ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކްރިމިނަލް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަދާމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވާފައިވާ މަހާޒާއި ދިޔާނާގެ ނަން ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމެވެ. އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރަން އެ ދެ ބޭފުޅުންގެ ނަން ފޮނުއްވާފައިވީ ނަމަވެސް އައްޔަން ކުރަން ޖެހެނީ އެންމެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި ދެ ނަން ދިރާސާ ކުރުމަށް ފަހު ރުހުން ދޭނީ އެއް ބޭފުޅަކަށެވެ. މި މަގާމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމުން ހުސްވެފައިވާ މަގާމެވެ.
މަހާޒުގެ ނަން އެންމެ ފުރަތަމަ ލަފާ ހޯއްދެވުމަށް ޖޭއެސްސީއަށް ފޮނުއްވީ ވެސް ރައީސެވެ. ދިޔާނާ ކުރިމަތިލެއްވީ އަމިއްލަފުޅަށެވެ. ޖޭއެސްސީއިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ލިސްޓްގެ ކުރިއަށް ގެންނެވީ ދިޔާނާ އާއި މަހާޒުގެ ނަމެވެ. އަދި ރައީސްއަށް ލަފާ އެރުއްވީ ވެސް އެ ދެ ބޭފުޅުންގެ ނަމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ އެ ކަމަަށް ކުރިމަތިލާ ބޭފުޅުންނާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންޓަވިއުކޮށް، އެ ކޮމިޝަނުން ދޭ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ވެސް ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފަ އެވެ. އެ ދެ ބޭފުޅުން އައްޔަން ކުރީ، ގާނޫނަށް ބަދަލު ގެނެސް ހަތް ފަނޑިޔާރުންނަށް ބެންޗު ބަދަލު ކުރުމުން އިތުރުވި ދެ މަގާމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވި އަންހެން ދެ ފަނޑިޔާރުން ފިޔަވައި އަނެއް ހަތަރު ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ.