ވާހަކަ

އިޙްސާސްވޭ

( 29 ނޮވެމްބަރ 2022 އަ ގުޅޭ )

"ލޯ ފުސްވަނީތަ؟." ފައިރޫޒު ސުވާލުކުރިއެވެ. އައިރިކް އެކަމަށް އެއްބަސްވިއެވެ. ލޮލުގައި މައްސަލައެއް އެބައުޅޭކަން އޭނާ ބުންޏެވެ. އަދި އިތުރު މީހެއްކައިރީ އެ ވާހަކަ ނުދައްކަން އޭނާ ފައިރޫޒު ކައިރިން އެދުނެވެ. ކައިވެންޏަށް އެންމެން ތައްޔާރުވަމުން އަންނައިރު އެފަދަ ނާޒުކު ޚަބަރެއް ދޭން އައިރިކް ބޭނުމެއްނުވެއެވެ. އެންމެންގެ މޫނުތަކުން އުފާވެރިކަން ގެއްލި މާޔޫސްކަމުގެ އަސަރު ފާޅުވާނޭކަން އެނގޭތީއެވެ.

މާޔަލްގެ ކޯލު އައިރިކްއަށް އައީ ފައިރޫޒަށް ގުޅައިގެން ހުރެފައި އެ ކޯލު ނިންމާލި ވަގުތެވެ. ފޯނަށް ބަލާލި ހިނދުން އައިރިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ނަމަވެސް މާޔަލްގެ އަޑު ޖެހުމާއެކު އެ އަޑަށް އައިސްފަ ހުރި ބަދަލުން އައިރިކްގެ ހިނިތުންވުން ފަނޑުވެލައިފިއެވެ. ވީގޮތެއް އޮޅުން ފިލުވަން ވަގުތުން އައިރިކް ސުވާލު ކުރިއެވެ. ބައްދަލުވާން ބޭނުންވާކަން މާޔަލް ބުނެލީ ދެނެވެ. އައިރިކްއާ ޚިއްޞާކުރާން ބޭނުންވާ ވާހަކައެއް އޮތް ކަމުގައި މާޔަލް ބުންޏެވެ. އިށީނދެ އިން އޮފީހުގެ މޭޒުދޮށުން އައިރިކް ތެދުވިއެވެ. އޭނާ އޮފީހަށް އައީ ބައްޕަގެ އެދުމުގެ މަތިންނެވެ. މުހިންމު ބައްދަލުވުމެއް އޮތީމަ އިސާކާއިއެކު އައިރިކް އެ ބައްދަލުވުމުގައި ބައިވެރިވާން އެދުނީމައެވެ. އޭނާ ބައްޕައަށް ވަޢުދުވެފައިވަނީ ކައިވެނީގެ ފަހުން އޭނާ ރަސްމީކޮށް އޮފީހުގެ މަސައްކަތްތަކާއި ހަވާލުވާނޭކަމެވެ. އޭގެ ކުރީން އޭނާ އަދި ބޭނުމީ ގޭގައި މަޑުކޮށްލާށެވެ. މިހާރު ވެސް ގޭގައި ހުރެގެން އޭނާ އަންނަނީ އޮފީހުގެ ބައެއް މަސައްކަތްތައް ކުރަމުންނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އައިރިކް ހުރީ އޮފީހުގައިކަން މާޔަލް ގާތު ބުންޏެވެ. ބައްޕަގެ އެދުމާއެކު އޮފީހަށް އައިސް ހުރިކަން އައިރިކް ހާމަކުރިއެވެ.

"ވަރަށް މުހިންމުތަ؟. މާޔާ ބުނެފިއްޔާ މިހާރު މި ނައްޓާލަނީ." އައިރިކް ތެދުވެ ހުރީ ދާން ތައްޔާރަށެވެ.

"ތިކަން ނިންމާލާފައި އަޔަސް އޯކޭ. ވަރަށް ހަމަޖެހިގެން މިވާހަކަ ދެއްކޭނީ." މާޔަލް ބުންޏެވެ.

