މަހާޒް އަލީ ޒާހިރު

"ސުޕްރީމު ކޯޓާއި މަހާޒުގެ ފަރާތްޕުޅުން ތަހުގީގަށް އެއްބާރުލުމެއް ނުލިބޭ"

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ސުޕްރީމް ކޯޓުންނާއި ފަނޑިޔާރު މަހާޒުގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބޭ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރު މަހާޒުއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކީ ފަނޑިޔާރު މަހާޒު ހިމެނޭ ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމްކުރެއްވުމުން އެކަމުގެ އުފަލުގައި އެ މައްސަލައިގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ފަނޑިޔާރު މަހާޒު ހަވާލުވެވެވަޑައިގެން ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނާ ޝަކުވާ ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބުނާ ފަރިއްކޮޅަކީ މިއީ މީގެ އެއް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ޕީޕީއެމްއަށް ތާއީދު ކުރާ މީހަކު ސުޕްރީމް ކޯޓަށް ގެންދިޔަ ފަރިއްކޮޅެކެވެ. ނަމަވެސް އެ ފަރިއްކޮޅަކީ އާންމު އުސޫލުން އޯޑަރު ކުރައްވައިގެން ފަނޑިޔާރު އަމިއްލަފުޅަށް ފައިސާ ދައްކަވައިގެން ގެންނެވި ފަރިއްކޮޅެއް ކަމަށްވެސް އެނގިފައިވެ އެވެ. އެގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފަރިއްކޮޅު ދެއްވުމަކީ ސުޕްރީމް ކޯޓުގައި ހިނގާ ކަމެއް ކަމަށްވެސް އެނގިފައިވެ އެވެ.

ޖޭއެސްސީން ބުނީ ކޮމިޝަނަށް ހުށަހެޅު ޝަކުވާއާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން އެ ދުވަހު ފަރީއްކޮޅެއް އޮތް ކަމަށް އެންގުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދޭން ސުޕްރީމް ކޯޓުން ތަކުރާރުކޮށް އިއުތިރާޒު ކޮށްފައިވާ ކަމަށެވެ.

"ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަ ދެއްވާފައި ނުވެ އެވެ. އަދި އެއިރު އެ މައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ މިކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންކަން ފާހަގަކުރަމެވެ.،" ބަޔާނުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުންނާއި ފަނޑިޔާރު މަހާޒުގެ ފަރާތްޕުޅުން އެއްބާރުލުން ނުދެއްވުމުން ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒުގެ ސެކްޝަންގައި މަސައްކަތްކުރައްވާ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްފަ އެވެ. މައުލޫމާތު ސާފުކުރުމުން ފަރީއްކޮޅާ މެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެެވެ.

"މިފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން މި ކޮމިޝަނުން ނިންމީ އެވެ،" ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ބުނީ މައުލޫމާތު ސާފުކުރި މަރުހަލާގައި ފަނޑިޔާރު މަހާޒަށް ހުށަހަޅާފައިވާ ޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ކަމާ ގުޅޭ މައުލޫމާތު އެއްވެސް މިންވަރަކަށް ކޮމިޝަނަށް ހާމަކޮށްފައި ނުވާ ކަމަށާއި، ޝަކުވާއާ ގުޅިގެން ފަނޑިޔާރުގެ ބަސް އިއްވަވައި ލިޔެކިޔުން ހިއްސާކުރައްވަން އިޚްތިޔާރުކުރައްވާފައިވަނީ މީޑިއާ މެދުވެރިކޮށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުން ކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަޚްލާޤީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަން ވާނޭ ބައެކެވެ. މި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއް ކަމުގައިވިޔަސް އެއް ހަމަ އުސޫލަކުން ތަފާތުކުރުމެއް ނެތި ކަމުގައި ވެސް ދަންނަވަމެވެ." ޖޭއެސްސީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.