ހަބަރު

ދިޔާނާއި މަހާޒްގެ ނަން އަނެއްކާ ވެސް ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާގެ ނަން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓް އަނެއްކާ ވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް ސޯލިހް ފޮނުއްވި ދެ ނަން ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. އެ ކޮމިޓީން އެ ދެ ނަން ދިރާސާކޮށް އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި މަސައްކަތް ދިރާސާކޮށް ރިޕޯޓް އެކުލަވާލައި މިއަދު ތަޅުމަށް ފޮނުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖުޑިޝަރީ ކޮމިޓީން ފޮނުވި ރިޕޯޓްގައި ފާހަގަ ކޮށްފައި ވަނީ ހަމައެކަނި ޖޭއެސްސީން އިޖުރާއަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ކަން ކަމަށެވެ. އެކަމަކު ދެ ނަމާ ގުޅިގެން ކޮމިޓީއަށް ފެންނަ ވަކި ގޮތެއް ހިމަނާފައި ނުވާތީ އަލުން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

"މި ރިޕޯޓްގައި އަޅުގަނޑަށް ފެންނަ ގޮތުގައި ގޮތެއް ނިންމާފައެއް ނުވޭ، އެ ކޮމިޓީއަށް ފެންނަ ގޮތް ރިޕޯޓްގައި ވިދާޅުވެފައި ނުވާތީވެ މި ރިޕޯޓް އަޅުގަނޑުމެން ތަޅުމަށް ނުގެނެސް މި މައްސަލާގައި ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތެއް ރިޕޯޓްގައި ހިމަނައި ދިނުމަށް އެދި އަޅުގަނޑު ގަސްދު ކުރަން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައި ކުރިއަށް ގެންދިއުމަށް." ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަން ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ އެ ކަމަަށް ކުރިމަތިލާ ބޭފުޅުންނާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންޓަވިއުކޮށް، އެ ކޮމިޝަނުން ދޭ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.

ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ނަވާރަވަނަ މަޖިލީހުން އަނެއްކާ ވެސް ވަނީ ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށް ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ވަނީ އައްޔަން ކުރައްވައިފަ އެވެ.