ބައްދަލުވުން ނިމުނުހާ އަވަހަށް އައިރިކް ގުޅާނަންކަން މާޔަލް ކައިރީ ބުންޏެވެ. މާޔަލް ކޯލު ނިންމާލަން އުޅުމުން އައިރިކް އެކަން ހުއްޓުވިއެވެ. އޭނާ އެކަނި ހުރި ވަގުތެއްކަން ބުނެ މާޔަލްއާ ލޯބީގެ ސަމާސާ ކުރާން ފެށިއެވެ. ގިނައިރެއްނުވެ މާޔަލްގެ ހީނލުމުގެ އަޑު އޭނާގެ ކަންފަތަށް އިވިއްޖެއެވެ. އައިރިކްގެ ދެ ތުންފަތް ދެމިލީ މަޤްޞަދު ހާޞިލްވީ ފަދައިންނެވެ.

* * * * *

މަލަކް ރޮއެރޮއެ ވަރުބަލިވެ ދެ ލޮލުން ކަރުނަ ހިކިއްޖެއެވެ. އެނދުން ތެދުވާހިތް ނުވެފައި އޭނާ އޮތީއެވެ. ގާތުގައި މައިރާ އޮތެވެ. ދޭތެރެއަކުން މަލަކްގެ ބޮލުގައި ފިރުމާލައެވެ. ކޮއްކޮއަށް ހިތްވަރުދީ ނަޞޭޙަތްތެރިވެއެވެ.

މާޔަލްއާ މައިރާ ވަނީ އެކަނިތިބެ މަލަކް ކިޔާދިން ވާހަކަތަކާ މެދު މަޝްވަރާ ކޮށްފައެވެ. މަންމައާ ހަމައަށް އެ ވާހަކަތައް ގެންދަން މާޔަލް ބޭނުންވޭތޯ މައިރާ ސުވާލުކުރިއެވެ. ވިސްނަން އިނދެފައި މާޔަލްއަށް ދެފަރާތަށް ބޯހޫރާލެވުނީ ކޮއްކޮއާ މެދު ވިސްނާފައެވެ. ދިމާވި ހުރިހާކަމެއް މާޒީއަށް ވެއްޖެކަން މާޔަލް ބުނެލިއެވެ. މިހާރު އެކަކުވެސް އެ ވާހަކަ ނުދައްކާކަން މާޔަލް ފާހަގަކުރިއެވެ. އޭނާއާއި އައިރިކްގެ ޢާއިލާއަށް ވެސް މުހިންމީ އެމީހުންގެ ދުޅަހެޔޮކަމެވެ. އެހެންވީމަ އަލުން އެކަން ހިނގި ގޮތުގެ ތަފްސީލު މަންމަމެންނާ ހަމައަށް ގެންދިއުން ރަނގަޅު ޚިޔާލަކަށް ވާނެތޯ މާޔަލް އަހާލިއެވެ. މައިރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއިރު އޭނާގެ ކާނާއަތްތިލަ މާޔަލްގެ ކޯތާފަތުގައި ޖައްސާލިއެވެ. މައިރާ ވެސް ބޭނުންވަނީ މިހިސާބުން އެ ވާހަކަތައް އިތުރަށް ނުދައްކަން ކަމުގައި ބުނެލިއެވެ. އެއީ އެ ވާހަކަތައް ދައްކަމުން ދިޔަ ނަމަވެސް އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ނުލިބޭނެތީއެވެ. އެ ދެބެން ދައްޔާނާ މެދު ބަހެއް ނުކިޔެވެ. އެ ޒުވާނާދެކެ އެމީހުންގެ ކޮއްކޮ ލޯބިވާވަރު އެނގުނީމައެވެ. ދައްޔާނާމެދު ކަންތައް ކުރާނޭ ގޮތެއް އެމީހުން މަލަކްގެ އަތް މައްޗަށް ދޫކޮށްލީއެވެ. ދައްޔާނާ ބައްދަލު ކުރުމުގެ ޚިޔާލު ވެސް މާޔަލް ދޫކޮށްލީއެވެ. މާޔަލް ވަގުތުކޮޅަކަށް ހިމޭންވެ އިނދެފައި މައިރާއަށް ގޮވާލިއެވެ. މަންމަމެންނަށް ކިޔާ ނުދިނަސް އައިރިކްއާ ހުރިހާ ކަމެއް ޚިއްޞާކުރާން ބޭނުންވާކަން މާޔަލް ބުނެލިއެވެ. މިފަހަރު މައިރާ ބޯޖަހާލީ ނިކަން އަވަހަށެވެ.

"ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ ދޮންތި ބުނީމަ އަހަރެން ވެސް ހިތަށް އެރީ އެހެން. އަހަރެން އެރޭ ނުކުތީ ރިކްއާއެކީ އެރޭގެ ބާކީބައި ހޭދަކުރުމުގެ ވިސްނުމުގައި. އެވަރަށް ބުންޏަސް އަހަރެންގެ އިންޓެންޝަން މިހާރު ދޮންތިއަށް ގެޓުވާނެކަން އެނގޭ. އެކްސިޑެންޓް ނުވިނަމަ އަހަރެމެން ދެމީހުން އެރޭ އަރައިގަންނާނީ ކިހާވަރެއްގެ ފާފައަކަށް ކަމެއް ބުނާކަށް ނޭނގޭ. ދޮންތީ... ކިހިނެއް އެނގެނީ އެ ނުރައްކާތެރި އެކްސިޑެންޓަކީ އަހަރެމެން ދެ މީހުންނަށް އެރޭ ލެއްވި ރަޙުމަތެއް ނޫންކަމެއް. އެރޭ އަހަރެމެންގެ ދެ މީހުންގެ ދިރިއުޅުމަށް ޒަލްޒަލާއެއް އައި. އެކަމަކު މިހާރު ބަލާ... ހަނދާންނެތިފައި ހުރިއިރު އަދި ރިކްގެ ދެ ލޮލަށް ނުފެންނަނީސް އަހަރެން ދެމީހުން އަލުން ބައްދަލުވީ. ދެ ހިތުގައި އޮތް ލޯބި ކުރިޔަށްވުރެ ވެސް ފުންވެއްޖެކަން އިޙްސާސް ކުރެވޭ." ހިތުގައި އޮތްކަމެއް މާޔަލް ހާމަކޮށްލިއެވެ. ދައްތައަށް އިތުބާރު ކުރެވޭތީއެވެ.

"ހަޤީޤަތުގައި އަހަރެމެންނަށް އެކަމުގެ ޚަބަރެއްނުވާ ކިތަންމެ ކަމަކުން ﷲ އަހަރެމެން ރައްކާތެރިކުރައްވާ. މިދިޔަ ދުވަސްތަކުގައި ދޮންތި ހިތުގައި އަބަދު އޮތީ ރަނގަޅު ފިރިއަކު ލިބުމަކީ ވެސް ހާދަ ބޮޑު ރަޙުމަތެކޭ. ރަޒާ ވަރަށް ކެއާކުރޭ. އަލްޙަމްދުލިއްލިﷲ... މާއްކޮ ވެސް ދެތިން ދުވަހުގެ ތެރޭ ކައިވެނި ކުރާނެ. ދޮންތިގެ ދުޢާއަކީ މާއްކޮ ދެކެ ބަދަލުވުމެއްނެތި ލޯބިވާ އޯގާތެރި ފިރިއެއްކަމުގައި ރިކް ލެއްވުން." މައިރާގެ ވާހަކައިގެ ފަހަތުން މާޔަލް ނިކަން އަވަހަށް އާމީން ކިޔާލިއެވެ.

މަލަކްގެ ކޮޓަރިއަށް މައިރާ އައީ އެ ވާހަކައިގަ ތިބެފައެވެ. ދެބެންގެ ދެމެދުގައި ގޮތެއް ނިންމައިގެންނެވެ. އޭނާއަށް މަލަކްގެ ހާލު ފެނުމުން ދޫކޮށްލާފައި އެ ކޮޓަރިން ނުކުންނަން ނުކެރުނީއެވެ.

