ދުނިޔެ

އަލީ ޚާމަނާއީ އަށް ބޮޑުބޭބެ ކިޔާ ފަރީދާ ތިން އަހަރަށް ޖަލަށް

އީރާންގައި މިފަހުން ކުރި މުޒާހަރާތަކަށް ތާއީދުކޮށް ސަރުކާރަށް ބަދުބަސް ބުނެ ޔޫޓިއުބުގައި ވީޑިއޯއެއް ޝެއާކުރި މައްސަލާގައި ހައްޔަރުކުރި ފަރީދާ މުރާދަޚާނީ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ފަރީދާ މުރާދަޚާނީ އަކީ އީރާންގެ އެންމެ މަތީ ލީޑަރު އަލީ ހާމަނާއީއަށް ބޮޑުބޭބެ ކިޔާ އަންހެނެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފަ އެވެ. އެއީ 2018 ގައި އަދި މިއަހަރުގެ ކުރީ ކޮޅު އެވެ.

އީރާންގެ އެކި ސަރަހައްދުތަކަށް އާންމުން ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފައި، ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހައި ވަނީ ބޮޑެތި ހަމަނުޖެހުންަތައް ހިންގާފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އާންމުގެ އެތައް ބަޔަކު ހައްޔަރުކޮށް ދަންޖައްސައި މަރަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

އީރާންގެ ސަރުކާރާ މެދު އާންމުގެ ހިތުގައި އަބަދުވެސް ނުތަނަވަސްކަން އޮވެ އެވެ.

މިހެން ކަން އޮއްވައި އީރާންގެ މޯރަލް ޕޮލިހުންގެ ބެލުމުގެ ދަށުގައި އިންދައި ޒުވާން އަންހެނަކު -- މަހްސާ އަމީނީ މަރުވި މައްސަލާގައި އާންމުން މަގުތަކަށް ނުކުމެ ފެށި މުޒާހަރާތައް މި ވަގުތަށް މަޑުޖެހިފައި އޮތަސް މުޅިން ހުއްޓައި ނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

މަހްސާ އަމީނީ، 22، ސެޕްޓެމްބަރު 16 ގައި މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް އާންމު ރައްޔިތުން ގަބޫލު ކުރެ އެވެ.

އީރާންގެ އެންމެ މަތީ ލީޑަރުގެ މަގާމުގައި އޭނާގެ ބޭބެ ހުންނެވި ނަމަވެސް ފަރީދާ ވަނީ ދުނިޔޭގެ ސަފުތަކުން އީރާން އެކަހެރިކޮށް އާންމު ރައްޔިތުންނަށް އިހުމާލުވާ ސަރުކާރުގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ދުނިޔެއަށް ގޮވާލާފަ އެވެ.

ފަރީދާގެ ވަކީލު މުހައްމަދު ހުސައިން އަޣާސީ ވިދާޅުވި ގޮތުގައި ފަރީދާއަށް ފުތަމަ އިއްވީ 15 އަހަރުގެ ޖަލު ހުކުމެެކެވެ. އެހެން ނަމަވެސް، އިސްތިއުނާފް ކުރުމުން އަދަބު ކުޑަކޮށްދިނީ އެވެ.

ހުސައިން އަޣާސީ ވިދާޅުވި ގޮތުގައި ފަރީދާގެ މައްސަލަ ބެލީ ސަރުއީ ނިޒާމުން ބޭރުގައި އޮންނަ -- އަދި ހަމައެކަނި އަލީ ޚާމަނާއީގެ އަމުރަށް ތަބާވާ ގޮތަށް އޮންނަ ވަކި ކޯޓަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިރާންގެ ހަމަނުޖެހުންތަކުގައި 458 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 63 ކުދިންނާއި 29 އަންހެނުން ހިމެނެ އެވެ.

މި ހުރިހާ މީހުން ވެސް މަރުވެފައި ވަނީ މުޒާހަރާކުރާ މީހުންގެ ތެރެއަށް ފުލުހުން ވަދެގަނެ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމުން ކަމަށް އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ އޮގަނައިޒޭޝަންތަކުން ބުނެ އެވެ.