ސުޕްރީމް ކޯޓް

ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ޚަބީރުންގެ ހެކިބަސް ނެގޭނެ

ޖިނާއީ އިޖުރާއަތުގެ ދެވަނަ އިސްލާހަށް ގެނެވުނު ބަދަލާ ގުޅިގެން މިއަދުން ފެށިގެން ހާއްސަ ހާލަތްތަތަކުގައި ވީޑިިއޯ ކޯލް މެދުވެރިކޮށް ޚަބީރުންގެ ހެކިބަސް ނެގުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި އެވެ.

ޚަބީރުންގެ ހެކިބަހަކީ އެމީހުން ހާއްސަވެފައިވާ ދާއިރާއަކުން އިލްމީ، ފަންނީ ނުވަތަ ތަޖުރިބާގެ އަލީގައި ކޯޓަށް އެހީތެރިވުމަށް ހެކިބަސްދޭ މީހުންނެވެ.

ޚަބީރުން އެ ވަގުތު ހުރި ތަނުން އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ކަމުގައި މިއަދު ސުޕްރީމް ކޯޓުން އާންމުކުރި އިސްލާހުގައިވެ އެވެ.

އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ހެކިބަސް ނެގޭނެ ހާލަތްތަކެއްގެ ގޮތުގައި ފަސް ހާލަތެއް ގަވައިދުގައި ބަޔާން ކޮށްފައިވެ އެވެ. އެއީ ދިގު މުއްދަތެއްގެ ކޯހެއް ފުރިހަމަ ކުރަމުންދާ މީހެއް ކަމުގައިވުމާއި، މައްސަލަ ބަލާ ކޯޓު ގާއިމުވެފައި ހުރި ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުވެފައިވާ މީހެއް ކަމުގައިވުމާއި، އަދާކުރާ ވަޒީފާގެ ގޮތުން ދިގު މުއްދަތަކަށް މައްސަލަ ބަލައި ކޯޓު ގާއިމުވެފައި ހުރި ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރުމަށް ހަމަޖެހިފައިވާ މީހެއް ކަމުގައިވުމެވެ. އަދި އާންމުންނާ ގުޅުންހުރި ހިދުމަތްތައްދޭ ފަރާތްތަކުގެ ތެރެއިން، ގިނަ ވަގުތުތަކެއް ކޯޓުގައި ހޭދަކުރަން ޖެހިއްޖެނަމަ ރައްޔިތުންނަށް ސީދާ ގޮތެއްގައި އެކަމުގެ އަސަރުކުރާ ފަދަ މަސައްކަތްތައް އަދާކުރާ މީހެއް ކަމުގައިވުމާއި ސިއްހީ ހާލަތެއްގެ ސަބަބުން، ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމަށް ދިގު މުއްދަތެއް ހޭދަވެ، މައްސަލަ ދިގުލައިގެން ގޮސްދާނެ ކަމަށް ބެލެވޭ މީހުންނަށްވެސް މި ފުރުސަތު ލިބެ އެވެ.

ޚަބީރުންގެ ހެކިބަސް އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް މަރުގެ މައްސަލަތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނުނެގޭނެ އެވެ.