ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާގެ ތެރެއިން ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް ދިރާސާކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި އެ ރިޕޯޓް ތަޅުމަށް އިއްވައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.
މަހާޒް އާއި ދިޔާނާގެ ނަން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަކި ބޭފުޅަކު އައްޔަން ކުރުމަށް ލަފާ ދީފައެއް ނުވެ އެވެ. އެހެންކަމުން އަލުން އެ ކޮމިޓީއަށް ރިޕޯޓް ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ނިންމެވި އެވެ.
ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުން އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރެއްވުމުން ރައީސް ނަޝީދު ފަހުން ވަނީ ނިންމުން ބަދަލު ކުރައްވައި އެ ރިޕޯޓް އެޖެންޑާ ކުރުމަށް ނިންމަވައިފަ އެވެ.
ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަމެއް ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ އެ ކަމަަށް ކުރިމަތިލާ ބޭފުޅުންނާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންޓަވިއުކޮށް، އެ ކޮމިޝަނުން ދޭ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިންނެވެ.
ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ނަވާރަވަނަ މަޖިލީހުން އަނެއްކާ ވެސް ވަނީ ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށް ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ވަނީ އައްޔަން ކުރައްވައިފަ އެވެ.
ފަހުން އައްޔަން ކުރެއްވި އަންހެން ދެ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގެ ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.