ރާއްޖޭގައި މިވަގުތު 22 މީހުން އެޗްއައިވީއަށް ޕޮޒިޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގައި އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްއައިވީގައި މިހާތަނަށް ރާއްޖެއިން 15 މީހުން މަރުވެފައިވާ ކަމަށާއި 22 މީހުން ބައްޔަށް ފަރުވާ ހޯދަމުން ގެންދާ ކަމަށެވެ.
ރާއްޖެއިން އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެއިޑްސް ޖެހުނު މީހުންގެ އަދަދު 39 އަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 33 ފިރިހެނުން ނެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަސް ދުނިޔޭގައި ފާހަގަކުރަނީ އެއިޑްސް ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގަ އެވެ. މިއަހަރު ރާއްޖޭގައި މި ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ފަހަކުން 12 އަށް ގދ. އަތޮޅުގަ އެވެ.
"އެޗް.އައި.ވީއިން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ޓެސްޓްކުރުން އާދަކުރަމާ" ގެ ޝިއާރުގެ ދަށުން މިއަހަރު އޭޑްސް ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައިވެސް އެޗްއައިވީ އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ.
އާންމުކޮށް ހަދާ ސްކްރީން ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ ނެޝަނަލް އޭޑްސް ޕްރޮގްރާމްގެ މެދުވެރިކޮށް އައިޖީއެމްއެޗްގައި އެކަން ޔަގީންކުރުމަށް އިތުރު ޓެސްޓު ހަދާނެ އެވެ.
އޭޑްސް ބައްޔަށް ހޭލުންތެރި ކުރުމާއި ބަލިން ރައްކާތެރި ކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވައި ހިންގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭގެ ނެޝަނަލް އެއިޑްސް ޕްރޮގްރާމްގެ ތެރެއިން ނެވެ. މި ޕްރޮގްރާމްގެ ތެރޭގައި މިބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.