"މަލް. ކެތްކުރަންވާނެ. މަލްކޮ ތީ ނުލާހިކު ސްޓްރޯންގް ކުއްޖެއް. ކުރިއަށް އޮތީ ކުޑޫގެ ވެޑިން. މެރީކޮށްގެން ކުޑޫ މިގެއިން ދާއިރު ހުރިހާކަމެއްގައި މަންމައާއި ދޮންތިއާއެކީ ކުޑޫއަށް ހެލްޕްވާން ހުރީ މަލްކޮ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. މަންމަ ބުނަންދެން ނުހުރެ ގަޑިންގަޑިއަށް ނަމާދަށް އަރައި ޢާއިލާއާއެކު ވަގުތު ހޭދަކުރަން ފެށުމުން ހިތްވަރު ލިބޭނެ. އެ ހިތްވަރުގައި ކުރިޔަށްދާންވީ. އަނެއްކާ މީ މަލްކޮގެ އެންމެ ފަހު އަހަރު. ކޮލެޖަށް ނުގޮސް ހުރީމަ ކިހިނެއްވާނީ. މަލްގެ މުސްތަޤްބަލަށް ޓަކައި ތިކިޔަވަނީ. އެކަމުން ފައިދާވާނީ މަލްއަށް. ދިރިއުޅުމާމެދު... އަމިއްލައަށް ތިމާއަށް އުޅެވޭ ގޮތާމެދު ވިސްނާ ފިކުރު ކުރަންވާނޭ ބުނަނީ މިހެން. އެނގޭ ކިތަންމެ ވިސްނުންތެރިކަމާއެކު ނިންމުން ނިންމިޔަސް ކަމެއް ގޯހުން ހިނގައިދާނޭކަން. މަލްކޮ ކިތައް ކުދީންނާ އަމިއްލައަށް ކަމުނުގޮސްގެން ރުޅިވީ. އެ ހުރިހާ ކުދީން މަލްގެ ކިބައިން ބަދަލެއް ނުހިފާ. އެމީހުން މަލްދެކެ ލޯބިވެޔޭ ބުންޏެއްނު. އެންމެ ފިރިހެންކުއްޖަކު އޮޅުވާލިއްޔޭ ކިޔާފަ އަމިއްލަ މުސްތަޤްބަލް ނަގާނުލާ. ދޮންތިއަށް އެނގޭ މަލް ތިހާ ދެރަވަނީ ކީއްވެކަން. މަލްއަށް ފުރަތަމަ ލޯބިވެވުނު ކުއްޖާވީމައެއްނު. އެކަމަކު މީ އަދި ނިމުމެއްނޫން. އޭނާއަށްވުރެ ބޮޑަށް މަލްއަށް އެހެން ކުއްޖެއްދެކެ ލޯބިވުމުގެ ފުރުސަތު އެބައޮތް. އިރާދަކުރެއްވިއްޔާ މަލް ހީނުކުރާ ފަދަ ތެދުވެރި ރަނގަޅު ކުއްޖަކު ހަޔާތަށް އަތުވެދާނެ. ސޯ، ޕްލީޒް ސްޓޮޕް ކްރައިން. ގެދާ ޔޯ ސްޓްރެންތް." މަލަކްގެ ބޮލުގައި ފިރުމާލާފައި މައިރާ ގުދުވެލާ މަލަކްގެ އިސްތަށިގަނޑުގައި ބޮސްދީފިއެވެ. ދައްތަމެން އޭނާދެކެ ލޯބިވާވަރު މަލަކްއަށް އެނގެއެވެ. އެމީހުންނަށް ޓަކައި ވިޔަސް އޭނާ ހިތްވަރު ދޫކޮށްނުލާނެއެވެ.

