ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުން އަންނަ ހަފުތާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކުރަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް ސޯލިހް ފޮނުއްވި އެ ދެ ނަން ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. އެ ކޮމިޓީން އެ ދެ ނަން ދިރާސާކޮށް އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި މަސައްކަތް ދިރާސާކޮށް ރިޕޯޓް އެކުލަވާލައި މިއަދު ތަޅުމަށް ފޮނުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރި ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓްގައި އެ މައްސަލާގައި ކޮމިޓީއަށް ފެންނަ ގޮތަށް ހިމަނާފައި ނެތުމުން އަލުން އަނބުރާ ނަން ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
"މި ރިޕޯޓްގައި އަޅުގަނޑަށް ފެންނަ ގޮތުގައި ގޮތެއް ނިންމާފައެއް ނުވޭ، އެ ކޮމިޓީއަށް ފެންނަ ގޮތް ރިޕޯޓްގައި ވިދާޅުވެފައި ނުވާތީވެ މި ރިޕޯޓް އަޅުގަނޑުމެން ތަޅުމަށް ނުގެނެސް މި މައްސަލާގައި ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތެއް ރިޕޯޓްގައި ހިމަނައި ދިނުމަށް އެދި އަޅުގަނޑު ގަސްދު ކުރަން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައި ކުރިއަށް ގެންދިއުމަށް." ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރެއްވުމުން އެ ކަމުގައި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފާ ހޯއްދެވި އެވެ.
ރައީސް ނަޝީދު ދެން ވިދާޅުވީ ދެ ނަން ދިރާސާކޮށް ކޮމިޓީން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެޖެންޑާ ކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮމިޓީ ރިޕޯޓެއް އެޖެންޑާ ކުރެވޭނީ ތަޅުމަށް ފޮނުވާތާ ތިން ދުވަސް ފަހުން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ރިޕޯޓް އެޖެންޑާ ކުރާނީ އަންނަ ހަފުތާ ބާއްވާ ޖަލްސާއެއްގަ އެވެ.
ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަމެއް ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ އެ ކަމަަށް ކުރިމަތިލާ ބޭފުޅުންނާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންޓަވިއުކޮށް، އެ ކޮމިޝަނުން ދޭ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިންނެވެ.
ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ނަވާރަވަނަ މަޖިލީހުން އަނެއްކާ ވެސް ވަނީ ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށް ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ވަނީ އައްޔަން ކުރައްވައިފަ އެވެ.