ފިނިޕޭޖް

ކާންޔޭ އަނެއްކާވެސް ޓްވިޓާއިން ސަސްޕެންޑްކޮށްފި

ކޮންޓްރަވާޝަލް ރެޕާ ކާންޔޭ ވެސްޓް އަނެއްކާވެސް ޓްވިޓާއިން ސަސްޕެންޑްކޮށްފި އެވެ.

މިއީ އާކަމެއް ނޫނެވެ. ކާންޔޭ މީގެ ކުރިން އެތައް ފަހަރަކު ޓްވިޓާއިން ސަސްޕެންޑްކޮށް، ސެންސަރުކޮށް އަދި އިންސްތަގްރާމް އިން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

މިފަހަރު ޓްވިޓާއިން ކާންޔޭ ސަސްޕެންޑްކުރީ އިޒްރޭލްގެ ދިދައިގައި އިންނަ ސްޓާ އޮފް ޑޭވިޑްގެ މެދުގައި ހިޓްލާގެ ސްވާސްތިކާ އެއްކޮށް އިން ފޮޓޯއެއް ޝެއާކޮށްގެންނެވެ. ކާންޔޭ ވަނީ މީގެ ދެ ދުވަހެއްވަރު ކުރިން އެހެން ޕްލެޓްފޯމެއްގައި ހިޓްލަރަށް ތައުރީފްވެސް ކޮށްފަ އެވެ.

ޓްވިޓާގައި އެ ޕްލެޓްފޯމްގެ ވެރިޔާ އެލަން މަސްކްއަށް ޓެގްކޮށްފައި ކާންޔޭ ހަމައަކަށް އެޅުވުމަށް މީހުން ޓްވީޓްކުރުމުން، އެލަން ބުނީ ކާންޔޭ އަނެއްކާވެސް ހަމަނުޖެހުމަށް ގޮވާލާ ފަދަ ޓްވީޓް ކުރީމާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ކަންޔޭގެ އަމަލުތަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޕާލާއިން ބުނެފައިވަނީ ކާންޔޭ އެ ޕްލެޓްފޯމް ގަތުމަށް ކުރިއަށްދާ މަޝްވަރާތައް ވެސް ކެންސަލްކޮށްފައިވާ ކަމަށެވެ.

ނަފްސާނީ މައްސަލައެއް ކަމުގައިވާ ބައިޕޯލާ ޑިސްއޯޑާ ކާންޔޭގެ ހުންނަ ކަމަށް މީގެ ކުރިންވެސް ހާމަކޮށްފައިވާއިރު، އޭނާ ދެކެނީ އެ ބައްޔަކީ އާދަޔާ ހިލާފު ބާރެއް ލިބޭ ބައްޔެއްގެ ގޮތުގަ އެވެ. އަދި އެ ބައްޔަށް އޭނާ ބޭސްނުކާ ކަމަށްވެސް ކަންޔޭ ވަނީ ބުނެފަ އެވެ.

ކާންޔޭ އަކީ ސޯޝަލް މީޑިއާގައި އެކި ކަންކަމާ ކޮންޓްރަވާޝަލްކޮށް އަނގަތަޅާ، މީހުންނާ ޖައްސާލާ، ހަމަނުޖެހޭ ވާހަކަ ދައްކާ ހަދާ މީހެކެވެ. ކާންޔޭގެ އަމަލުތަކާ ގުޅިގެން ގެޕް އިންނާއި އެޑިޑާސްއިންވެސް ވަނީ ކާންޔޭއާ އެކު ހަދާފައިވާ ކޮންޓްރެކްޓްތައް ބާތިލްކޮށްފަ އެވެ.