އަސުރުގެ ވަގުތެވެ. ކާރުގައި މަޑުކޮށްލައިގެން އައިރިކް އިނީ މާޔަލް ދިރިއުޅޭ އިމާރާތުގެ ކުރިމަތީއެވެ. އެހެން އިންއިރު އޭނާއަށް ބެލެނީ ކުރިމަތިން ފެންނަން އޮތް އުދަރެހަށެވެ. މެންދުރު އަވި ނިވާލި ގޮތަށް މަޑުމަޑުން ވިލާތައް ޖަމާވެ ދުނިޔެމަތި ނުހަނު ބޮޑަށް އަނދިރިކޮށްލައިފިއެވެ. ފަޒާގައި ހިފާލާފައި ހުރި ފިނިކަން އޮފީހުން ނުކުމެގެން އައިސް ކާރައް އެރިއިރު އައިރިކްއަށް އިޙްސާސް ކުރެވުނެވެ. އޭނާ ވިސްނަމުން ދިޔައީ ކައިވެނި ހަމަޖެހިފައި އޮތް ތާރީޚާމެދުއެވެ. އޭނާއާއި މާޔަލް ވާރޭއަށް ކިތަންމެ ލޯބި ކުރިޔަސް އެރޭގެ ޙަފުލާ ކުރިޔަށްދާ ވަގުތު ވާރޭ ވެހޭކަށް އައިރިކް ނޭދެއެވެ. އޭނާގެ ތަސައްވުރުގައި އެރޭ ކުރަހާލާފައިވީ ވިއްލާ ރޮއްޖެއްހާ ހިސާބު ވެސް ނެތި ތަރިތަކުން ފުރިގެންވީ ހިތްގައިމު ރެޔަކަށްވުމެވެ.

"އައި ކާންޓް ވެއިޓް." ކެތްތެރިކަމެއް ނެތް ފަދައިން އައިރިކްގެ ހިތު ތެޅުން އަވަސްވެލުމުން މަޑުމަޑުން ކިޔާލީ ހިނިއައިސްފަ އިނދެފައެވެ.

އައިރިކްގެ ޚިޔާލުގައި ދައުރުވަމުންދިޔަ ތަސްވީރުތައް ކުއްލިއަކަށް ގެއްލުނީ ކާރުގެ ދޮރުފަތް ހުޅުވުނުކަން އެނގިއެވެ. އޭނާއާ ޖެހިގެން ކުރި ސީޓަށް އެރީ މާޔަލްއެވެ.

"ކޮންތާކަށް ދާންވީ މައި ލަވް." ޚިޔާލުތަކުގެ ސަބަބުން އިޝްޤީވެފައި އިން އައިރިކް ބުނެލިއެވެ.

"ކާރުން ނުފޭބިޔަސް އޯކޭ. އެކަމަކު އެހާ މީހުންނެތް ހިސާބަކަށް ހިނގާ." މާޔަލް ބުންޏެވެ. އައިރިކްގެ ހިނިތުންވުން ފުޅާވެލި ގޮތް މާޔަލް ދުށްޓެވެ. ވަގުތުން އެ ސިކުނޑީގައި ހިނގައިގަތީ ކޮންކަހަލަ ޝުޢޫރެއްކަން މާޔަލްއަށް ދެނެގަންނަން އެނގުނެވެ. ރަކި ހިނިތުންވުމެއް މާޔަލްގެ ތުންފަތުން ފާޅުވެލިއެވެ.

"ދެން ރިކް." މާޔަލްއަށް ބުނެވުނެވެ.

"ކިހިނެއްވީ؟. އަނދިރި ގޯޅިގަނޑަކަށް މާޔާ ގޮވައިގެން ވަންނާކަންނު މިދަނީ. އެކަމަކު ދުވާލުގެ އަލިކަމުގައިވީމަ ފަސޭހައެއް ނުވާނެ." ލާނެތް ހިންޏެއް އައިސްފަ އިނދެ އައިރިކް ބުނެލިއެވެ. ލޯ ހިމަކޮށްލުމާއެކު އައިރިކްގެ ކޮނޑުގައި މާޔަލް ޖަހާލިއެވެ. އެއާއެކު ކާރުތެރެއަށް އައިރިކްގެ ހުނުމުގެ އަޑު ފެތުރިގެން ދިޔައެވެ.

