ދުނިޔެ

އީރާންގެ އަހުލާގީ ފުލުހުން ވަނީ 'އުފެއްދި ތަނަކުން' ހުއްޓުވާފައި: ބަންޑާރަ ނައިބު

އީރާންގެ އަހުލާގީ ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި ޒުވާން މަހްސާ އަމީނީ، 22، މަރުވި ހާދިސާއަށް ފަހު އަޚްލާގީ ފުލުހުންގެ ނިޝާނެއް ވެސް ތެހެރާންގެ މަގުތަކުން އަދި އީިރާންގެ އެހެން އަވަށަކުން ވެސް ނުފެނެ އެވެ.

އަހުލާގީ ފުލުހުން ކުއްލި ގޮތަކަށް ގެއްލުމުގެ ސަބަބުން އެ މީހުން ވީ ތަނަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުން އަޚްލާގީ ފުލުހުންގެ ބާރު ވަނީ ކަނޑުވާލާފަ އެވެ.

މިކަމާ ގުޅިގެން އީރާންގެ ބަންޑާރަ ނައިބު މުހައްމަދު ޖާފަރު މުންތަޒީރީ ބަޔާނެއް ނެރުއްވައި ވިދާޅުވީ އަހުލާގީ ފުލުހުން އުފެއްދި ބަޔަކު ވަނީ އެ މީހުން ހުއްޓުވާފައި -- ސަސްޕެންޑް ކޮށްފައި ކަމަށެވެ.

މުންތަޒީރީ ވިދާޅުވި ގޮތުގައި އަހުލާގީ ފުލުހުންނަކީ އީރާންގެ ޝަރުއީ ދާއިރާއާ ގުޅުމެއް އޮތް ބައެއް ނޫނެވެ. އެހެން ނަމަވެސް، ގައުމުގައި ހަމަޖެހުން ގާއިމުކުރުމާއި އަމަން ބެލެހެއްޓުމަށް ބާރުއެޅުމަކީ ޝަރުއީ ދާއިރާއިން ދޫކޮށްލައްވާނެ ކަމެއް ނޫނެވެ.

މިގޮތުން ގައުމުގެ ސުލޫޚީ މިނގަނޑު މާބޮަށް ދަށްވެ އަހުލާގީ ފޭރާމުން ހާއަޅާ ނަމަ ޝަރުއީ އަމުރަކުން އެކަން ހުއްޓުވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އަހުލާގީ ފުލުހުންގެ ބެލުމުގައި ދަށުގައި އިންދައި ސެޕްޓެމްބަރު 16 ގައި މަހްސާ އަމީނީ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މުޅި އީރާނުގައި ފެށި މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ.

މުޒާހަރާކުރާ މީހުންގެ ގޮވާލުމަކީ އަހުލާގީ ފުލުހުން އުވާލުމާއި އީރާންގެ ރައްޔިތުން އެދޭ ބަދަލުތައް އަވަސްކުރުމަށެވެ.

އެހެން ނަމަވެސް، އީރާންގެ ރައީސް، އިބްރާހީމް ރައީސީ އަދި އިސް އޮފިޝަލުން ހިމެނޭ ގޮތުން ވަނީ މި ގޮވާލުން އިންކާރު ކުރައްވާފަ އެވެ.

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި އަހުލާގީ ފުލުހުންގެ ހަރަކާތް ކަނޑުވާލާފައި ވަނީ ގައުމުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ އެމީހުން ކަމަށް ވާތީ އެވެ. އަދި ބާރުގެ ބޭނުންކުރި ކަމަށް ޝައްކު އުފައްދާފައި އޮތަތީ އެވެ.