މާވަހަރު

ކުރެންދޫ މީހަކު 2.3 ކިލޯގެ މާވަހަރެއް ހޮވައިފި

ޅ. ކުރެންދޫ، ވޯޓާ ކޫލް، އަހްމަދު ހަމީދު އިބްރާހިމް 45، އިއްޔެ އިރު އޮއްސުނު ގަޑީ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށަށް ނަނު އެއްލަން ދިޔައީ ކޮންމެ ދުވަހެއްގެ އާދައިގެ މަތިންނެވެ. އުއްމީދުކުރި ގޮތަށް އިއްޔެ އަހުމަދުގެ ނަނުގައި މަހެއް ނުގަތެވެ. އެކަމަކު އޭނާ ގެއަށް އައީ އުފަލުން ހުރެ އެވެ. މާވަހާރަކާއެކު އެވެ. މަސް ދޯންޏެއްގެ ކައްޕިއަކަށް އުޅޭ އަހަމްދު ނަނު އެއްލަން ދިޔައީ މަސް ނުބޭނި މާވަހަރެއް ފެންނާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ.

އިއްޔެ އޭނާގެ ގޭގައި ލައިގެން ކާނެ އެއްޗެހި ހުސްވީ ދޯނީ އިންޖީނު ހަލާކުވެގެން މަހަށް ފުރޭ ގޮތް ނުވުމުންނެވެ.

އޭނާ ބުނި ގޮތުގައި ނަނު އެއްލަން ކަޅު ކުލައިގެ އެއްޗެއް އޮޔާ ދާތަން ފެނުމުން އެއީ ކޯއްޗެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން އުފެދިގެން އެ އެތި ނެގީ އެވެ. ނަމަވެސް ކޯންޗެއްކަން ނޭނގި ހުރެ ނެގި އެ އެތިވީ ބަރުދަނުގަި 2.3 ކިލޯ ހުރި މާވަހަރަކަށެވެ. އޭނާއަށް ފެނުނީ މާވަހަރެއްކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީން ކުރެވިފައެވެ.

"އިއްޔެ އެ ލިބުނީ ކަޅު މާވަހަރެއް. ވަރަށް ބޮޑަށް ޔަގީން ކުރެވޭ އެއީ މާވަހަރެއްކަން، އިރާދަކުރެއްވިއްޔާ އެއީ މާވަހަރެއް" މަސްވެރިކަން ކުރި ކަމުގައި ވިޔަސް މިހާރު ވެސް އަތްމަތި ދަތިކޮށް ދިރިއުޅެމުން އަންނަ އަހުމަދު ބުންޏެވެ.

އަހުމަދަށް ފެނުނު މިމާވަހަރަކީ އޭނާގެ ދިރިއުޅުން ތަނަވަސްވެ އުފާވެރިކަން އޭނާ އަށް ލިބޭނެ މާވަހަރެއްކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ވަރަށް ދަތި ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް އަޅުގަނޑަކީ. އަމިއްލަ ގެއެއްވެސް ނެތް އަދި. އެކަމަކު މި މާވަހަރު ވިއްކާލެވިއްޖެނަމަ ދިރިއުޅުން ރަނގަޅުވާނެ." އަންބަކާއި ދެދަރިން ގޮވައިން އުޅެމުން އަންނަ ދެކުދިންގެ ބައްޕަ ބުންޏެވެ.

"މި މާވަހަރު ރަނގަޅު އަގެއްގައި ވިއްކާލެވިއްޖެ ނަމަ އަޅުގަނޑު އެންމެ ފުރަތަމަ ގެ ހަދާނީ. އޭގެ ފަހުގައި ﷲ ގެ ހަޒްރަތުގައި ނިކަމެތިންނަށް ސޮދަގާތް ކުރާނީ. އަޅުގަނޑަށް ލިބުނު ނަމަވެސް ހަމަ އެހެން ނިކަމެތިންނަށްވެސް އެއިން ހައްގުވާނެ"

އަހުމަދަށް ލިބުނު މާވަހަރު ވިއްކާލައިގެން 15 ވަރަކަށް ލައްކަ ރުފިޔާ ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރެއެވެ. އަހްމަދު މާވަހަރު ހޮވާފައިވަނީ އިއްޔެ އިރުއޮއްސި 6:45 އެހާކަން ހާއިރު އެވެ. އަހްމަދު 2.3 ކިލޯގެ މާވަހަރެއް ހޮވިއިރު މިދިޔަ މަހު ކޮމަންޑޫގައި މީހަކުވަނީ 30 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ.