ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަމަރޭގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިބްރާހީމް މަނިކު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

އިބްރާހީމް މަނިކު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގަ އެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް ވެސް އެ މަނިކުފާނު ވަނީ ފުރުއްވާފަ އެވެ.

ސަމަރޭގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ 1974 ވަނަ އަހަރު ބްރޯޑްކާސްޓިން ހިދުމަތާ ގުޅިވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ އަޑު ތަރައްގީކުރަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ. އަޑުގެ ވަރަށް މަޝްހޫރު ޝޯތައް ވެސް ސަމަރޭ ހުށަހެޅުއްވި އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ޝޯ އަކީ މިހާރުވެސް ކޮންމެ ދުވަހެއްގެ ހެނދުނު ކުރިއަށް ގެންދާ "ބާއްޖަވެރި ހެނދުނެއް" ޝޯ އެވެ.

ސަމަރޭ އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓަކީ ބްރޯޑްކާސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަހަރަށް ދިން ބްރޯޑްކާސްޓިން އެވޯޑް ހަފްލާ އެވެ.

އިބްރާހީމް މަނިކުގެ ގައުމީ ހިދުމަތް ފާހަގަކުރައްވާ ދިވެހި ސަރުކާރުން ވަނީ މިޔުޒިކާއި ލަވަކިޔުން ކުރިއެރުވުމުގެ ދާއިރާ އިން 1996 ވަނަ އަހަރު އިބްރާހީމް މަނިކަށް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ދެއްވާފަ އެވެ.