ޓޫރިސްޓް އެރައިވަލް

ކްރޫޒްލައިނުން 600 ފަތުރުވެރިން މާލެއަށް

މާލެ ބޭރުގައި މިހާރު އޮތް ބިޔަ ކްރޫޒްލައިނާ "ސެވެން ސީސް އެކްސްޕްލޯރާ" ރާއްޖެ އައީ 600 ފަތުރުވެރިންނާއެކު އެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖެ އައި ކްރޫޒްލައިނާއަކުން މާލެއަށް ފަތުރުވެރިން ފޭބި ފުރަތަމަ ފަހަރެވެ.

ކްރޫޒްލައިނާ އިން މާލެއަށް 600 ފަތުރުވެރިން ފޭބި އެވެ. މީގެތެރެއިން ބައެއް ފަތުރުވެރިން ވަނީ ބައެއް ރަށްރަށާއި ރިސޯޓުތަކަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

"ސެވެން ސީސް އެކްސްޕްލޯރާ" އަކީ ދިގުމިނުގައި 224 މީޓަރު ހުންނަ 732 ފަތުރުވެރިންނާއި 567 ފަޅުވެރިންގެ ޖާގައިގެ ކްރޫޒްލައިނާ އެކެވެ.

މި ކްރޫޒްލައިނާ މިއަދު ހަވީރު މާލެއިން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮވިޑް19ގެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލި ފަހުން ފުރަތަމަ ކްރޫޒްލައިނާ "ޔޫރޮޕާ 2" ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެ ކްރޫޒްލައިނާގައި 400 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ނަމަވެސް ފަތުރުވެރިން އޭރު މާލެ ފައިބާފައެއް ނުވެ އެވެ.

ރާއްޖެއަށް ބައެއް ކްރޫޒްލައިނާތައް އައުމަށް ދަތުރުކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވަނީ އަވަސްއަށް ވިދާޅުވެފަ އެވެ.