ފިނިޕޭޖް

"ދަ ކްރިސްޓީ އެފެއާ"ގައި ޑެއިޒީ ރިޑްލީ

ލިޔުންތެރިޔާ އަގަތާ ކްރިސްޓީ 1926 ވަނަ އަހަރު 11 ދުވަސް ވަންދެން ގެއްލުނު ހާދިސާއަށް ނީނާ ޑީ ގްރަމޯން ލިޔުނު ފިކްޝަނަލް ވާހަކަ "ދަ ކްރިސްޓީ އެފެއާ" އަށް މިރަމެކްސް ޓީވީއިން ޓީވީ ސީރީޒެއް ހަދަނީ އެވެ.

އަގަތާ ކްރިސްޓީގެ ފުރަތަމަ ފިރިމީހާ އާޗީ ކްރިސްޓީ އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅުނުކަމަށް އެއްބަސްވުމުން، އެކަމާ ރުޅިއައިސްގެން ޒުވާބުކޮށް އަގަތާ ގޭން ނިކުމެގެން ދިޔަ އެވެ. ފަހުން އޭނާގެ ދަބަހާއި ކާރު މަގެއްގެ ކައިރީގައި އޮއްވާ ފެނުނުއިރު އަގަތާ އެ ކާރުގައި ނެތެވެ. ވީނުވީއެއް ނޭނގި އެހިސާބުން އޭނާ ގެއްލުނީ އެވެ.

މިކަމާ ގުޅިގެން މުޅި އިނގިރޭސި ވިލާތުގެ ފުލުހުން 11 ދުވަސް ވަންދެން އަގަތާ ހޯދުމަށް މަސައްކަތް ކުރި އެވެ. އަގަތާ ފަހުން ފެނިފައިވަނީ އެހެން ރަށެއްގެ ހޮޓަލެއްގައި ފިރިމީހާގެ ލޯބިވެރިޔާގެ ނަމުގައި ކޮޓަރިއެއް ހިފައިގެން އުޅެނިކޮށެވެ. އަގަތާ ހޯދީ އެ ހޮޓެލްގެ ބަޔަކަށް ޓީވީން އަގަތާގެ ފޮޓޯ ފެނިގެން ރިޕޯޓްކުރުމުންނެވެ.

މިހާދިސާއަށް ވެނެސާ ރެޑްގްރޭވް އާއި ޑަސްޓިން ހޮފްމަން "އަގަތާ"ގެ ނަމުގައި ފިލްމެއް ވެސް ކުޅެފައިވެ އެވެ.

"ދަ ކްރިސްޓީ އެފެއާ"ގައި ގެނެސްދީފައިވަނީ އަގަތާގެ ފިރިމީހާގެ ލޯބިވެރިޔާ ނޭން އޯ ޑީގެ ނަޒަރުންނެވެ. މި ރޯލް ކުޅޭނީ ޑެއިޒީ ރިޑްލީ އެވެ.

ޑެއިޒީ ވަނީ ސްޓާ ވޯސްގައި ރޭ ގެ ރޯލް ކުޅުމުގެ އިތުރުން، އަގަތާ ކްރިސްޓީގެ ހަކިއުލް ޕޮއިރޯ ސީރީޒްގެ ފިލްމް "މާޑާ އޮން ދި އޮރިއެންޓް އެކްސްޕްރެސް" ކުޅެފަ އެވެ.

މި ސީރީޒްގެ އިތުރު ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި ސީރީޒް ސްޓްރީމްކުރަން ފަށާނީ 2023 ވަނަ އަހަރު އެވެ.

އަގަތާ ކްރިސްޓީއަކީ 20 ވަނަ ގަރުނުގައި މާޑާ ސަސްޕެންސް އެތައް ވާހަކައެއް ލިޔެ، "ކުއީން އޮފް މިސްޓްރީ" ނަމުގައި މަޝްހޫރުވެފައިވާ ލިޔުންތެރިޔެކެވެ.

ހަކިއުލް ޕޮއިރޯ އާއި މިސް މާޕަލް އަދި އެ ދެ ކެރެކްޓާގެ ފޮތް ސީރީޒް ތަކަކީވެސް އަގަތާ ލިޔުނު ފޮތްތަކެކެވެ.

އަގަތާއަކީ މިހާތަނަށް އެންމެ ގިނައިން ވިކިފައިވާ ފިކްޝަން ފޮތް ލިޔުނު މީހާ އެވެ. އަގަތާ 1976 ވަނަ އަހަރު މަރުވިއިރު 66 މިސްޓްރީޒްއާއި 14 ކުރު ވާހަކަ ކަލެކްޝަން ލިޔެފައިވެ އެވެ.