އައިރިކް ކާރުގެ ދުވެލި މަޑުކޮށްލިއެވެ. މަގުގެ އެއްފަރާތުގައި ކާރު ބޭއްވުމާއެކު އިންޖީނު ނިއްވާލިއެވެ. ދެން މާޔަލްއާ ދިމާއަށް އޭނާ އެނބުރިލިއެވެ. މިފަހަރު އެ މޫނުގައި ސަމާސާގެ އަސަރެއް ނުވިއެވެ. އޭނާ އިނީ މާޔަލް ދައްކަން އުޅޭ ވާހަކައެއް ފެށުމަށް ފުރުޞަތު ދީގެންކަން މާޔަލްއަށް ވިސްނުނެވެ.

"އެކްސިޑެންޓްވާން ޖެހުނީ ކީއްވެކަން އެނގިއްޖެ." ފަރުވާތެރިކަމާއެކު އައިރިކްގެ މޫނަށް ބަލަން އިނދެ މާޔަލް ބުންޏެވެ.

"މާޔާ ކޮއްކޮގެ ބޯއިފްރެންޑާ މީޓުކުރީތަ." އައިރިކްއަށް ވަގުތުން އަހާލެވުނެވެ. މާޔަލް ވާހަކަދެއްކީ ދެ ފަރާތަށް ބޯހޫރުވާލާފައެވެ.

"މަލްކޮ ކިޔާދިނީ." މާޔަލް ބުންޏެވެ.

މަލަކް ކިޔާދިން ހުރިހާ ކަމެއް އައިރިކްއާ މާޔަލް ޚިއްޞާ ކުރިއެވެ. ހަޤީޤަތް އެނގުމުން އައިރިކް ރުޅިގަދަވާނޭ ކަމަށް ހީކުރެވުނަސް އެ މޫނުން މާޔަލްއަށް އެއްވެސް އަސަރެއް ނުފެނުނެވެ. އޭނާ ވިސްނަން އިންހެން އިރުކޮޅަކު ހިމޭނުން އިނީއެވެ. މާޔަލްއަށް ވެސް އިތުރަށް ވާހަކަދައްކަން ނޭނގިފައި އިނީއެވެ.

"މާޔާ ބޭނުންވަނީ ކޮންގޮތެއް؟. އަހަރެން އޭނާއަށް އަދަބު ދޭންވީތަ؟. މައްސަލަ ކޯޓަށް ވައްދަންވީތަ؟. އޭރުން ޔަގީން. ހައްޤު އަދަބު ލިބޭނެ." އައިރިކް ބުންޏެވެ.

"ރިކް ބޭނުންވަނީ ކިހިނެއް ހަދަން. އެކަމުގެ ސަބަބުން ރިކްއަށް އެންމެ ބޮޑު ގެއްލުމެއްވީ." މާޔާ އަހާލިއެވެ.

"ބަދަލު ހިފުމުގެ ޚިޔާލެއް އަހަރެންގެނެތް. މާޔާއާ ދިމާނުވިނަމަ އަހަރެން މިހާ ފޮގިވިން ނުވީސް. އެކްސިޑެންޓްގެ ފަހުން މާޔާ ދުށީމެންނު އަހަންނަށް އައިސްފަ ހުރި ބަދަލު. މާޔާ ލިބުމުން އެ ހުރިހާ ރުޅިއެއް ފިލައިފި. ދެން އަލުން އެނބުރި އެ ހާލަތައް ދާން ބޭނުމެއްނުވޭ. މާޔާއާއެކީ އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ވިސްނުން މިހާރު ހުރީ. މާޔާ އަހަންނާއެކީ ހުރިއްޔާ އަހަންނަށް ފުދޭނެ." އައިރިކް ބުންޏެވެ. ހަޤީޤަތް މުޅީން ނޭނގޭ އިރު އޭނާ އަބަދުވެސް ވިސްނަމުން އައީ ބަދަލު ހިފާށެވެ. ނަމަވެސް އެރޭ ކާރުގައި އިނީ އޭނާގެ މާޔާކަން އެނގުނު ހިނދުން ފެށިގެން އައިރިކްގެ ޚިޔާލު ބަދަލުވީއެވެ. އެ އަންހެންކުއްޖާއަކީ އޭނާ މި ދުނިޔެއިން އެންމެ ލޯބިވާ އިންސާނާއެވެ. މާޔާއާ އެކަމާ ގުޅުވައި ޝަކުވާއެއް ދުވަހަކުވެސް ނުކުރާން އައިރިކް އަމިއްލަ ނަފްސަށް ވަނީ ވަޢުދުވެފައެވެ. ހިނގި ހުރިހާކަމެއް އޭނާ ވަނީ ތަޤްދީރު ކަމުގައި ޤަބޫލުކޮށްފައެވެ. އެ ތަޤްދީރަށް ވެސް ވަކި ނުކުރެވުނީ އެ ދެމެދުގައި އޮތް ލޯތްބެއެވެ. ވަގުތީ ވަކިވުމަކަށްފަހު ދެ ލޯބިވެރީން ބައްދަލުވެއްޖެއެވެ.

