ދުނިޔެ

އިރާގުގެ ބޮޑުވަޒީރު ސޫދާނީ އީރާންގައި ޓެރަރިޒަމް ނައްތާލެއްވުމުގައި

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާއު އައްސޫދާނީ މަގާމާ ހަވާލުވެ ވަޑައިގަތީ އޮކްޓޯބަރު 27، 2022 ގައެވެ. އޭނާ މިހާރު އުޅުއްވަނީ އީރާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، އެ ގައުމަށް ވަޑައިގެންނެވެ.

ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން އީރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މުހައްމަދު ޝިއާއުއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ އީރާންގެ ރައީސް، އިބްރާހީމް ރައީސީ އެވެ.

އީރާން އާއި އިރާގަކީ އެއްއިރެއްގައި ހަތުރުންނެވެ. އެމެރިކާ އަޑީގައި އޮވެގެން އީރާން އާއި އިރާގު ޒަމާންތަކެއް ވަންދެން ވަނީ ބޯޑަރު ހުރަސްކޮށް ހަމަލާ ބަދަލުކޮށް -- ބޮޑު ހަނގުރާމައެއް ކޮށްފަ އެވެ. އެހެން ނަމަވެސް ދެ ގައުމުން މިހާރު ބޭނުންވަނީ އެ ސަފުހާތައް ލައްޕާފައި ގުޅުން ބަދަހިކުރާށެވެ.

ސޫދާނީ ދަތުރުފުޅުގެ މައިގަޑު މަގުސަދަކީ އަދި ބޭނުންފުޅަކީ ވެސް މިއީ އެވެ. ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތައް ފެއްޓެވީ ޓެރަރިޒަމުންނެވެ. ބޯޑަރު ހުރަސްކޮށް އެއް ގައުމުން އަނެއް ގައުމަށް ދެވޭ ހަމަލާތަކާ ބެހޭ ގޮތުންނެވެ.

މިއީ ދެ ގައުމުގެ ސަރުކާރުގެ ސީދާ ބާރުހިނގާ ހަމަލާތަކެއް ނޫނެވެ. އެ ސަރަހައްދުގައި ހަނގުރާމަކުރާ ގުރޫޕްތަކުން މަސްލަހަތު ނަގާލުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ކޮންމެވެސް ތަނެއްގައި ހުޅުޖަހައި ބޮމެއް ގޮއްވާލަ އެވެ.

އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް އިރާގުގެ ސަރުކާރު މަސައްކަތްކުރާކަން ކަށަވަރުވުމަކީ އީރާނަށް ވެސް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.

އޭނާ އަދި ވިދާޅުވީ އިރާގުގެ އެއްބާރުލުން ލިބިއްޖެ ނަމަ ޓެރަރިސްޓް ގުރޫޕްތަކާ ދެކޮޅަށް ހަރަކާތްތެރިވާނެ ފައުޖުތަކެއް ދެ ގައުމުގެ ސަރުކާރަށް އެކުލަވާލެވިދާނެ ކަމަށެވެ.

އެގޮތުން އިރާގުން ކުރަން ޖެހޭ ކަމަކީ ހަނގުރާމަވެރި ގުރޫޕްތަކަށް އިރާގުގެ ފަސްގަނޑުން ޖާގަ ނުދިނުން ކަމަށް ރައީސީ ވިދާޅުވި އެވެ.

ސޫދާނީ ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ހަނގުރާމަވެރި ގުރޫޕްތައް ނައްތާލުން ކަމަށާއި އިރާގުގައި ތިބެގެން އީރާނަށް ހަމަލާ ދިނުމަކީ އިރާގުގެ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އީރާންގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތައް ފޯރިއެރުވުމުގައި އިރާގުގައި ތިބޭ ކުރިދީ އިދިކޮޅު ގުރޫޕުތަކުން ހިތްވަރުދޭ ކަމަށް އީރާނުން ބުނެ އެވެ.

އީރާނުން ބުނާ ގޮތުން މުޅި ގައުމުގައި ހުއްޓުމެއް ނެތި ކުރަމުންގެންދާ މުޒާހަރާތަކުގައި އެ ސަރަހައްދުގައި ދިރިއުޅޭ ސުންނީ މުސްލިމް ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.