ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްކަންދީފައިވާ ދެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅެއްގެ ނަމަށް އިސްކަން ދީފައި ނުވާނެ ކަމަށް ޖޭއެސްސީން ބުނެފި އެވެ.
ޖޭއެސްސީގެ ބައްދަލުވުމެއްގައި މިއަދު އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާއި، ރައީސް ސޯލިހު ފޮނުވާފައިވާ ނަންތަކާއެކު، ސުޕްރީމް ކޯޓަށް ޝަރުތު ހަމަވާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމެޓީން ނިންމި ރިޕޯޓް ބަލައިގަންނަން ފާސް ކޮށްފަ އެވެ.
އަދި އެ ރިޕޯޓްގެ އަލީގައި ޖޭއެސްސީން އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެގޮތުން ހަތަރު ނަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ފާތިމަތު ދިޔާނާ ސައީދާއި، ޑްރަގް ކޯޓްގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ހދ. ވައިކަރަދޫ ގްރީންވިލާ، މުހައްމަދު ނިޔާޒުގެ އިތުރުން ހައިކޯޓްގެ ފަނޑިޔާރު އަލީ ސަމީރާ، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން "ހައިލީ ރެކޮމެންޑެޑް" ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާ ދެ ނަމަކީވެސް ހަމަހަމަ ދަރަޖާގައި ރެކޮމެންޑްކޮށްފައިވާ ދެ ނަން ކަމަަށެވެ. އެ ނަންތައް ބަޔާން ކުރުމުގައި އިސްފަސްކޮށްފައި ވަނީ ވަކި ނަމެއް ތަރުތީބު ކުރުމުގެ ގޮތުން ނުވަތަ އިސް ކުރުމުގެ ގޮތުން ނޫން ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށް އައްޔަންކުރާ ބޭފުޅަކު ހަަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ވަކި އަދަދަކަށް ނަން ފޮނުވުމަށް ވެސް އެ ކޮމިޝަނުން އެދިފައިނުވާނެކަމަށާ މަޖިލީހަށް ފޮނުއްވާނެ ބޭފުޅުންގެ އަދަދެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރެއް ކަމަށެވެ.
މިކަންކަން ބަޔާންކޮށް، ޖޭއެސްސީން ބަޔާނެއް ނެރެފައިމިވަނީ އެ ކޮމިޝަންގެ ނިންމާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި މީޑިއާތަކުން ރައްޔިތުންނަށް އޮޅުން އަރާގޮތަށް ޚަބަރު ގެނެސްދީފައިވާކަމަށް ބުނެއެވެ.