* * * * *

ދެ ދުވަސް ފަހެވެ. ކޮޓަރިތެރޭގައި މާޔަލް ހުއްޓެވެ. އޭނާގެ ޢާއިލާގެ އިތުރުން ޝަބްނަމް ވެސް އެ ކޮޓަރީގައި އިނެވެ. އެންމެ ބޮޑު އުފަލެއް މާޔަލްގެ ދެ ލޮލުން ފާޅުވަނީ އޭނާއަށް ލިބެން އުޅޭ އުފަލުގައި ބައިވެރިވާން އައިމީއާއި ޒިލްމާ ތިބީމައެވެ. ޚާއްޞަކޮށް ރާއްޖޭން ބޭރުގައި ހުރި ޒިލްމާއަށް ޚަބަރު ލިބުމާއެކު އޭނާ ލަހެއް ނުކުރިއެވެ. މާޔަލްދެކެ ލޯބިވާ އޭނާއަށް ހެޔޮއެދޭ ރަޙުމަތްތެރިއެއްކަން ޒިލްމާ ސާބިތުކޮށްދީފިއެވެ. ރާއްޖެއިން ބޭރުން ގެނައި ކައިވެނި ހެދުން ލައިގެން މާޔަލް ހުއްޓެވެ. ކުރިޔަށް ދިޔައީ ހެދުން ހެޔޮވަރު ކުރުމުގެ މަސައްކަތެވެ. ހަށިގަނޑުގެ ބައެއް ދިމާތަކުން ހެދުން މާބޮޑަށް ދުލީއެވެ. މަސައްކަތަށް ޚާއްޞަވެގެން އެ ގެއަށް އައިސް އުޅޭ އަންހެންކުއްޖާ މާޔަލްގެ އެންމެ ކައިރީ ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެންގެ ޚިޔާލާ އެއްގޮތަށް ހެދުމަށް ބަދަލުތައް ގެންނަންވީ ގޮތް އޭނާ ނޯޓުކުރަމުން ދިޔައެވެ.

"މާޝާﷲ... މިހާރު ރީތިވެލިވަރު ބަލާބަލަ." ޝަބްނަމްގެ ފުޅާ ހިނިތުންވުމާއެކު ބުންޏެވެ.

"މައްޔު މާ ހިކީއޭ." ޝަބަންމަގެ ކައިރީ އިނދެފައި އާމާލް ބުނެލިއެވެ.

"މަންމަ ހާސްނުވޭ. ދުވަސްކޮޅަކުން މާއްކޮ ފަލަވެދާނެ." ދިމާކޮށްލުމުގެ ހިނިތުންވުމަކާއެކު މައިރާ ބުންޏެވެ. އެ ވާހަކައާ އެންމެ އަވަހަށް އެއްބަސްވީ ޒިލްމާއެވެ. ކައިވެންޏަށްފަހު އަދި ދަރިއަކު ލިބުމުން އެ އެކުވެރިޔާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު މާޔަލްއަށް ވެސް ފާހަގަވެއެވެ.

