އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ލިބިވަޑައިގެންފި އެވެ.
އޭއައިއައިބީ ބޭންކު ހުޅުވުމަށް ޗައިނާގައި އޮތް ބައްދަލުވުންތައް ނިންމާވާލެއްވުމަށްފަހު ރާއްޖެވަޑައިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖެ ފަދަ ގައުމެއްގެ ބޭފުޅަކަށް ސަރަހައްދީ ބޭންކެއްގެ ޑިރެކްޓަރުކަން ލިބިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭއައިއައިބީ ބޭންކު ހުޅުވުމަށްފަހު ބޯޑް އޮފްޑިރެކްޓާސް ހޮވި އިރު، އޭއައިއައިބީން ވަނީ އެ ބެންކުގެ އެކްޒެކެޓިވް ޑިރެކްޓަރަކަށް މިނިސްޓަރު ސައީދު ހިމަނާފަ އެވެ. ބޭންކުގެ އިންޓެރިމް ޕީރިއެޑް ނިމުމުން އެ މަގާމުގައި ހުންނެވުމަށް މިނިސްޓަރު ސައީދަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެ އެވެ.
"ބޯޑް އޮފް ޑިރެކްޓާސްގެ ތެރޭގައި މިނިސްޓަރު ސައީދު ހިމެނިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މީގެ ކުރިން ރާއްޖެ ފަދަ ގައުމަކުން އެފަދަ ސަރަހައްދީ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލުކޮށްފައެއް ނުވޭ. މިއާއެކު ދެން ލިބޭ އެންމެ ބޮޑު އެއް ފުރުސަތަކަށް ވާނީ، އަންނަ ޖޫން މަހުގައި އޮންނަ އަހަރީ ބައްދަލުވުމަށްފަހު އެ ބެންކަށް ރާއްޖޭގެ ފަރާތުން އެޑްވައިޒަރެއް ވެސް ހަމަޖެހުމުގެ ފުރުސަތު ލިބުން،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިޒް ވިދާޅުވި ގޮތުގައި ޑިރެކްޓަރުންގެ ބޯޑުގައި މިނިސްޓަރު ސައީދު ހިމެނި ވަޑައިގެންނެވުމަކީ ރާއްޖެއިން ހިންގާ އެކި މަޝްރޫއުތަކަށް އޭއައިއައިބީ އިން ލޯނު ފަސޭހައިން ހޯދަން މަގު ފަހިވާނެ ކަމެއް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ދިމާވާ ދަތި ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
"މި ދަތުރުގައި އޭއައިއައިބީގެ ރައީސް އާއި ވެސް އަޅުގަނޑު ބައްދަލުކުރިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭންކުން ވަރަށް ބޮޑަށް ސަޕޯޓް ދޭނެކަމުގެ ޔަގީންކަން ދެއްވި އޭއައިއައިބީގެ އަމާޒަކީ ބޭންކުން ލޯނު ދިނުމަށް ހޭދަވާ މުއްދަތު ވީހާވެސް ކުޑަކުރުން ކަމަށް ވެސް ވިދާޅުވި،" މިނިސްޓަރު މުއިޒް ވިދާޅުވި އެވެ.
އޭއައިއައިބީ ބޭންކަކީ، އޭޝިއާގެ ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަހައްދީ އެހެން ބޭންކް ތަކާއި ގުޅިގެން، އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ ތަރައްގީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން އުފެއްދި ބޭންކެކެވެ.