މޯލްޑިވްސް ކަސްޓަމްސް ސާވިސް

ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

Dec 1, 2022

ކުރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.34 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަ މެދުވެރިކޮށް ނެދަލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު ބަލައި ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

އެ އިދާރާ އިން ބުނީ ފުރަތަމަ މަރުހަލާގައި މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަދި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.34 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ސާޅީސް ނުވަހާސް ރުފިޔާއަށް އަރަ އެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެ އެވެ.