މާވަހަރު

ކުރެންދޫ މީހާ ހޮވި މާވަހަރު ގަންނަން ދެ ކުންފުންޏަކުން ޝައުގު ފާޅުކޮށްފި

މިދިޔަ އަންގާރަ ދުވަހު ޅ. ކުރެންދޫއިން ހޮވި މާވަހަރު ގަތުމަށް ދެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް މާވަހަރު ހޮވި އެރަށު ވޯޓާ ކޫލް، އަހްމަދު ހަމީދު އިބްރާހިމް، 45 ބުނެފި އެވެ.

ހަމީދު ބުނީ އޭނާ ހޮވި 2.3 ކިލޯގެ މާވަހަރު ގަތުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ދިވެހި ކުންފުންޏަކާއި ދުބާއީގެ ކުންފުންޏަކުން ކަމަށެވެ. އެ މާވަހަރު ޓެސްޓް ކުރުމަށް ދުބާއީ އަށް އިއްޔެ ސާމްޕަލް ފޮނުވާފައިވާއިރު މާވަހަރު ވިއްކާލާނެ ވަކި ކުންފުންޏެއް އަދި އޭނާ ނުނިންމަ އެވެ.

"އަދި ނުނިންމަން މިވެނި ބަޔަކަށޭ ވިއްކާލާނީ. ބާޒާރުގައި މާވަހަރުގެ އަގު އުޅޭ ގޮތަށް ބަލާފައި އަޅުގަނޑަށް އެންމެ ފައިދާވާ ކުންފުންޏަކަށް ވިއްކާލާނީ،" ހަމީދު ބުންޏެވެ.

ކަޅު މާވަހަރެއް ކަމަށް ލަފާކުރެވޭ އެމާވަހަރު ހަމީދު ހޮވީ ކުރެންދޫ އުތުރު ފަރާތު މޫދުން އަންގާރަ ދުވަހު އިރު އޮއްސި 06:45 ހާއިރު އެވެ.

އަހުމަދަށް ލިބުނު މާވަހަރު ވިއްކާލައިގެން 15 ވަރަކަށް ލައްކަ ރުފިޔާ ލިބޭނެ ކަމަށް އޭނާ އުއްމީދު ކުރެއެވެ. އެފައިސާއިން ދިރިއުޅޭނެ ގެއެއް އަޅައި، ފަގީރުންނަށް ސޮދަޤާތްކޮށް އަދި ހަމީދުގެ ދެމަފިރިން ހައްޖަށްދާން އޭނާ ވަނީ ނިންމާފަ އެވެ.

މިދިޔަ މަހު ކޮމަންޑޫގައި މީހަކުވަނީ 30 ކިލޯގެ މާވަހަރެއް ހޮވާފަ އެވެ. އެމާވަހަރު ވިއްކާލާފައިވަނީ ދުބާއީގެ ކުންފުންޏަކަށެވެ.