ދުނިޔެ

އިރާންގައި ގިނަ ބަޔަކު ޖަލުން ދޫކޮށްލުމަށް އަފޫއާންމެއް

އީރާންގައި ގިނަ އަދަދެއްގެ ކުށްވެރިންނަށް އަފޫއާންމެއް އިއުލާންކޮށްފި އެވެ.

މީގެތެރޭގައި މިދާކަށް ދުވަހު ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުތުމުގެ ސަބަބުން ޖަލަށް ދާން ޖެހުނު މީހުންނާއި ޖަލުތަކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ތިބި ކުށްވެރިން ވެސް ހިމެނެ އެވެ. މުޒާހަރާގައި ބައިވެރިވި ބޭރު ގައުމެއްގެ އެކަކުވެސް މި އަފޫއާންމުގައި ނުހިމެނެ އެވެ.

އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވާ އާންމު މާފެއް ގޮތުގައި ޚަބަރު ފެތުރޭ މި ދޫދިނުމަކީ އީރާންގައި މިހާރު އޮތް ސަރުކާރާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވެ ނުރުހުން ފާޅުކުރަމުންދާ ދުވަސްވަރެއްގައި ދެވޭ އަފޫއާންމެކެވެ.

ޚާމަނާއީ ރުހުން ދެއްވުމާ އެކު މި ހުށަހެޅުމުގައި އަމަލީ ސިފަޖެހިގެން އަންނަނީ ޖުޑިޝަރީގެ ވެރިޔާ ޣުލާމް ހުސައިން މުހްސިން އިޖައީ ހުށަހެޅުއްވި ގޮތަށެވެ.

ޖުޑިޝަރީ ދެކޭ ގޮތުގައި ޖަލުތަކުގައި މީހުން ހައްޔަރުކުރުމަށް ވުރެ މާފުދީފައި ދޫކޮށްލުން ގައުމަށް ފައިދާ ބޮޑެވެ. ސަބަބަކީ ޖަލުތަކުގައި ތިބި ބައެއް މީހުންގެ ސަބަބުން ސަރުކާރު ބަދުނާމުވެ ބޭރުގެ ނުފޫޒު އިތުރުވުމެވެ.

އީރާންގެ ގާނޫނުއަސާސީ އޮންނަ ގޮތުން ކުށްވެރިންނަށް މާފުކުރުމާއި އަފޫއާންމެއް ގޮތުގައި ކުށްވެރިން ޖަލުތަކުން މިނިވަންކުރެވެނީ ޖުޑިޝަރީން އެކަމަށް އެދި ހުށަހެޅުމުންނެވެ. އަދި ސްޕްރީމް ލީޑަރު ރުހުން ދެއްވުމުންނެވެ.

އީރާންގައި މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތައް މިހާރު މައިތިރިވެފައި އޮތް ނަމަވެސް ސަރުކާރާ މެދު އާންމުންގެ ހިތްތަކުގައި އޮތް ނަފުރަތު އަދިވެސް އޮތީ އެވެ.

އާންމުގެ ގިނަ ބަޔަކު ސެޕްޓެމްބަރުގައި މަގުތަކަށް ނުކުމެ ސަރުކާރާއި އާންމުގެ މުދަލަށް ގެންލުންދޭ ފެށުމުގައި އޮތް ސަބަބަކީ -- އީރާންގައި އަންހެނުން ހެދުންއަޅަން އޮންނަ ގަވާއިދަށް ނުކިޔަމަންތެރިވި، އުމުރުން 22 އަހަރުގެ މަހްސާ އަމީނީ -- ފުލުހުން ހައްޔަރުކޮށްފައި އިންދައި މަރުވުމެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު މުއްދަތެއް ނެތް ގޮތަށް ޖަލަށް ލައި މަދު ބަޔަކު ދަންޖައްސައި ވަނީ މަރާފަ އެވެ.

އީރާންގެ އިދާރާތަކުން ބުނާ ގޮތުގައި މިހަމަނުޖެހުން ތަކުގައި 200 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އެހެންމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހުޅަނގުގެ ޖަމާއަތްތަކުން އަދަދުކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު 500 އަށް ވުރެ އިތުރުވާނެ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން 20،000 އަަށް ވުރެ ގިނަ މީހުން އީރާންގެ އިދާރާތަކުން ހައްޔަރުކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނެ އެވެ.

ޚާމަނާއީއަށް ޖުޑިޝަރީން ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ޖަލުތަކުގައި ތިބި ގިނަ ޒުވާނުންނަނީ ބޭރުގެ ނުފޫޒުގައި ޖެހި އަދި ޒުވާންކަމުގެ ޖަޒުބާތާ ހެދި ޖަލަށް ވަންނަން ޖެހުނު މީހުން ކަމަށެވެ. އެ މީހުން އެގޮތުގައި ބޭތިއްބުމަށް ވުރެ ދޫކޮށްލުން ހަމަޖެހުމަށް މަގުދައްކާނެ ކަމަށެވެ.

އެ މީހުންނަށް ކުށެއް ކުރެވުނުކަން ނޭނގޭ ކަމަށާއި އެ މީހުން އެކަމާ ހިތާމަކުރާ ކަމަށްވެސް ޖުޑިޝަރީން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގައ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި އާންމުންގެ ކޮންމެ މީހަކަށް ވެސް ވަނީ މާފުކުރުމުގެ ކުރިން ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.

މި އަފޫއާންމުގައި މަރުގެ ހުކުމް އިއްވާފައި ތިބި މީހުންނާއި ބޭރުގެ ގައުމުތަކަށް -- އަދި ނޫސް މަޖައްލާތަކަށް ޖާސޫސްކޮށްދިން އެކަކުސް ހިމަނާފައި ނުވެ އެވެ.

އަފޫއާންމުގައި ދޫކޮށްލަން ހަމަޖެހިފައިވަނީ ކިތައް މީހުން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ކުށްވެރިން މިނިވަންކުރަން ހަމަޖެހިފައިވަނީ އީރާންގެ އިސްލާމީ އިންގިލާބަށް 44 އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ.