާން ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ޖުލައި ހަތްވަނަ ދުވަހު އެވެ. މަސައްކަތް ނިންމުމަށް ސަރުކާރުން ދިނީ 540 ދުވަހުގެ މުއްދަތެކެވެ.
ކުޅުދުއްފުށި ހައުސިން ޔުނިޓްތައް ކަނޑައެޅިފައިވާ ތާރީހަށް ނިމޭނެ ކަމަށް ގަބޫލުކުރައްވަންތޯ އަވަސްއިން ސުވާލުކުރުމުން ރިލްވާން ވިދާޅުވީ ސަރުކާރު ދީފައިވާ ތާރީހަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ކޮންޓަރު ދޭ ކަމަށެވެ.
"ދީފައިވާ ތާރީހަށް މަސައްކަތް ނިމޭނެ ކަމަށް ކޮންޓްރެކްޓާ އަންގަނީ. އިތުރު ކުރެހުންތައް ލިބުނީމަ ސީދާ ތާރީހެއް އެނގިގެންދާނެ." ރިލްވާން ވިދާޅުވި އެވެ.
ކުޅުދުއްފުށި ހައުސިން ޔުނިޓްތައް ނިމުމުން ޔުނިޓްތައް ދޫކުރާނީ ކޮން އުސޫލަކުންތޯ ސުވާލުކުރުމުން ރިލްވާން ވިދާޅުވީ ކައުންސިލުން އެކަމާ ގުޅޭ އުސޫލެއް އަދި ހަދާފައި ނުވާ ކަމަށެވެ. އެކަމަކު ފްލެޓް އެޅުމުގެ މަސައްކަތުގެ 20 ޕަސެންޓް ފުރިހަމަވުމުން ކަމާ ގުޅޭ އުސޫލު އެކުލަވާލާ ހައުސިން ޔުނިޓްތައް ހައްގުވާ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމުގައިވެސް ރިލްވާން ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އޮތް މައްސަލަ އެކެވެ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުން އެ ސިޓީގެ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް އަންނާނެތޯ އެހުމުން ރިލްވާން ވިދާޅުވީ މުޅި މައްސަލަ ހައްލު ނުވާނެ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބޭނެ ކަމަށެވެ.
"މުޅި ކުޅުދުއްފުށީގެ ބޯހިޔާ ވަހިކަން ހައްލު ނުވެދާނެ. ނަމަވެސް އެދެވޭ ރަނގަޅު ހައްލުތަކެއް ލިބޭނެ. އަޅުގަނޑުމެން މިހާރުވެސް މިދަނީ ސަރުކާރާ ވަރަށް ގާތުން މީގެ އިތުރު މަޝްރޫއުތައް ކުޅުދުފުށްޓައް ގެނެވޭތޯ މަސައްކަތް ކުރަމުން،" ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ގޮތް ހިއްސާކުރައްވަމުން ރިލްވާން ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ އެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.
މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރުމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކެއް ހެދުމަށްވެސް ނިންމާފައިވެ އެވެ. އެގާރަ ބުރިއަށް ހަދާ ހައުސިން ޔުނިޓްތަކުގެ އެންމެ ތިރީ ބައި ބޭނުންކުރަން ނިންމާފައިވަނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހަށެވެ. ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކިން ޖާގަ ހަދާއިރު އިމާރާތްތަކުގައި ލިފްޓް ބެހެއްޓުމަށްވެސް ނިންމާފައިވެ އެވެ.