"އެހެންތަ. އެހެންވީރު ދޮންތި ވެސް ފަލަވީހެންނު." މައިރާއާއި ޒިލްމާ އެ ވާހަކައެއް ދެއްކީ ކޮންމާނައެއްގައި މާޔަލް ނަގައިގަތެވެ. އެއާއެކު އާމާލްއާއި ޝަބްނަމް ހީނގަތީ އެއްފަހަރާއެވެ.

"ކާޑުތައް ހިފައިގެން ދިޔަ މީހުންގެ ޚަބަރެއް ވެއްޖެތަ؟." ޝަބްނަމް އަހާލިއެވެ.

ވަލީމާގެ ދަޢުވަތު ކާޑުތައް ބެހުމަށް އައިރިކްއާއެކީ އައިތަންއާއި ރަޒާ ވެސް ނުކުތެވެ. އައިތަންގެ ސަބަބުން ރަޒާއާއި އައިރިކްގެ ދެމެދުގައި އެކުވެރިކަން އުފެދިއްޖެއެވެ. ގޭތެރޭގައި ހުރިހާ އަންހެން ވެރީން މާޔަލްގެ ތައްޔާރީތައް ނިންމުމުގައި އަވަދިނެތި އުޅޭއިރު އެގެއަށް ވަނުން އައިރިކްއަށް އޮތީ މަނާކޮށްފައެވެ. އައިރިކްއަށް ދެން މާޔަލް ފެންނަންވާނީ ކައިވެނީގެ ޙަފުލާގައިކަން އިއްވީ ޚުދު ޝަބްނަމްއެވެ. މި ކައިވެނީގެ ތައްޔާރީތަކުގައި އެންމެ ފޯރި ނަގާތީ ވެސް ފެންނަނީ ދެ ޢާއިލާގެ މަންމައިންނެވެ.

މަލަކް ވެސް ހިނިތުންވެ ޢާއިލާގެ އުފަލުގައި ބައިވެރިވެ އުޅޭތަން ފެންނާތީ މާޔަލްއާއި މައިރާ ތިބީ ހިތްހަމަޖެހިފައެވެ. މާޔަލްގެ ކައިވެނި ހެދުމުގެ ކަންކަން ނިންމުމަށްފަހު އޮތީ ކައިވެނީގައި އަންހެންކުއްޖާގެ ފަރާތުން އަންނަ އެންމެ ގާތް އަންހެންކުދީންގެ ހެދުންތައް ހެޔޮވަރު ކުރުމެވެ. އެ ހެދުންތައް ވެސް ގެނެވިފައިވީ މާޔަލްގެ ކައިވެނި ހެދުމާއެކީއެވެ. ފައިސާގެ ދަތިކަމެއް ދެ ޢާއިލާގައި ވެސް ނެތްކަން ކުރާ ޚަރަދުތަކުން އެންމެންނަށް ވެސް ހާމަވެއެވެ. ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭ ކަހަލައެވެ.

* * * * *

އަނީސާ ދުވަމުން ސިޑިން އެރިއެވެ. ދައްޔާނުގެ ކޮޓަރީގައި ޓަކިދޭން ފެށީ ހިތް އަވަސްވެފައި ހުރެއެވެ. ފެންވަރައިގެން ނުކުމެ ތައްޔާރުވާން ހުރި ދައްޔާނު ޖިންސު ލުމާއެކު ނިކަން އަވަހަށް އައިސް ދޮރު ހުޅުވާލިއެވެ.

"ޕޮލިހުން ގުޅައިފި... މިއުވާނު ހުރީ ހައްޔަރުކޮށްފައި." އަނީސާ މިހެން ބުނިއިރު އެ މޫނުން ހާސްކަން ފާޅުވެއެވެ. މަގުން ކައްސާލައިގެން ދާ ދަރިއަކާމެދު އަޅާނުލާނަމޭ ހިތަށް އަރުވައިގެން ހުއްޓަސް ދެރަކަމެއް މެދުވެރިވުމުން މައިލަނގޮޑިއަށް އަސަރުކުރާކަން ޔަގީނެވެ. އަނީސާ ކިތަންމެ އެއްޗިއްސެއް ކިޔަސް މިއުވާނަކީ އޭނާގެ ދަރިއެކެވެ.

(ނުނިމޭ)